Roadha Mihaaru
މިލާނާ އެއްވަރުވެ ޔުވެންޓަސް މޮޅެއްގެ އިންތިޒާރުގައި

އޭސީ މިލާނާ އެއްވަރުވެ، ޔުވެންޓަސް މޮޅެއްގެ އިންތިޒާރުގައި

20 ސެޕްޓެމްބަރ 2021

ޓިއުރިން (ސެޕްޓެމްބަރު 20) - އިޓާލިއަން ސެރީއޭގައި ރޭ އޭސީ މިލާންއާ ވާދަކޮށް މެޗުން އެއްވަރުވެ، ލީގުގައި މި ސީޒަނުގެ ފުރަތަމަ މޮޅަކަށް ވާދަވެރި ޔުވެންޓަސް އަށް އަނެއްކާވެސް އިންތިޒާރު ކުރަން މަޖުބޫރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ޓިއުރިން (ސެޕްޓެމްބަރު 20) - އިޓާލިއަން ސެރީއޭގައި ރޭ އޭސީ މިލާންއާ ވާދަކޮށް މެޗުން އެއްވަރުވެ، ލީގުގައި މި ސީޒަނުގެ ފުރަތަމަ މޮޅަކަށް ވާދަވެރި ޔުވެންޓަސް އަށް އަނެއްކާވެސް އިންތިޒާރު ކުރަން މަޖުބޫރު ވެއްޖެ އެވެ.

ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅެއް ހޯދިފައި ނުވާ ޔުވެންޓަސް ރޭ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.

މެޗުގެ ވަރަށް ކުރީކޮޅު ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ ޔުވެންޓަސް އިންނެވެ. ހަތަރުވަނަ މިނިޓުގައި އެޓީމުން އުފެއްދި އަވަސް ކައުންޓަ އެޓޭކެއްގައި އަމިއްލަ ހާފު ތެރެއިން އެކަނި މާއެކަނި ބޯޅަ ހިފައިގެން ގޮސް އޭސީ މިލާނުގެ ކީޕަރު މައިކް މައިނޮންގެ ބޯ މަތިން ގޯލުގެތެރަށް ބޯޅަ ފޮނުވާލައިގެން މި ގޯލު އެޓީމަށް ކާމިޔާބު ކޮށްދިނީ އަލްވަރޯ މޮރާޓާ އެވެ. މިލާން އަށް މެޗުގެ 76 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ އެންޓޭ ރެބިޗް އެވެ.

މިއީ ވޭތުވެދިޔަ 60 އަހަރުތެރޭ ޔުވެންޓަސް އިން ލީގުގެ ފުރަތަމަ ހަތަރު މެޗުގައި މިހާ ދަށް ނަތީޖާއެއް ހޯދި ފުރަތަމަ ފަހަރެވެ. ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާ އެކު މި ވަގުތު އެޓީމު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ.

ނިމިދިޔަ ސީޒަނުގައި ޔުވެންޓަސް އަށް އިރުޝާދު ދިން އަންޑްރޭ ޕިރްލޯ މަގާމުން ދުރު ކުރުމަށް ފަހު މި ސީޒަނުގައި ޔުވެންޓަސްއަށް އަލުން ކޯޗު މެސިމޯ އަލެގްރީ ގެނައި ނަމަވެސް އެޓީމަށް އަދި މޮޅެއް ހޯދުނީ ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖު މެޗުގައި އެކަންޏެވެ. އޭސީ މިލާނަށް އެންމެ ފަހުން ލީގު ތައްޓެއް ހޯދައިދިން ކޯޗު އަލެގްރީ ވަނީ ޔުވެންޓަސްއާ ހަވާލުވި ފުރަތަމަ ފަހަރު އެ ޓީމަށް ވިދިވިދިގެން ފަސް ފަހަރު ލީގު ހޯދައިދީފަ އެވެ.