Roadha Mihaaru
އާދަޔާ ހިލާފަށް ގަދަ، ހޯރަފުށީ އެއާޕޯޓަށް ރާޅު އަރަނީ

އުތުރަށް ވަރަށް ގަދަ؛ ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާތީ ދަތުރުތައް ހުއްޓިއްޖެ

14 މެއި 2021

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ ގެއްލުންތައް ވަމުން ދާއިރު ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ ގެއްލުންތައް ވަމުން ދާއިރު ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށަށް މިހާރު ވެސް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެ އެވެ. އުދަ އަރަމުންް އަންނަނީ އެއާޕޯޓާއި ހެލްތު ސެންޓަރު ހުރި ދިމާލުން ކަމަށް ވާތީ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުން އަަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި، ވާރޭވެހި ގޭގެއަށް ފެން ވަނުމާއި، ގަސްތައް ވެއްޓި ގެއްލުންވުން ފަދަ ކަމެއް އެ ރަށަކު ނުހިނގަ އެވެ. އެކަމަކު ފަޅު ތެރެއިން ބިން ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ރަށުގައި ހިލަ ނުޖަހާ އޮތް ސަރަހައްދުން އަންނަ ރާޅު، އެއާޕޯޓްގެ ހައިވޭ އާއި ރަންވޭއަށް ވެސް އަރަމުންދާ ކަމަށެވެ. އަދި އެތަނަށް ވަރަށް ބޮޑަށް ވެއްޔާއި ގާ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ދަތުރުކުރުން ރައްކާތެރި ނުވާނެތީ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.

ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި، ވެއްޔާއި ގަލުން ފުރިފައި-

ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި، ވެއްޔާއި ގަލުން ފުރިފައި-

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި، ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލަށް ވެސް ގަދަ ވައިގައި ވަރަށް ބޮޑަށް ގެއްލުންވި އެވެ. އެތަނުގެ ބިއްލޫރި ބިއްގަނޑެއް ވެއްޓި ތަޅައިގެން ދިޔަައިރު ސީލިންގަށް ވެސް ގެއްލުން ވެފައިވެ އެވެ.

"މެންދުރެއްހާއިރަށް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓުން އެބަ ލަފާކުރޭ. އެހެންވެ އަޅުގަނޑުމެން މިދަނީ ރާޅު އަރާފާނެހެން ހީވާ ތަންތަނުގައި ވެލި ބަސްތާ ޖަހައި ތައްޔާރުވަމުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓްގެ ބިއްލޫރި ބިތްގަނޑު، ގަދަވަޔާ އެކު ވެއްޓިފައި

ހޯރަފުށީ އެއާޕޯޓްގެ ބިއްލޫރި ބިތްގަނޑު، ގަދަވަޔާ އެކު ވެއްޓިފައި

ހޯރަފުށީގެ އިތުރުން، ހދ. ކުޅުދުފުއްޓަށް ވެސް ގެއްލުންވެފައިވެ އެވެ. ވައިގަދަވެ، އެރަށުގެ މީހުން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ސިފައިންނާ ގުޅިގެން މިހާރު އެ ގޭގައި ޓިނު ޖަހައި އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން އެހީވަނީ

ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން އެހީވަނީ

ކުޅުދުފުއްޓަށް މިވަގުތު ވާރޭ ނުވެހުނަސް ވަރަށް ވައިގަދެ އެވެ. ސްކޫލުގެ ތިން ބުރީގެ އިމާރާތެއްގެ ފުރާޅުގެ ފެންފަތް ވެސް ނައްޓައިގެންދިޔަ އެވެ. އެތަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވެ އެވެ. އޭގެ އިތުރުން ވެސް، އިތުރު އިމާރާތެއްގެ ފުރާޅު އެއްލާލި އެވެ.

ލަތީފް ވަނީ ބައެެއް ގެތަކުން ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގަނީ ފުރާޅުގައި ޖަހަން ޖެހޭ ވަރަށް އިސްކުރު ނުޖަހާ ހުރުމުން ކަމުން، ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެެ.

އުތުރުގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ވިއްސާރަ އެވެ. ބައެއް ރަށްރަށުން ބުނި ގޮތުގައި މެދު ނުކެނޑި ގަދަ ވައި ޖެހެމުން ދަނީ އާދަޔާ ހިލާފަށެވެ.

ހއ. އުލިގަން ބަނދަރުގައި ދޯނިތައް އަޅާފައި. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި--

ހއ. އުލިގަން ބަނދަރުގައި ދޯނިތައް އަޅާފައި. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި--

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް މޫސުމާ ބެހޭ ގަައުމީ އިދާރާއިން ވަނީ ނެރެފަ އެވެ. ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ހޯރަފުއްޓަށް އުދަ އަރަނީ--

ހޯރަފުއްޓަށް އުދަ އަރަނީ--

ރާއްޖޭގެ ސަރަހައްދަށް މިހާ މޫސުން ގޯސްވެފައިވާއިރު މެޓުން އިއްޔެ ބުނެފައިވާ ގޮތުގައި އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެއަށް އޭގެ ސީދާ އަސަރު ނުކުރިޔަސް، ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރާވިލާ އުފެދި ގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ.