Roadha Mihaaru
އުތުރަށް ނެރުނު އޮރެންޖް އެލާޓް ދަންމާލައިފި

އުތުރަށް ނެރުނު އޮރެންޖް އެލާޓް މިރެއަށް ދަންމާލައިފި

14 މެއި 2021

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ނެރުނު އޮރެންޖް އެލާޓް މިރޭ 19:15 އާ ހަމައަށް ދަންމާލައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އާދަޔާ ޚިލާފަށް މޫސުން ގޯސްވެ، އުތުރުގެ އަތޮޅުތަކަށް ނެރުނު އޮރެންޖް އެލާޓް މިރޭ 19:15 އާ ހަމައަށް ދަންމާލައިފި އެވެ.

މެޓް އޮފީހުން އުތުރުގެ އަތޮޅުތައް ކަމަށްވާ ހއ އިން ފެށިގެން ޅ. އަތޮޅާ ހަމައަށް އޮރެންޖު އެލާޓް ނެރުނީ މިއަދު 15:15 ގަ އެވެ. ކުރިއަށް އޮތް ވަގުތުތަކުގައި އަދިވެސް އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާ އިން ބުނެ އެވެ.

އެ ހިސާބުތަކަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 60 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓުން ބުނެ އެވެ. އެހެންކަމުން ކަނޑުތައް ގަދަވެ، އުދައެރުމުގެ ފުރުސަތު އަދިވެސް އެބަ އޮތް ކަމަށެވެ.

އުތުރުގެ ވަރަށް ގިނަ ރަށްތަކަށް އުދައަރަމުންދާއިރު، އުދައިގައި މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިގެން ރިޕޯޓްކޮށްފައި ވަނީ ހއ.ހޯރަފުށިންނެވެ. މިއަދު ހެނދުނުން ފެށިގެން އެ ރަށު އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ވަރަށް ބޮޑަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

މެޓުން އިއްޔެ ބުނެފައި ވަނީ ރާއްޖެއަށް މި ދުވަސްވަރު މާ ބޮޑަށް މޫސުން ގޯސްވެފައި ވަނީ އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއްގެ ސަބަބުން ކަމަށެވެ. އަދި މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އޮތް ނަމަވެސް ތޫފާނުގެ ސީދާ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށެވެ. އެކަމަކު އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރަވިލާ އުފެދިފައި ވަތީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.