Roadha Mihaaru

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް، އެންމެން ސަލާމަތް ކޮށްފި

ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

02 މާޗް 2025

ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރަމުންދިޔަ ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުނުއިރު، ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ.

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ.--

48 މީހުންނާއެކު ދަތުރުކުރި ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ.--

އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ. އެ އެންމެން މިހާރު ވަނީ ސަލާމަތްކޮށް، ދިގުރަށަށް ގެންގޮސްފަ އެވެ. ފުލުހުން ބުނީ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ. އަދި ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަނީ މީހުންތައް ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބަ އެވެ.

މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

48 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ--

48 މީހުންނާއެކު ދަތުރުކުރަމުންދިޔަ ލޯންޗެއް އަޑިއަށް ދިއުމުން މީހުން ސަލާމަތް ކުރަން ފުލުހުން ހަރަކާތްތެރިވަނީ--

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އެއީ، ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ.

މެޓުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.