Roadha Mihaaru
ތަހުގީގެއް ނެތި އެތައް ބަޔަކު ކުށްވެރިންނަށް ހަދައިފި

ތަހުގީގެއް ނެތި އެތައް ބަޔަކު ކުށްވެރިންނަށް ހަދައިފި

13 މެއި 2021

‎އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި ހާމަކުރި ދިގު ލިސްޓަކީ ކޮރަޕްޝަނާ ދެކޮޅަށް ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރެ އެވެ. އެކަމަކު އަނެއް ބަޔަކަށް އެ ލިސްޓާ އެކު އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ލަދެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ކަމަށް މުޅި ގައުމަށް އިއުލާނުވީ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

‎އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ގޮތުގައި ހާމަކުރި ދިގު ލިސްޓަކީ ކޮރަޕްޝަނާ ދެކޮޅަށް ހޯދުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެއް ބަޔަކު ސިފަކުރެ އެވެ. އެކަމަކު އަނެއް ބަޔަކަށް އެ ލިސްޓާ އެކު އެއީ މިހާތަނަށް ލިބުނު އެންމެ ބޮޑު ލަދެވެ. ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ ބައިވެރިއެއް ކަމަށް މުޅި ގައުމަށް އިއުލާނުވީ އެވެ.

‎ލިސްޓުގައި ނަން އޮތް ކޮންމެ މީހަކީ ކުށްވެރިއެއް ކަމަށް ބަލައިގެން ނުވާނެ ކަމަށް، މި ޚިޔާނާތް ތަހުގީގުކުރުމުގެ ވެރިޔަކަށް ހުންނަވާ، އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އަހްމަދު އައްސަދު ވިދާޅުވިޔަސް ރައްޔިތުންގެ މަޖިލީހުން އެ ލިސްޓު ސިފަކޮށްފައި އެ އޮތީ ތަހުގީގުކޮށް ނިންމައި، ކުރި ހުކުމެއް ފަދައިންނެވެ.

‎ތަހުގީގަށް ފަހު ޖިނާއީ ދައުވާ ނުކުރަން ނިންމާފައިވާ މީހުންނާއި މި ޚިޔާނާތުގެ ކުށަށް އިއުތިރާފު ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އޭނާގެ ބައިވެރިން ބުނީތީ ލިސްޓުގައި ހިމެނި އަދި އެކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދަންޖެހޭ މީހުންނާއި ތަހުގީގު ކުރިއަށްދާ މީހުން ވެސް ލިސްޓުގައި ހިމެނެ އެވެ.

‎ވަކި ޕާޓީއަކަށް ނިސްބަތް ނުވާ، ވިލިމާލޭ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވީ އާންމުކުރި ލިސްޓުގައި އެފަރާތްތަކަށް ލިބުނު ފައިސާއަކީ ޚިޔާނާތުން ހޯދާފައިވާ ފައިސާކަން ނޭނގޭ މީހުންނާއި އަދި ކޮރަޕްޝަނުގެ އަމަލަކަށް ނުވާ ގޮތަށް ވެސް ފައިސާ ލިބުނު މީހުން ތިބިކަން އެގޮތަށް ދިމާވެފައިވާ ބައެއް މީހުންގެ ވާހަކަތަކުން ބެލެވޭއިރު ތަހުގީގު ފުރިހަމަ ނުވެ އޮތް ލިސްޓެއް މިފަދަ ގޮތަކަށް ނެރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށެވެ. އަދި އަދީބު އަތުން ފައިސާ ލިބުނު ބައެއް މީހުންނަށް އެއީ މަސައްކަތުގެ އަގު ކަމަށް ބަލައި ލިސްޓުގައި ނުހިމަނައި، އަނެއް ބަޔަކަށް ލިބުނު ފައިސާ އެއީ ޚިޔާނާތުގެ ފައިސާކަމަށް ބަލައި ލިސްޓުގައި ހިމަނާފައި ވުމުން ވެސް ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެމްއެމްޕީއާރްސީގެ ޚިޔާނާ ގުޅޭ ލިސްޓު ބައްލަވަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި އެމްއެމްޕީއާރްސީގެ ޚިޔާނާ ގުޅޭ ލިސްޓު ބައްލަވަނީ. -- ފޮޓޯ: އަހްމަދު އަވްޝަން/މިހާރު

‎"އަދީބުގެ ވަކީލުކަން ކުރި ބައެއް ފަރާތްތަކަށް ދިން ފައިސާ އެއީ މަސައްކަތުގެ އަގު ކަމަށް ވާތީ ލިސްޓުގައި ނަން ނެތިފައި، އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ކޮށްދިންކަމަށް ބުނާ ގާނޫނީ މަސައްކަތަށް ލިބުނު ފައިސާއަކީ ހިޔާނާތުގެ ފައިސާކަމަށް ބަލައި ލިސްޓުގައި ހިމަނާފަައި އޮތުމުން މިއީ އެއްވެސް ކަހަލަ އިންސާފުވެރި، ހަމަހަމަ އުސޫލަކުން ކޮށްފައިވާ ކަމެއް ނޫންކަން ވަރަށް ސާފު. ދެފަރާތަށް ވެސް ލިބުނީ އެމްއެމްޕީއާރުސީގެ ފައިސާ. ދެފަރާތާ ދެމެދު އަމަލުކުރި ގޮތް އުޑާ ބިމާހާ ތަފާތު،" އުޝާމް ވިދާޅުވި އެވެ.

