ހދ. ވައިކަރަދު އާއި އެ އަތޮޅު މަކުނުދޫގެ ދޮންކެޔޮ ދަނޑުތައް، މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
15 މެއި 2021
ހދ. ވައިކަރަދު އާއި އެ އަތޮޅު މަކުނުދޫގެ ދޮންކެޔޮ ދަނޑުތައް، މިހާރު މުޅި ރާއްޖެ އަށް ކުރަމުންދާ ވިއްސާރައި ވަރަށް ބޮޑަށް ހަލާކުވެއްޖެ އެވެ.
އަރަބިކަނޑުގައި އުފެދުނު ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، ބާރުގަދަވިއިރު އިއްޔެ އިން ފެށިގެން ރާއްޖޭގެ އެންމެ އުތުރަށް ވަނީ ވަރަށް ބޮޑަށް ވައިގަދަވެ މޫސުން ގޯސްވެފަ އެވެ. އާދަޔާ ހިލާފަށް ވައިގަދަވެ، އެ ސަރަހައްދުގެ ބައެއް ރަށްރަށަށް ބޮޑެތި ގެއްލުންތަކެއް ލިބުނު އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވާފިރު މިއަދު ވިދާޅުވީ، އެ ރަށުގެ ދޮންކެޔޮ ދަނޑުތައް މި ކޮޅިގަނޑުގައި ވަނީ ބިމާ ހަމަވެފައި ކަމަށެވެ. ގާތްގަނޑަކަށް 161 ދަނޑު އެ ރަށުގައި އޮންނައިރު، ގިނަ ދަނޑުތަކުގައި ހައްދަނީ ދޮންކޭލެ އެވެ. އެކަމަކު ކޮޕީ ފަތާއި މިރުސް ފަދަ އިތުރު ބާވަތްތައް ވެސް ބައެއް ދަނޑުތަކުން ހައްދަ އެވެ.
ވާފިރު ވިދާޅުވިގޮތުގައި، ގާތްގަނޑަކަށް ހުރިހާ ދަނޑަކަށް ވެސް އިއްޔެ ގެއްލުންވި އެވެ. ދޮންކެޔޮ ފީނިތައް ވެއްޓި އެހެން ބާވަތްތަކުގެ ގަސްތަކަށް ވެސް ގެއްލުންް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
ވައިކަރަދޫން އިއްޔެ 1،000 އަށް ވުރެ ގިނަ ދޮންކެޔޮ ގަސް ވެއްޓުނެވެ.
ވާފިރު ވިދާޅުވީ ރޭ ވެސް ކޮޅިގަނޑެއް އައި ކަމަށާއި މިހެންކަމުން ވެއްޓުނު ދޮންކެޔޮ ގަހުގެ އަދަދު މާބޮޑަށް ވެސް އިތުރުވާނެ ކަމަށެވެ.
ކޮޅިގަނޑުގައި ހދ. ވައިކަރަދޫ ދޮންކެޔޮ ދަނޑަށް ގެއްލުންވެފައި--
އެ ރަށުުގައި ހައްދާ ދޮންކެޔޮ ފަދަ ތަކެތި އާންމުކޮށް ގެނެސް ވިއްކަނީ މާލޭގަ އެވެ. ރިސޯޓުތަކުން ވެސް އެެ ގަނެ އެވެ. އެކަމަކު ކޮވިޑާ ހެދި ދަނޑުގަައި ހެއްދި ސާމާނުކޮޅު ވިއްކާ ނުލެވެނީސް ކޮޅިގަަނޑުގަައި މިވަނީ ދަނޑުވެރިންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެފަ އެވެ.
ވައިކަރަދޫގެ ދަނޑުތައް ހަލާކުވިއިރު ގިނަ ކެޔޮ ގަސްތަކުގައި ކެޔޮގަނޑު އޮތީ އަޅައިފަ އެވެ. ކެޔޮގަނޑު ހަރުވެފައި ހުރި ބައެއް ގަސްތައް ވެސް އޮތީ ވެއްޓިފަ އެވެ.
ގަދަވަޔާ އެކު ވައިކަރަދޫގެ ގިނަ ދޮންކެޔޮ ދަނޑުތަކަކަށް ވަނީ ގެއްލުންވެފައި--
މި ކޮޅިގަނޑުގައި މަކުނުދޫގެ ވެސް 95 ޕަސެންޓް ދަނޑުތަކަށް ވަނީ ގެއްލުންވެފަ އެވެ.
