Roadha Mihaaru
ކޮވިޑްގައި މިއަދުގެ މިހާތަނަށް 6 މަރު

ކޮވިޑްގައި މިއަދުގެ މިހާތަނަށް 6 މަރު

19 މެއި 2021

ކޮވިޑްގައި ރާއްޖެއިން މިއަދުގެ މިހާތަނަށް ހަ މީހަކު މަރުވެ ރެކޯޑަކަށް ވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑްގައި ރާއްޖެއިން މިއަދުގެ މިހާތަނަށް ހަ މީހަކު މަރުވެ ރެކޯޑަކަށް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި މިއަދު މަރުވެފައިވާ އެކަކީ އައިޖީއެމްއެޗުގެ އިމަޖަންސީ ރޫމަށް ގެންދިޔަ އުމުރުން 73 އަހަރުގެ ފިރިހެނެކެވެ.

މިއަދު ހެނދުނު 7:25 ހާއިރު އެ މީހާ މަރުވެފައިވާއިރު އޭގެ ފަހުން، ހެނދުނު 8:44 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އުމުރުން 51 އަހަރުގެ އިންޑިއާ ފިރިހެނަކު ވެސް މަރުވެފައިވެ އެވެ. އަދި 8:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 63 އަހަރުގެ ދިވެހި އަންހެނަކު ވެސް މަރުވެފައިވެ އެވެ.

ދެން މަރުވެފައިވާ މީހާއަކީ ވެސް ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން އައި އުމުރުން 66 އަހަރުގެ އަންހެނެކެވެ.

މިއީ މިއަދުގެ ކޮވިޑްގެ ހަ ވަނަ މަރެވެ. މިހެންކަމުން، މިއީ އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި ދުވަހެ އެވެ.

މިއަދު ވަނީ ލ. ގަމު ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން އައި ދެ މީހަކު މަރުވެފަ އެވެ. އޭގެ ތެރެއިން، އުމުރުން 87 އަހަރުގެ ފިރިހެން މީހާ ރޭ ދަންވަރު 1:00 ހާއިރު މަރުވިއިރު 66 އަހަރުގެ އަންހެން މީހާ މަރުވީ ދަންވަރު 3:00 ހާއިރު އެވެ.

މިއާ އެކު މިމަހުގެ ތެރޭގައި ކޮވިޑްގައި މަރުވި މީހުންގެ އަދަދު 37 އަށް އެރީ އެވެ. މިއީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށީއްސުރެ އެއް މަހެއްގައި އެންމެ ގިނަ ބަޔަކު މަރުވި މަހެވެ.

ރާއްޖޭގައި ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދު 111 އަށް އަރަ އެވެ.