Roadha Mihaaru
ހިޔާނާތުގެ ތަހުގީގުން އެކަހެރިއެއް ނުކުރާނެ: އޭސީސީ

ބޮޑު ހިޔާނާތުގެ ތަހުގީގުން އޭސީސީގެ މުވައްޒަފުން އެކަހެރިއެއް ނުކުރާނެ: ކޮމިޝަން

13 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެސެޓް ރިކަވަރީ ކޮމިޝަނަށް ދޫކޮށްފައިވާ ހަތް މުވައްޒަފުން އޭސީސީގައި ތިބެގެން މަސައްކަތް ކުރަން ނިންމިޔަސް އެ ތަހުގީގުން އެ މުވައްޒަފުން ވަކި ނުކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެސެޓް ރިކަވަރީ ކޮމިޝަނަށް ދޫކޮށްފައިވާ ހަތް މުވައްޒަފުން އޭސީސީގައި ތިބެގެން މަސައްކަތް ކުރަން ނިންމިޔަސް އެ ތަހުގީގުން އެ މުވައްޒަފުން ވަކި ނުކުރާނެ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިންގި އެންމެ ބޮޑު ހިޔާނާތުގެ ތަހުގީގު އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަން އަދި ފުލުހުން ގުޅިގެން ކުރަން ފެށުމާއެކު، އޭސީސީގެ ހަތް މުވައްޒަފަކު ވަނީ އެ ތަހުގީގުގެ ބޭނުމަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ދޫކޮށްފަ އެވެ. އެ ހަތް މުވައްޒަފުން މިހާތަނަށް މަސައްކަތް ކުރަމުން އައީ އެސެޓް ރިކަވަރީ ކޮމިޝަންގައި ތިބެގެން ކަަމަށް ވިޔަސް މި މަހުގެ 23 އިން ފެށިގެން އެ މީހުން ނުކުންނާނީ އޭސީސީ އަށެވެ.

އެކަމަކު އެ މުވައްޒަފުން އަނބުރާ އޭސީސީ އަށް ގެންދަން ނިންމާފައިވާ ކަމަށް ބުނެ މީޑިއާގައި މިރޭ ދައްކާ ވާހަކަތަކާ ގުޅިގެން އެ ކޮމިޝަންގެ އިސް އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، އޭސީސީގެ އޮފީސް ސަކީނާމަންޒިލް އަށް ބަދަލު ކޮށްފައިވާއިރު، އެ މުވައްޒަފުން އެ އިމާރާތުގައި ތިބެގެން މަސައްކަތް ކުރަން މާ ކުރިން އޮތީ އެސެޓް ރިކަވަރީ ކޮމިޝަނާއެކު އެއްބަސްވެފައި ކަމަށެވެ.

"އޭސީސީގައި ތިބެގެން އެ މުވައްޒަފުން މަސައްކަތް ކުރަން ފެށިޔަސް އަދިވެސް ކުރާނީ އެސެޓް ރިކަވަރީ ކޮމިޝަނުން ހިންގާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުގެ ކަންކަން. އެ މީހުން އެސެޓް ރިކަވަރީ ކޮމިޝަންގައި ސްޓޭޝަން ވެގެން ތިބެގެން މިހާތަނަށް މަސައްކަތް ކުރަމުން އައީ ކުރިން އެގޮތަށް އެއްބަސްވެފައި އޮތީމާ،" އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

"އެކަމަކު، އަޅުގަނޑުމެންގެ އޮފީސް ސަކީނާމަންޒިލް އަަށް ބަދަލުކޮށް، ޖާގަ ވެސް ތަނަވަސްވުމުން އެސެޓް ރިކަވަރީ ކޮމިޝަނާ ވެސް ވާހަކަ ދެއްކެވިގެން ނިންމީ އޭސީސީގައި ސްޓޭޝަން ވެގެން ތިބެއޭ ދެން މަސައްކަތް ކުރާނީ،" އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އެ ތިން އިދާރާ އިން "ޖޮއިންޓް އިންވެސްޓިގޭޝަން" އެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު، އެ ތަހުގީގުގައި އެންމެ އިސް ދައުރެއް އަދާކުރާ ފުލުހުން ވެސް މަސައްކަތް ކުރަނީ އެސްޓް ރިކަވަރީ ކޮމިޝަންގައި ސްޓޭޝަން ވެ ތިބެއެއް ނޫނެވެ.

"އެހެންވީމާ މިކަމުގައި ވަކި ތަފާތެއް އަޅުގަނޑަކަށް ނުފެނޭ،" އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލާ ތަހުގީގު ޓީމުގައި ހިމެނޭ އޭސީސީގެ މުވައްޒަފުން އޭސީސީގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް އޮތީ މާކުރިން ނިންމައިފައި ކަމަށެވެ.

"އެއީ ދެ ފަރާތުން މަޝްވަރާކޮށް ނިމިފައިވާ ކަމެއް،" އޮފިޝަލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ބައިވެރިވި ކަމަށް ބުނާ 200 އަށް ވުރެ ގިނަ މީހުންގެ ނަން ހިމެނޭ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އަށް ދޫކުރުމުން، އެ ލިސްޓް ދިރާސާކުރި ކޮމިޓީން ފާސްކޮށް، ލިސްޓް ވަނީ އާންމުންނަށް ދޫކޮށްލައިފަ އެވެ. އެކަމަކު، ލިސްޓުގައި ހިމެނޭ ގިނަ މީހުންގެ ތަހުގީގު އަދިވެސް ނުނިމެ އެވެ. ތަހުގީގު ނުނިމޭ އަދި ގިނަ މީހުންނާ މިހާތަނަށް ސުވާލެއް ވެސް ނުކޮށް، އެ މީހުންގެ ނަންތައް ހާމަކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.