އެ ރަށު ކައުންސިލުން ބުނިގޮތުގައި، 57 ދަނޑު އޮންނައިރު އެ ދަނޑުތަކުގައި ހައްދާފައިވާ ދޮންކެޔޮ ގަސްތަކުގެ ތެރެއިން 700 އެއްހާ ގަސް ވަނީ ވެއްޓިފަ އެވެ. މި ގަސްތަކުގެ ތެރޭގައި ވެސް ކެޔޮގަނޑު އަޅާފައި ހުރި ގަސްތައް ވެސް ހިމެނެ އެވެ.
މަކުނުދޫ ކައުންސިލުން ބުނީ ކޮންމެ ދަނޑަކަށް ވެސް ލިބުނު ގެއްލުން ކައުންސިލަށް އަންގަން ދަނޑުވެރިންގެ ކައިރީގައި އެދިފައިވާ ކަމަށެވެ.
ކޮޅިގަނޑުގައި ގެއްލުން ލިބުނީ ދަނޑުތަކަށް އެކަންޏެއް ނޫނެވެ. ގޭގޭގައި އިންދާފައި ހުރި ބަބުކެޔޮ ގަސްތައް ވެސް ވެއްޓި ގެއްލުން ލިބުނެ އެވެ.
ވައިކަރަދޫ ކައުންސިލްގެ ރައީސް ވިދާޅުވާ ގޮތުގައި އިއްޔެގެ ކޮޅިގަނޑުގައި ވަނީ އެ ރަށުގެ ބަނދަރު ސަރަހައްދު ވެލިގަނޑު ކަނޑައިގެން ގޮސްފައި ހިލަތައް ވެސް ފައިބައިފަ އެވެ. ބަނދަރުގެ ލައިޓްތައް ވެސް ވެއްޓިފައިވާ ކަމަށާއި ދޯނިފަހަރަށް ވެސް ގެއްލުންވި ކަމަށް އޭނާ ވިދާޅުވި އެވެ.
ރަށަށް ލިބުނު ގެއްލުންތަކާ ގުޅިގެން އެހީ ހޯދަން، ކަމާ ބެހޭ ފަރާތްތަކަށް ވެސް ސިޓީ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވެ އެވެ. ކުއްލި ކާރިސާތަކަށް އެހީވުމަށް ރަށްރަށުގެ ކައުންސިލްތަކަށް ބަޖެޓް ނުދޭތީ އެކަމުގެ ނުރުހުން ވެސް ފާޅުކުރި އެވެ.
ކޮޅިގަނޑުގައި އުތުރުގެ ގިނަ ރަށްތަކަކަށް ގެއްލުންވިއިރު ކުރިއަށް އޮތް 24 ގަޑިއިރު ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކުރެ އެވެ.
މެޓުން ބުނީ ރާއްޖެއާ ދުރަށް ތޫފާން ދަތުރުކުރި ނަމަވެސް ރާއްޖެ އަށް ހުޅަނގު މޫސުން ފެށިފައިވާތީ ވިއްސާރަ ކުރާނެ ކަމަށެވެ.
އާމްދަނީ ހޯދަން އެހެން ގޮތެއް؛ މާ ކާމިޔާބު!
ކަނޑަށް ދޫވި މޭވާތައް ނަގައި، ވެރިފަރާތާ ހަވާލުކުރަނީ
ކޮޅިގަނޑެއްގައި ވައިކަރަދޫ ދަނޑުތަކަށް ގެއްލުންވެއްޖެ
ބޯކޮށް ވާރޭ ވެހި، ފެން ހިންދުމަށް ސިފައިން ނިކުމެއްޖެ
އުތުރަށް މޫސުން ގޯސްވާނެތީ ސަމާލުވާން އެދެފި
މާލެއިން 17،000 އެއްހާ ޓަނުގެ ފެން ހިންދައިފި
48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
11،000 ލީޓަރު ފެން ހިންދޭ ޕަމްޕް ބޭނުންކުރަނީ
ފެންބޮޑުވެ ނަޖިސް ބޭރުވެގެން 40 މީހަކު ވަގުތީހިޔާއަށް
ގިނައިން ވާރޭ ވެހުނު ކަމުގެ ރެކޯޑު ދިއްފުއްޓަށް