‎އޭނާ ވިދާޅުވީ ދެން އޮތް މައްސަލަ އަކީ މި ލިސްޓަށް ބަލައިގެން މީހުންނާ މެދު ފިޔަވަޅު އެޅުން ކަމަށެވެ. މީހަކަށް ފައިސާ ދީފައިވާކަން ސާބިތު ކުރެވުނަސް އެއީ ޚިޔާނާތުން ހޯދާފައިވާ ފައިސާކަން އެ މީހަކަށް ނޭނގޭ ނަމަ އެއީ އެމްއެމްޕީއާރްސީގެ ފައިސާ ބޭނުންކުރި މީހުން ކަމަށް ބުނުމަކީ އިންސާފެއް ނޫން ކަމަށް އުޝާމް ވިދާޅުވި އެވެ. އުޝާމް ވިދާޅުވީ ތަހުގީގު ފުރިހަމަ ނުކޮށް، ބަލަންވާ ވަރަށް ނުބަލައި ބައެއްގެ ނަންތައް މިހެން ހާމަކޮށްލުމުން މިމުޅި ތަހުގީގުގެ މަގްސަދު އޮޅިފައިވާ ކަމަށެވެ.

‎"ގިނައިން ދީފައި ހުރި ކަމަށް މި ލިސްޓުގައި މި ހުރީ ނަގުދު ފައިސާ. އެ ފައިސާ ދިންކަން ސާބިތުކުރަން ބޭނުންކުރަން މި ޖެހެނީ އަދީބާއި އޭނާގެ ބައިވެރިން ބުނާ ބަހާއި ފޯނުތަކުން އެކްސްޓްރެކްޓް ކޮށްފައިވާ މެސެޖުތައް. ޖިނާއީ ދައުވާއެއް ކުރަން ބަލާއިރު ވެސް ދައުވާ ކުރެވޭނީ އެ މެސެޖު ލިބުނު ކަމަށް ބުނާ ފޯނުން އެ މައުލޫމާތު ނެގުމުގެ ހުއްދަ އޮތް ފަރާތަކުން އެކަން ކޮށްގެން. މިހާރު އެ ފޯނުތައް ކޮބައި ކަމެއް ވެސް ނޭނގެ. އެއިން ނަގާފައިވާ މައުލޫމާތުގެ ސައްހަކަމެއް ވެސް ނޭނގެ،" ގާނޫނީ ވަކީލް އުޝާމް ވިދާޅުވި އެވެ.

‎ލިސްޓުގައި ނަން ހިމެނުނު އެތައް ބަޔަކު އަންނަނީ މިހާތަނަށް ވެސް އެއިން ކަމެއްގެ ހަގީގަތް ހޯދަން ތަހުގީގީ އެއްވެސް އިދާރާއަކުން އެއްވެސް ސުވާލުކުރުމެއް ނެތި އެވަރުގެ ލިސްޓެއްގައި ނަން ހިމަނައި އާންމުކުރީތީ ޝަކުވާކުރަމުންނެވެ. އެނގިފައިވާ ގޮތުން، ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ތަހުގީގުގައި މިހާތަނަށް ސުވާލު ނުކުރާ މީހުންގެ އަދަދު ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަވާނެ އެވެ.

‎ލިސްޓަށް ނަން އެރުމުން މަގާމުން އިސްތިއުފާ ދެއްވި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ދެއްކެވީ މި ވާހަކަ އެވެ.

‎އަދީބުގެ ވަކީލުކަން ކުރި ބައެއް ފަރާތްތަކަށް ދިން ފައިސާ އެއީ މަސައްކަތުގެ އަގު ކަމަށް ވާތީ ލިސްޓުގައި ނަން ނެތިފައި، އެހެން ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ މެންބަރަކު ކޮށްދިންކަމަށް ބުނާ ގާނޫނީ މަސައްކަތަށް ލިބުނު ފައިސާ އަކީ ހިޔާނާތުގެ ފައިސާކަމަށް ބަލައި ލިސްޓުގައި ހިމަނާފަައި އޮތުމުން މިއީ އެއްވެސް ކަހަލަ އިންސާފުވެރި، ހަމަހަމަ އުސޫލަކުން ކޮށްފައިވާ ކަމެއް ނޫންކަން ވަރަށް ސާފު: އުޝާމް

އޭނާ ވިދާޅުވީ އެއީ 2014 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމްގެ ފަރާތުން ހުޅުހެންވޭރު ދާއިރާއަށް ވާދަކުރުމަށް ކެމްޕޭނަށް ޕާޓީން ދިން ފައިސާ ކަމަށެވެ.

