Roadha Mihaaru
އެމްޓީޑީސީން ނިންމީ ހިއްސާއަކަށް 80 ލާރި ދޭން

އެމްޓީޑީސީން ނިންމީ ހިއްސާއަކަށް 80 ލާރި ދޭން

15 މެއި 2021

އެމްޓީޑީސީން ހިއްސާއަކަށް 80 ލާރި ބަހަން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްޓީޑީސީން ހިއްސާއަކަށް 80 ލާރި ބަހަން އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ނިންމައިފި އެވެ.

އެމްޓީޑީސީން މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައި މިގޮތަށް ނިންމި ނަމަވެސް ހިއްސާގެ ފައިދާ ބެހުމާ މެދު ގޮތެއް ނިންމައި ފާސްކުރާނީ އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާގަ އެވެ. ހިއްސާ ބަހާނީ މިމަހުގެ 25 ކުރިން ކުންފުނީގައި ރަޖިސްޓްރީ ވެފައިވާ ހިއްސާދާރުންނަށެވެ.

މިދިޔަ އަހަރަކީ 11 އަހަރަށް ފަހު އެ ކުންފުނިން ހިއްސާގެ ފައިދާ ފުރަތަމަ ބެހި އަހަރެވެ. ހިއްސާގެ ފައިދާގެ ގޮތުގައި އެ ފަހަރު ބެހީ ހިއްސާއަކަށް 50 ލާރި އެވެ.

އެމްޓީޑީސީ އަށް މިދިޔަ އަހަރު 50.9 މިލިއަން ރުފިޔާގެ ފައިދާވި އެވެ. މާލީ ބޮޑެތި މައްސަލަތަކެއްގައި އޮތް ކުންފުންޏަކަށް މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 115 ޕަސެންޓުގެ އިތުރުވުމެކެވެ.

އެމްޓީޑީސީން ބުނީ މިއީ ޓެކްސް އަށް ނުކަނޑައި އެންމެ ބޮޑު ފައިދާއެއް ލިބުނު އަހަރު ކަމަށެވެ.

އެމްޓީޑީސީން އެންމެ ފުރަތަމަ ހިއްސާ ވިއްކަން ފެށީ 2007 ވަނަ އަހަރު އެވެ. އެ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިއްސާއެއް ވިއްކަމުން އައީ 100ރ. އަށެވެ. ނަމަވެސް 2014 ވަނަ އަހަރުން ފެށިގެން ހިއްސާއެއްގެ މޫނުމަތީ އަގު 10ރ. އަށް ވަނީ ދަށްކޮށްފަ އެވެ.