Roadha Mihaaru
ކޮވިޑް ފެސިލިޓީއަށް ގެންދަނިކޮށް ފިލި ދެ މީހުން ނުފެނޭ

ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެނޭ

23 މެއި 2021

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެޑްމިޓް ކުރަން ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން، އެޑްމިޓް ކުރަން ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަށް ގެންދަނިކޮށް ފިލި ދެ މީހުން އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ފިލި އެ ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބައެކެވެ. އެކަމަކު ކޮވިޑަށް ޕޮޒިޓިވްވުމުން، އެ މީހުން ބަންދުން ދޫކޮށްލައި، އެޗްޕީއޭގެ ބެލުމުގެ ދަށުން ކޮވިޑް ފެސިލިޓީ އަށް ގެންދަނިކޮށް ފިލީ އެވެ.

އެ މީހުން ފިލީ ކިހިނެއް، ކޮން ހިސާބަކުންކަން ފުލުހުން ނުބުންޏަސް، ހޯދުމުގެ މަަސައްކަތް ދަނީ ކުރަމުންނެވެ. އެއީ ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ބަޔަކަށް ވާއިރު، އެ ދެ މީހުންގެ ފަރާތުން އެހެން ބަޔަކަށް އެ ބަލި ޖެހުމުގެ ފުރުސަތު އޮތް ނަމަވސް، އެ ދެ މީހުންގެ ފޮޓޯއެއް ވެސް ފުލުހުން އާންމެއް ނުކުރެ އެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީގެ ކުރިން ވެސް ބައެއް މީހުން ފިލައިގެން އުޅުނު މައްސަލަތައް ފުލުހުންނަށް ރިޕޯޓްކޮށްފައިވެ އެވެ. އެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ކޮށްފައިވެ އެވެ.

ރާއްޖޭގައި ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާއިރު ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް އާންމުން ތަންފީޒުކުރަމުންދޭތޯ ބެލުމަށް މިހާރު އޮޕަރޭޝަން ހިންގަނީ ސިފައިންނާއި ފުލުހުން ގުޅިގެންނެވެ. އެގޮތުން މާލެ ސަރަހައްދުގައި ކާފިއު ހިންގާފައި އޮންނަ ވަގުތުތަކުގައި މާލެތެރެ ބެލެހެއްޓުމާއި މަގުމަތީގައި އުޅޭ މީހުން ހުއްޓުވައި ސުވާލު ކުރުމުގައި ސިފައިންނާއި ފުލުހުން ވެސް ހަރަކާތްތެރިވެ އެވެ.

މިހާރު ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޮސްވެފައި މިވަނީ މީގެ ކުރިން ކޮވިޑްގެ އެއްވެސް ރާޅެއްގައި ގޯސް ނުވާ މިންވަރަށެވެ. ހާއްސަކޮށް، މިހާރުގެ އެއް ކަންބޮޑުވުމަކީ އެ ބަލީގައި މަރުވާ މީހުންގެ އަދަދު ގިނަވުމެވެ. މި މަހުގެ މިހާތަނަށް އެކަނި ވެސް 50 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފަ އެވެ. ކޮވިޑް ބަލީގައި މިހާތަނަށް އެންމެ ގިނަ މީހުން ނިޔާވީ ވެސް މި މަހު އެވެ.