Roadha Mihaaru
ހޯރަފުށި އެއާޕޯޓު އިންޝުއާ ނުކޮށް، ބޮޑު ގެއްލުމެއް!

ހޯރަފުށި އެއާޕޯޓު އޮތީ އިންޝުއާ ނުކޮށް، ބޮޑު ގެއްލުމެއް!

15 މެއި 2021

ރާއްޖެ އަށް މިހާރު ކުރާ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އަށް އުދައަރައި، އެ އެއާޕޯޓު ފެނުއަޑީގައި އޮތް އިރު، އެތަން އިންޝުއާ ނުކުރާ ކަމަށާއި އެހެންވެ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް މިހާރު ކުރާ ގަދަ ވިއްސާރައިގައި ހއ. ހޯރަފުށީ އެއާޕޯޓުގެ ރަންވޭ އަށް އުދައަރައި، އެ އެއާޕޯޓު ފެނުއަޑީގައި އޮތް އިރު، އެތަން އިންޝުއާ ނުކުރާ ކަމަށާއި އެހެންވެ އެއީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ރީޖަނަލް އެއާޕޯޓްސް އިން މިއަދު ބުނެފި އެވެ.

މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ "މިހާރު" އަށް ވިދާޅުވީ އޭނާ އެ ކުންފުންޏާ ހަވާލުވެވަވަޑައިގެންނެވިއިރު ވެސް، މި ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން ހެދި ހޯރަފުށީ އެއާޕޯޓު އޮތީ އިންޝުއާ ނުކޮށް ކަމަށެވެ.

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ފުރަތަމަ އެއާޕޯޓުގެ އިންޝުއަރެންގެ ކަންކަން މިހާރު ފަށާފައިވާ ކަމަށް މި އަހަރުގެ ޖެނުއަރީ މަހު، ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް އައްޔަންކުރި ރިޒްވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެއާޕޯޓު އިންޝުއާ ނުކޮށް އޮތުމުގެ ސަބަބުން ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ އެވެ.

"އެއާޕޯޓު އޮޕަރޭޝަނަށް ގެންނައިރު އޮންނަން ޖެހޭނީ އިންޝުއާ ކޮށްފައި. އެކަމަކު ހޯރަފުށި އެއާޕޯޓު އަދިވެސް އޮތީ އިންޝުއާ ނުކޮށް. މީގެ ސަބަބުން ލިބޭނެ ގެއްލުން ވަރަށް ބޮޑު،" ގައުމީ އެއާލައިން، މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ރިޒްވީ ވިދާޅުވި އެވެ.

ރާއްޖޭގެ މޫސުން މި ދުވަސްވަރު ގޯސްވުމުގެ ސަބަބުން ހޯރަފުށި އެއާޕޯޓަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އެގޮތުން، އެއާޕޯޓުގެ ރަންވޭ އަށް އުދަ އެރުމާގުޅިގެން ރަންވޭ އަށް ފަސް އަރާފައިވާއިރު ޓާމިނަލަށާއި އެތަނުގައި ބޭނުން ކުރާ ބައެއް ސާމާނުތަކަށާއި އެކޮމޮޑޭޝަން ބްލޮކަށް ވެސް ވަނީ ގެއްލުންވެފަ އެވެ.

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި: ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި މި ފެށޭ ހަފުތާގައި މި އެއާޕޯޓު އެއްކޮށް ބަންދު.--.ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖެ އަށް މިހާރު ކުރަމުންދާ ވިއްސާރާގައި ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި: ލިބުނު ގެއްލުންތަކުން އަރައިގަތުމަށްޓަކައި މި ފެށޭ ހަފުތާގައި މި އެއާޕޯޓު އެއްކޮށް ބަންދު.--.ފޮޓޯ: ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި މުޅި އެއާޕޯޓު އޮތީ ފެނު އަޑީގަ އެވެ.

ރިޒްވީ ވިދާޅުވިގޮތުގައި، ހޯރަފުށީ އެއާޕޯޓަށް މާލީ ގޮތުން ވެފައިވާ ގެއްލުން ބެލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. މިހާތަނަށް ލިބިފައި ހުރި ގެއްލުންތައް ދިރާސާކުރަން އެމްޓީސީސީގެ ޓީމަކުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރިޒްވީ ވިދާޅުވި، އެއާޕޯޓަށް އުދައެރީ އެތަން ހެދިއިރު ވަށައިގެން ތޮށި ލާފައި ނެތުމުން ކަމަށެވެ.

ނޮވެމްބަރު 19، 2020 ގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުއްވައި ދެއްވި މި އެއާޕޯޓު ހެދީ 198 މިލިއަން ރުފިޔާ އަށް އެމްޓީސީސީންނެވެ.

"އެއާޕޯޓު ތަރައްގީކޮށް ނިމުނު އިރު ޝޯލައިނެއް ނެތް. އެއީ އެހާ ބޮޑަށް އުދަ އެރި ސަބަބަކީ،" ރިޒްވީ ވިދާޅުވި އެވެ.

އުދައެރުމުގެ ސަބަބުން ހޯރަފުށީ އެއާޕޯޓުގެ އޮޕަރޭޝަން ވަނީ މެދުކަނޑާލައިފަ އެވެ.

އަލުން އޮޕަރޭޝަން ފެށޭނެ ތާރީހެއް އެނގޭނީ މި ހަފުތާ އަށް ފަހު ކަމަށް ރިޒްވީ ވިދާޅުވި އެވެ. އެހެންކަމުން މި ފެށޭ ހަފުތާ އެއްކޮށް އެ އެއާޕޯޓު ބަންދުވާނެ އެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް ވަނީ ތަރައްގީކޮށްފަ އެވެ. ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9،473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވަނީ ހަދައިފަ އެވެ.