Roadha Mihaaru
އުދައަރައި އުތުރުގެ ގިނަ ރަށްތަކަށް ގެއްލުންވެއްޖެ

އުދައަރައި އުތުރުގެ ރަށްތަކަށް ގެއްލުން؛ އެހީތެރިކަން ފޯރުކޮށްދެނީ

14 މެއި 2021

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، އުތުރުގެ ބައެއް ރަށްތަކަށް އުދައަރައި، އެކިވަރުގެ ގެއްލުންތައް މިއަދު ލިިބިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، އުތުރުގެ ބައެއް ރަށްތަކަށް އުދައަރައި، އެކިވަރުގެ ގެއްލުންތައް މިއަދު ލިިބިއްޖެ އެވެ.

ރާއްޖޭގެ އެންމެ އުތުރުން، ހއ. ތުރާކުނާއި، ހަމަ އެ އަތޮޅު ހޯރަފުއްޓާއި އުލިގަމާއި އަދި ދިއްދޫ އަށް ވެސް ވަނީ އުދައަރައިފަ އެވެ. އުދައެރި އުތުރުގެ އެހެން ރަށްތަކުގެ ތެރޭގައި ށ. މިލަންދޫ އާއި އެ އަތޮޅު ކޮމަންޑޫ އަދި އަދި ފުނަދޫ ވެސް ހިމެނެ އެވެ. ރ. ވާދޫ އަށް ވެސް ވަނީ ވަރަށް ބޮޑަށް އުދައަރައިފަ އެވެ. މީގެ އިތުރުން ވެސް ބައެއް ރަށްރަށް އުދައިގައި ގެއްލުން ވަމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.

ތުރާކުނު ކައުންސިލުގެ ރައީސް އަލީ އަބްދުލްލަތީފު "މިހާރު" އަށް ވިދާޅުވީ މިއަދު ހެނދުނުން ފެށިގެން އެ ރަށުގެ ހުރިހާ ދިމާލަކުން އުދައަރަމުން ދާ ކަމަށެވެ. ނަމަވެސް، މީހުން ދިރިއުޅޭ ގެތަކާ ހިސާބަށް ފެންގަނޑު ފެތުރިފައި ނުވާ ކަމަށް ބުންޏެވެ. އެންމެ ބޮޑަށް އުދައަރަނީ އެ ރަށުގެ އުތުރު ފަރާތުންނެވެ.

"އެއީ މި ރަށުގެ ބައެއް ތާރީޚީ ތަންތަން ހުންނަ ހިސާބެއް. ލިބުނު ގެއްލުންތައް މި އަންނަނީ ބަލަމުން އެކަމަކު އެ ސަރަހައްދުގައި ވަރަށް ރާޅު ބޮޑުވެ، އޮއިވަރާއި ވައި ވެސް ގަދަވީމަ ރަށު ކައުންސިލާއި ރައްޔިތުންނަށް އަދި އެހިސާބަށް ގޮސް ކަންކަން ނުބެލިފައި މި ތިބީ،" ވައިގަދަވެ ބައެއް ގޭގެ ފުރާޅު ވެސް އެއްލާލައިފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ އެމްއެންޑީއެފްގެ އެހީއަށް ވެސް މިހާރު އެދިފައިވާ ކަމަށެވެ.

އުދައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ހޯރަފުށިންނެވެ. މިއަދު ހެނދުނުން ފެށިގެން އެ ރަށު އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ވަރަށް ބޮޑަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި.-- ފޮޓޯ: ކިޔުންތެރިއެއް

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި.-- ފޮޓޯ: ކިޔުންތެރިއެއް

އުދަ އަރަމުން ދަނީ ހޯރަފުށީ އެއާޕޯޓާއި ހެލްތު ސެންޓަރު ހުރި ދިމާލުން ކަމަށް ވާތީ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުން އަަންނަ ކަމަށް އެ ރަށު ކައުންސިލުން ބުނެފައިވެ އެވެ. ވާރޭވެހި ގޭގެއަށް ފެން ވަނުމާއި، ގަސްތައް ވެއްޓި ގެއްލުންވުން ފަދަ ކަމެއް އެ ރަށަކު ނުހިނގަ އެވެ. އެހެން ނަމަވެސް ފަޅު ތެރެއިން ބިން ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ބުންޏެވެ.

އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުން: އެންޑީއެމްއޭ

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ ޑެޕިއުޓީ ޗީފް އެކްޒެކެޓިވް މެނޭޖަރު އުމަރު ފިކްރީ ވިދާޅުވީ އުދައިގައި ގެއްލުން ލިބިގެން އަދި ރިޕޯޓްކޮށްފައި ވަނީ އުތުރު އަތޮޅުގެ ރަށްތަކުން އެކަނި ކަމަށެވެ. އެ ރަށްރަށުގެ ކައުންސިލާއި ފުލުހުންނާއި އަދި ސިފައިންނާ ގުޅިގެން އެހީތެރިކަން މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"ހދ. ކުޅުދުއްފުށީގެ ގެއެއްގެ ފުރާޅު އެއްލައިލައިގެން އެންޑީއެމްއޭ އިން ވާނީ އެމްއެންޑީއެފްގެ އެހީގައި މިހާރު އެ ގޭގައި ވަގުތީ ގޮތުން ފުރާޅެއް ލައިދީފައި. އުދައަރާ ބައެއް ރަށްރަށުގެ ގޭގެގައި ފެންވަނަ ނުދިނުމަށްޓަކައި ވެލި ބަސްތާ ޖެހުމަށް ވެސް މި އަންނަނީ އެހީވަމުން،" ފިކްރީ ވިދާޅުވި އެވެ.

ހއ. އުލިގަމަށް ގަދަވަޔާ އެކު ވިއްސާރަ ވެހެނީ--

ހއ. އުލިގަމަށް ގަދަވަޔާ އެކު ވިއްސާރަ ވެހެނީ--

އެ އިދާރާ އަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ގޭގެއަށް ފެންވަދެ، ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވުމެވެ.

އިއްޔެ ރާއްޖޭގެ ދެކުނު އަތޮޅުތަކަށް ކުރި ވިއްސާރާގައި އައްޑޫ އާއި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑު، ގޭގެއަށް ފެންވަދެ ގިނަ ގެއްލުންތަކެއް ވެސް ލިބިފައިވެ އެވެ. އެ ރަށްތަކަށް ވެސް އެ އިދާރާ އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

މި ދަނޑިވަޅުގައި ގޭގެއަށް ފެން ނުވަންނާނެހެން ވެލިބަސްތާ ފަދަ އެއްޗެހި ބޭނުންކޮށް ދުރާލާ ތައްޔާރުވެ ތިބުމަށާއި އަދި ފެން ޖެހިގެން ހަލާކު ވެދާނެ ފަދަ ތަކެތި ފެންނުޖެހޭ ފަދަ ތަންތަނަށް ބަދަލުކުރުމަށް އެ އިދާރާ އިން އިލްތިމާސްކުރެ އެވެ.

ރާއްޖޭގެ ސަރަހައްދަށް މިހާ މޫސުން ގޯސްވެފައިވާއިރު މެޓުން އިއްޔެ ބުނެފައިވާ ގޮތުގައި އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެއަށް އޭގެ ސީދާ އަސަރު ނުކުރިޔަސް، ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރާވިލާ އުފެދި، ގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ.

އުތުރުގެ އަތޮޅުތަކަށް މެޓުން ވަނީ މީގެ ގަޑިއެއްހާއިރު ކުރިން އަނެއްކާ ވެސް އޮރެންޖު އެލާޓް ނެރެފަ އެވެ. ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ އިތުރުން 34 މޭލާއި 40 މޭލަށް ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައި ބާރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ކަނޑުތައް ގަދަވެ، އުދަ އަރާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.