Roadha Mihaaru
ދެން އަޅާނެ ފިޔަވަޅަކާ މެދު ރައީސްއާ މަޝްވަރާކުރަނީ

ދެން އަޅާނެ ފިޔަވަޅަކާ މެދު ރައީސްއާ މަޝްވަރާ ކުރަނީ

11 މެއި 2021

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ، ބަލިން ރައްކާތެރިވުމަށް ދެން އަޅާނެ ފިޔަވަޅަކާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، މި ވަގުތު މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮވިޑް-19ގެ ހާލަތު ރާއްޖޭގައި މިހާރު ވަރަށް ބޮޑަށް ގޯސްވަމުން ދާތީ، ބަލިން ރައްކާތެރިވުމަށް ދެން އަޅާނެ ފިޔަވަޅަކާ މެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، މި ވަގުތު މަޝްވަރާ ކުރައްވަމުން ގެންދާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން މިރޭ ބުނެފި އެވެ.

ކޮވިޑްގެ ހާލަތު ކޮންޓްރޯލް ކުރުމަށް މާލެ ލޮކްޑައުން ކުރާ ކަމުގެ ވާހަކަތަކެއް މިއަދު ވަނީ ދެކެވިފަ އެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި އަންނަ ފިތުރު އީދަށް ފަހު އެ ފިޔަވަޅު އަޅާނެ އެވެ.

އެކަމަކު މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މާލެ ލޮކްޑައުންކުރުމާ ގުޅޭގޮތުން އަދި އިތުރުގޮތެއް ނުނިންމާ ކަމަށެވެ. ނަމަވެސް މިހާރަށްވުރެ ހަރުކަށި މޫވްމަންޓް ރިސްޓްރިކްޝަނެއް ގެންނަން ޖެހޭ ކަމަށާއި އެ ފިޔަވަޅުން ވެސް ކޮވިޑުގެ ހާލަތު ރަނގަޅުނުވާ ނަމަ ލޮކްޑައުނަކަށް ދިއުން އެކަށީގެންވާ ކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)އިން ބުނި ވާހަކަ އޭނާ ތަކުރާރު ކުރެއްވި އެވެ.

މަބްރޫކް ވިދާޅުވި ގޮތުގައި ލޮކްޑައުން ކުރުމާ ގުޅޭގޮތުން ރޭގައި އެއްވެސް ނިންމުމެއް ނުނިންމާ ކަމަށެވެ. އެކަމަކު ޕްރެސް ކޮންފަރެންސް ކުރިއަށް ދާ ވަގުތު، އެޗްއީއޯސީ އާއި ޓެގް ޓީމުގެ ބޭފުޅުން ރައީސްއާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅާނެ ރައްކާތެރިކަމުގެ ފިޔަވަޅާ ގުޅޭގޮތުން މިހާރު ދަނީ މަޝްވަރާ ކުރަމުން. މިރޭގެ މީޓިން ނިމޭއިރު އިތުރު ފިޔަވަޅެއް އެޅުން އެކަށީގެންވޭ،" މަބްރޫކް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ކޮންމެ ދުވަހަކު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 700އަށް ވުރެ އިތުރެވެ. މިއީ ވަރަށް މަތީ އަދަދެކެވެ. އެއާއެކު، ބަލިމަޑުކަން ކޮންޓްރޯލުން ނެއްޓިދާނެ ކަމުގެ ބިރާއެކު ފިޔަވަޅުތައް ދަނީ ހަރުކަށިކުރަމުންނެވެ. އޭގެ ތެރޭގައި މާލޭގައި ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު އިއުލާނުކުރުން ހިމެނެ އެވެ.

ފާއިތުވި ދެތިން ހަފުތާގައި ސާމްޕަލް ޕޮޒިޓިވިޓީ އާއި ފްލޫ ކްލިނިކްތަކުން ނަގާ ސާމްޕަލްތަކުން ޕޮޒިޓިވްވާ މިންވަރާއި ހޮސްޕިޓަލުގައި އެޑްމިޓްކުރާ މިންވަރު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.