Roadha Mihaaru
ސެރީ އާ ގައި ޔުވެންޓަސްއަށް ބައިވެރި ނުވެވޭނެ

ސުޕަ ލީގުގައި އޮވެ ސެރީ އާ ގައި ޔުވެންޓަސްއަށް ބައިވެރި ނުވެވޭނެ

11 މެއި 2021

ރޯމް (11 މެއި) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވެގެން އޮވެ، އަންނަ ސީޒަންގެ ސެރީ އާ ގައި ޔުވެންޓަސްއަށް ބައިވެރި ނުވެވޭނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރޯމް (11 މެއި) - ޔޫރަޕިއަން ސުޕަ ލީގުގައި ބައިވެރިވެގެން އޮވެ، އަންނަ ސީޒަންގެ ސެރީ އާ ގައި ޔުވެންޓަސްއަށް ބައިވެރި ނުވެވޭނެ ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހު އިއުލާންކުރި ޔޫރަޕިއަން ސުޕަ ލީގުގައި، ހަގީގީ ކުލަ ނުޖެހެނީސް އެ މުބާރާތް މިހާރު ވަނީ މަރުވެފަ އެވެ. އެ މުބާރާތުގައި ބައިވެރިވާން ސޮއި ކުރި 12 ކްލަބުގެ ތެރެއިން ނުވަ ކްލަބުން ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

މުބާރާތުން ވަކި ނުވެ އޮތް ތިން ކްލަބަކީ ޔުވެންޓަސްގެ އިތުރުން، ރެއާލް މެޑްރިޑާއި ބާސެލޯނާ އެވެ. ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓިނޯ ޕެރޭޒް، ސުޕަ ލީގުގެ ޗެއާމަން އެވެ. އޭނާގެ ވައިސް ޗެއާމަން އަކީ ޔުވެންޓަސްގެ ރައީސް އަންޑްރެއާ އަގްނެލީ އެވެ.

އިޓަލީން ބައިވެރިވި ތިން ކްލަބުގެ ތެރެއިން، މިލާންގެ ދެ ކްލަބުން ނަން އަނބުރާ ގެންގޮސްފައިވާއިރު ޔުވެންޓަސް އެ މުބާރާތުގައި ދެމި އޮތުމުން އެ ޓީމަށް ވަނީ ޕްރެޝަރު ބޮޑު ވެފަ އެވެ.

"ގަވާއިދު ވަރަށް ސާފު. އަންނަ ސީޒަންގެ ސެރީ އާ އަށް ކްލަބުތައް ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ޔުވެންޓަސް ސުޕަ ލީގުގައި ދެމިއޮވެއްޖެ ކަމުގައި ވާނަމަ ސެރީ އާ އިން އެ ޓީމަކަށް ފުރުސަތެއް ނުލިބޭނެ،" އިޓަލީގެ ރޭޑިއޯ ސްޓޭޝަނަކަށް ދިން އިންޓަވިއުގައި ގްރަވީނާ ވިދާޅުވި އެވެ.

"ސަޕޯޓަރުންނަށް ލަދުވެތި ކަމަކަށް މިކަން ވެދާނެ. ނަމަވެސް ގަވާއިދެއް އޮތިއްޔާ އެ ގަވާއިދު އެންމެންނަށް ހަމަހަމަ ވާނެ."

އަންނަ ސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައި ވުމުގައި ޔުވެންޓަސް އަށް ވަނީ އުނދަގޫ ކުރިމަތި ވެފ އެވެ. ތާވަލުގެ ފަސް ވަނައިގައި އޮތް ޓީމަށް މިހާރު އަމިއްލަ ބާރު ވަނީ ގެއްލިފަ އެވެ.

ސުޕަ ލީގުން ވަކިވި ނުވަ ކްލަބުން މާފަށް އެދުމުން ޔޫއެފާއިން ވަނީ އެ ނުވަ ކްލަބަށް އަދަބު ނުދޭން ނިންމައިފަ އެވެ. އެހެންނަމަވެސް ސުޕަ ލީގުން ވަކި ނުވެ އޮތް ކްލަބުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ޔޫއެފާއިން ބުނެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު، ޔުވެންޓަސް އާއި ރެއާލް އަދި ބާސާ ގުޅިގެން ނެރުނު ބަޔާނުގައި ވަނީ ޔޫއެފާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފަ އެވެ. އަދި އެ ކްލަބުތައް ނިންމި ނިންމުމަކާ ގުޅިގެން އިންޒާރު ދޭ ބީދއިން އެ ކްލަބުތަކާ ދެކޮޅަށް ޔޫއެފައިން މުހާތަބު ކޮށްފައި ވުމުން އެ ތިން ކްލަބުން ވަނީ އެކަންވެސް ފާހަގަ ކޮށްފަ އެވެ.