"ދެ ފަހަރެއްގެ މަތިން ޕީޕީއެމް އޮފީހަށް ގެންގޮސްފައި ލިޔުމުގައި ސޮއިކުރުވާފައި އަޅުގަނޑަށް އެ ޕާޓީން ފައިސާ ހަވާލުކުރީ. އޭރު އެމްއެމްޕީއާރުސީގެ މިފަދަ ކަމެއް އުޅޭ ކަމެއް އެއްވެސް މީހަކަށް ނުވެސް އިނގޭ،" މިހާތަނަށް އެ ފައިސާއާ ގުޅޭ ގޮތުން އެއްވެސް ތާކުން ސުވާލުކޮށްފައި ނެތްކަން ފާހަގަކުރައްވަމުން ޒިޔަތު ވިދާޅުވެފައިވެ އެވެ.

ލިސްޓަށް ބަލާއިރު ޕީޕީއެމްގެ މަޖިލިސް މެންބަރުންނާއި މެންބަރު ކަމަށް ވާދަކުރެއްވި އެތައް ބަޔަކަށް ދިން ފައިސާ އަކީ ކެމްޕޭނަށް ހަވާލުކުރި ފައިސާ ކަމަށް އަދީބުގެ ބަޔާނާ ހަވާލާދީ ލިސްޓުގައި ވެސް ބުނެފައިވެ އެވެ.

ލިސްޓުގައި ނަން އޮތް އާންމުންގެ މީހަކު ބުނީ އޭނާ އަކީ ދުވަހަކު ސިޔާސީ ކަމެއްގައި އުޅުނު އަދި ދުވަހަކު ވެސް އަދީބާ ގުޅުމެއް ވެސް އޮތް މީހެއް ނޫން ކަމަށާއި ލިބުނު ކަމަށް އޮތް ފައިސާ އަކީ ރާއްޖޭން ބޭރުގައި ހުރި ކިޔަވާ ކުއްޖަކަށް ޑޮލަރު ބޭނުންވެގެން މީހެއްގެ ގާތު ބުނުމުން އެސްއޯއެފް މެދުވެރިކޮށް ހޯދައިދިން ޑޮލަރު ކަމަށެވެ.

"އެޔަށްވާ ދިވެހި ރުފިޔާ ދިންކަން އެނގެން އޮންނާނެ. އެސްއޯއެފުން އެ ލިބުނީ ބަޔަކު ވަގަށް ނަފާފައި ހުރި ފައިސާކަމެއް ކާކަށް އޭރު އެނގޭނީ،" އެ މީހާ ބުންޏެވެ.

އޭނާ ބުނީ ނިމިފައި އޮތް ކަމެއްގައި ވެސް ލިސްޓަށް ނަން އަރާފައި އެބަ އޮތް ކަމަށާއި އެކަމާ އެތައް ބަޔަކު ގުޅާތީ މިހާރު ހުންނަން ޖެހެނީ ލަދުން ކަމަށެވެ.

ލިސްޓާ މެދު ސުވާލު އުފެދޭ އެތައް ކަމެއް ހުއްޓަސް މީގެ މާނަ އަކީ ރައްޔިތުންގެ މަޖިލީހުގައި ވޯޓު ގަނެ ވިއްކުން ފަދަ ރިޝްވަތުގެ ހުތުރު އަމަލު ހިންގަން ފައިސާގައި ހިފާފައިވާ މީހުން ނެތުމެއް ނޫނެވެ. ނުނިޔަތުގައި ނުހައްގުން ފައިސާ ހޯދާފައި ނެތުމެއް ވެސް ނޫނެވެ. އެއީ ކޮންމެ ތާކުން ލިބިފައި ހުރި ފައިސާއަކުން ކުރި ކަމަކަށް ވިޔަސް ބޮޑެތި ކުށެވެ. އެކަމަކު މި ލިސްޓާ އެކު ރިޝްވަތުގެ އެފަދަ ނުބައި އަމަލުތަކުގެ ވާހަކަ ވެސް ނުދެކެވި މައްސަލައަކަށް މި ފެންނަނީ "އެމްއެމްޕީއާރްސީ ފައިސާ" ބޭނުންކުރުމެވެ. އެހެންވެ، އުޝާމް ވިދާޅުވި ގޮތަށް، ފައިސާ ލިބުން ކުށަކަށް ވެފައި އެ ފައިސާ އިން ކުރި ގޯސް ކަންކަމުގެ ވާހަކައެއް މިހާރު ނުދެކެވެ އެވެ.

"ވަގުންގެ ލިސްޓެއް" ގޮތުގައި ސިފަވެފައިވާ ލިސްޓުން ބައެއް ނަންތަން އުނިވެ އަދި އިތުރުވުން ވެސް އެކަށީގެންވާ ކަމަށް އެސެޓްސް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު ވެސް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މިވަރުގެ ލިސްޓެއް މިހާ ބޮޑު ޕަބްލިސިޓީއެއް ދީފައި އާންމުކުރަން ޖެހުނީ ކޮން ހާލަތެއް މެދުވެރިގެން ކަމެއް ވިދާޅެއް ނުވެ އެވެ.