17 ނޮވެމްބަރ 2016
މި ސަރުކާރުގެ އެއްވެސް ގާނޫނީ ސައްހަކަމެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ އެއްވެސް ގާނޫނީ ސައްހަކަމެއް ނެތް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
މި ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން މައުމޫން ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުމޫންގެ ދަރިކަލުން ފާރިސް ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ކޯލިޝަނަކުން ކަމަށްވިޔަސް އެ ކޯލިޝަން މިހާރު ނެތް ކަމަށާއި ކެމްޕެއިން ތެރޭގައި ރައީސް ޔާމީން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދޭ ކަމަށެވެ. އެހެން މި ސަރުކާރު ގާނޫނީ ސައްހަކަން މިހާރު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު މިއޮތީ ލެޖިޓިމެޓް ސަރުކާރެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. ރައްޔިތުން ކައިރި ވައުދުތަކެއް ވެފައި، ރައްޔިތުން އިންތިޚާބުކުރީ ކަންތައްތަކެއް ކޮށްދޭނެ ކަމެއް ބުނުމުން. ދެވަނަ ބުރުގައި ވޯޓުލިއިރު ތިބީ ކޯލިޝަނެއްގެ ތެރޭގައި. އަމިއްލައަށް އެކަނި ނިކުމެ ވަޑައިގެންނެވީމަ 25 ޕަސެންޓް ލިބިވަޑައިގަތީ،" ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ފާރިސް ވިދާޅުވި އެވެ.
ފާރިސް ވިދާޅުވީ ސަރުކާރު ސައްހަ ނޫން ކަމަށް ގަބޫލު ކުރިޔަސް މަސައްކަތް ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމަށާއި މަސައްކަތް ކުރަމުންދަނީ މަޖިލިސް ތެރެއިން ކަންތައްތަކެއް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ މަސައްކަތްތައް ކުރަންޖެހެނީ މި ސަރުކާރަކީ މައުމޫނާއި އެމަނިކުފާނުގެ ގާތް ބޭފުޅުންގެ ތާއީދާ އެކު ގެނައި ސަރުކާރެއް ކަމަށްވާތީ ކަމަށް ފާރިސް ވިދާޅުވި އެވެ.
އެތައް ގުނައެއް ބޮޑުކޮށް ރައްޔިތުން އަތުން ޓެކްސް ނަގަމުން ދާއިރު ކޮރަޕްޝަން އެތައް ގުނައަކަށް އިތުރު ވެފައިވާ ކަމަށް ފާރިސް ވިދާޅުވި އެވެ. ބޮޑެތި މަޝްރޫއުތައް ހިންގަނީ އެތައް ގުނައެއް ބޮޑު އަގުގައި، އެކަމުން ބަޔަކަށް ފައިދާ ލިބޭ ގޮތަށް ކަމަށް ވެސް ފާރިސް ވިދާޅުވި އެވެ. ހުރިހާ ކަމެއް ވެސް މިހާރު ކުރަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ސައްހަކަން ގެއްލުނު މިންވަރަށް ވުރެ މާ ބޮޑަށް މި ސަރުކާރުގެ ގާނޫނީ ސައްހަ ކަން މިހާރު ގެއްލިފައިވާ ކަމަށެވެ. ސަރުކާރުގެ ސައްހަ ކަމާ މެދު ގޮތެއް ނިންމަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅަން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި ރަނގަޅު ޝަރުއީ ނިޒާމެއް އޮތް ނަމަ މި ސަރުކާރު ގާނޫނީ ސައްހަ ކަމެއް ނެތް ކަމަށް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑުމެންނަށް އިނގޭ ސުޕްރީމް ކޯޓު އަދި ދެން ހުރި ކޯޓުތައް ވެސް އަދުލު ގާއިމް ކުރާ ފަރާތްތައް އޮތް ހާލަތު އިނގޭތީވެ ބަހެއް ނުކިޔާ ތިބެނީ. އިންސާފުވެރި ކޯޓުތަކެއް އޮތް ނަމަ ރައީސް ޔާމީނަކަށް މި ސަރުކާރު ހިފައިގެނެއް ނޫޅެވޭނެ،" މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވި ގޮތުގައި މައުމޫނަށް ތާއީދު ކުރުމަށް ފަހު ފަހުން ރައީސް ޔާމީނަށް ތާއީދުކުރި މެމްބަރުންނަކީ އެކި ގޮތްގޮތުން ސަރުކާރުން ބިރު ދައްކައިގެން ގެންދިޔަ މެމްބަރުންނެވެ. މަޖިލިސް މެމްބަރުން ވެސް ބިރު ފަހަނަ އަޅައި ގޮސް، މި ސަރުކާރާ ދެކޮޅަށް ނިކުންނަން ޖެހޭ ކަމަށާއި މެމްބަރުންނަށް އެކި ގޮތްގޮތުން ބިރު ދެއްކިޔަސް ރައީސް ޔާމީން މަގާމުން ދުރު ކުރުމުގެ ބާރު މެމްބަރުންނަށް އެބައޮތް ކަމަށާއި އެހެންވެ އެއީ ބިރު ގަންނަންޖެހޭ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"މާދަމާ ވެސް ރައީސް ޔާމީން އަޒުލު ކުރަން އަޅުގަނޑުމެން ނިންމައިފިއްޔާ އެކަން ކުރެވޭނެއޭ. އެވަރުގެ ބާރުގަދަ ބައެކޭ އަޅުގަނޑުމެންނަކީ. ރައްޔިތުންގެ އަތުގައޭ ވެރިކަން އޮތީ. އެހެންވީމަ ކޮން ކަމަކާ ބިރުންތޯ އެ ބާރު ނުނަންގަވަންވީ؟،" މަޖިލިސް މެމްބަރުންނަށް ނިސްބަތް ކުރައްވައި، މުސްތަފާ ވިދާޅުވި އެވެ.
