Roadha Mihaaru

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ހުއްޓުވައިފި

ކޮވިޑުން ރައްކާތެރިވާން ހެލްތްު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވައިލާފައިވާ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ފުލުހުންް މިއަދު ހުއްޓުވައިފި އެވެ.

ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ހުއްޓުވައިފި
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

13 މެއި 2021

ކޮވިޑުން ރައްކާތެރިވާން ހެލްތްު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެކުލަވައިލާފައިވާ ގައިޑްލައިނާ ހިލާފަށް ހުޅުމާލޭގައި ބޭއްވި ސައިކަލު ބުރެއް ފުލުހުންް މިއަދު ހުއްޓުވައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގަައި ބޭއްވި ސައިކަލު ބުރެއް ހުއްޓުވާފައިވޭތޯ ސުވާލުކުރުމުން، ފުލުހުން މީޑީއާތަކަށް މައުލޫމާތު ދޭން ހާއްސަ ކޮށްފައިވާ ވަޓްސްއެޕް ގްރޫޕްގައި ބުނީ، އެޗްޕީއޭގެ މިންްގަނޑުތަކާ ހިލާފަށް ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ، ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތެއް ހުއްޓުވާފައިވާ ކަމަށެވެ.

އިރުމަތީ ގުދުސްގައި އިޒްރޭލުން ފަލަސްތީނުގެ އެތައް ބަޔަކަށް ދެމުންދާ ހަމަލާތައް މުސްލިމުން އަންނަނީ ކުށްވެރި ކުރަމުންނެވެ. ހުޅުމާލޭގައި މިއަދު ބާއްވަން އުޅުނީ އިޒްރޭލުގެ އެ ލާއިންސާނީ އަމަލުތަކާ ދެކޮޅު ސައިކަލް ބުރެކެވެ.

ފުލުހުން ވަނީ ކޮވިޑްގެ-19 ގެ ހާލަތު އިންތިހާ އަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި، އެޗްޕީއޭގެ ގަައިޑްލައިންތައް ތަންފީޒުކުރަން ކުރަމުންްދާ މަސައްކަތްތަކަށް އާންމުން އެއްބާރުލުން ދިނުމަށް އެދިފަ އެވެ.

ރާއްޖޭގެ ކޮވިޑްގެ އަދަދުތައް މިއިން ދުވަހަކު އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާތީ ފިޔަވަޅުތައް ވަރުގަދަކޮށް، އެ ފިޔަވަޅުތައް ތަންފީޒު ކުރޭތޯ ބަލަން ފުލުހުން ވަނީ އަނެއްކާ ވެސް ނުކުމެފަ އެވެ.

ހުޅުމާލޭގައި އޮތް ސައިކަލު ބުރަށް ފުލުހުން ހުރަސް އެޅިއިރު، ޓެރަރިސްޓް ހަމަލައިން ލިބުނު އަނިޔާތަކަށް އިތުރު ފަރުވާ އަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހެނދުނު ޖަރުމަނަށް ފުރާވަޑައިގަންނަވާތީ، އެ މަނިކުފާނަށް ތާއީދުކުރާ ގިނަ ބަޔަކު އޭޑީކޭ ހޮސްޕިޓަލް ކައިރި އަށް ޖަމާވި އެވެ. މަޖީދީ މަގާއި ސޯސަން މަގު ގުޅޭ ކަން މައްޗަށް ޖަމާވި އެ މީހުން ތިބީ އެއްވެސް ގައިދުރުކަމެއް ނެތި އެވެ. ނަމަވެސް އެ މީހުން އެ ސަރަހައްދުން ފޮނުވާލައި، އެޗްޕީއޭގެ ގައިޑްލައިނަށް ކަންކަން ފައްތަން ފުލުހުން އެއްވެސް މަސައްކަތެއް ނުކުރެ އެވެ. މި ކަމާ ގުޅޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ފުލުހުން ވަކި ޖަވާބެއް ނުދިނެވެ.