މުސްތަފާ ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ގެނައި އެމަނިކުފާނުގެ އެއްބަފާ ބޭބޭފުޅު ރައީސް މައުމޫނާ މެދު ނެތް ހަމްދަރުދީއެއް މަޖިލިސް މެމްބަރުންނަށް ނޯންނާނެ ކަމަށާއި މިއީ މަޖިލިސް މެމްބަރުން މިއަދު ވިސްނަންޖެހޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މިއީ ރާއްޖޭގެ އެތައް މިތަނުން އައިސް ތިބި މީހުން. އަޅުގަނޑުމެންނަށް ކޮން ރަނގަޅަކަށްތޯ ރައީސް ޔާމީން އެދިވަޑައިގަންނަވާނީ؟. އެދިވަޑައެއް ނުގަންނަވާނެ. އޭނާގެ ބައްޕައޭ ރައީސް މައުމޫނަކީ. ހުރިހާ މިނިސްޓަރު ކަމަކާއި ކުންފުނިތަކުގެ ވެރިކަމާ ދެއްވާފައި އެންމެ ފަހުން ތަބަކަކަށް ލައިގެން ރާއްޖޭގެ ވެރިކަން ދެއްވީ. އޭނާގެ އަމިއްލަ ބަފާގެ ކަތިވަޅިން ޖެހި މީހަކު ކޮން ރަނގަޅެއްތޯ ވާނީ؟" މުސްތަފާ ވިދާޅުވި އެވެ.
މިއީ ގޭންގް ސަރުކާރެއް ކަމަށް ސިފަ ކުރައްވައި، މުސްތަފާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ތަރައްގީ ލިބުނީ ހަމައެކަނި ކޮރަޕްޝަނަށް ކަމަށާއި ރައީސް އަބްދުﷲ ޔާމީން ވެވަޑައިގެންނެވި އެއްވެސް ވައުދެއް ނުފުއްދޭ ކަމަށެވެ. މިހާރު ރާއްޖޭގެ ހާލަތު އޮތްގޮތުން، އެހެން ބޭފުޅަކު ވެރިކަމަށް ވަޑައިގަތަސް ކުރަންޖެހޭނެ ހަމައެކަނި ކަމަކީ މި ސަރުކާރުން ނަގާފައިވާ ދަރަނިތައް ދެއްކުމާއި ކޮރަޕްޝަން ނައްތާލުން ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ރައީސް ޔާމީނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި އެ މައްސަލަ ކޯޓާ ހަމައަށް ދިއުމުން ކޯޓުން ވަނީ ޕާޓީ ހިންގުން ރައީސް ޔާމީނާ ހަވާލުކޮށް ހުކުމްކޮށްފަ އެވެ. އޭގެފަހުން ޕީޕީއެމް ތެރޭގައި ދެ ފެކްޝަނެއް އުފެދި، މައުމޫން ވަނީ އެމަނިކުފާނު މި ސަރުކާރަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވައިފަ އެވެ.
ދުންޔާގެ މެސެޖް ފާރިސް އަށް: ކެތްތެރިވެ، ހިތްވަރުކުރޭ
ފާރިސްގެ ޝަރީއަތަށް ބައެއް މީހުން ނުވެއްދި!
ތަހުގީގު ގާނޫނާ ޚިލާފު، ފާރިސް ވާހަކައެއް ނުދެއްކެވި
ފާރިސް ހައްޔަރު ކުރުމުން ދުންޔާ ހިތްހަމަނުޖެހިއްޖެ
ފާރިސް ހައްޔަރުކުރީ ހެއްކެއް ގަރީނާއެއް ނެތި: މައުމޫން
މައުމޫން މަސައްކަތްކުރައްވަނީ ވެރިކަމަށް ފާރިސް ގެންނަން
"ފާރިސް މަސައްކަތްކުރައްވަނީ މައުމޫންގެ އިރުޝާދަށް"
މެމްބަރުންގެ އަޑު ކަޑުވަން ކުރާ މަސައްކަތް ހުއްޓަންޖެހޭ
އޮފީހާއި ތަކެތި އަތުލިޔަސް އަޒުމެއް ނުގުޑާނެ: ފާރިސް
ޖަލަށްް ދާން ބިރެއް ނުގަނޭ: ފާރިސް