Roadha Mihaaru
ގަވާއިދަށް ނުފެތޭ ބިދޭސީން ހުޅުމާލެ އަށް

ކާފިއު ގަޑީގައި ބޭރުގައި އުޅޭ ބިދޭސީން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ގެންދަނީ

30 މެއި 2021

މާލެ ސަރަހައްދުގައި ކާފިއު ގަޑީގައި ބޭރަށް ނުކުމެ އުޅޭ، ވޯކް ވިސާ ނެތް ބިދޭސީން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި ކާފިއު ގަޑީގައި ބޭރަށް ނުކުމެ އުޅޭ، ވޯކް ވިސާ ނެތް ބިދޭސީން ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ގެންދިއުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މި މަސައްކަތް ކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެންނެވެ. އެ މީހުން މާލެ އިން ހުޅުމާލެ އަށް ގެންދިއުމުގެ މަސައްކަތް ކޮށްދެނީ އެމްޕީއެލް އިންނެވެ.

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިހާރު ގެންގޮސްފައިވާ، ގަވާއިދަށް ނުފެތޭ ބިދޭސީން، އެމްޕީއެލްގެ ބަސްތަކުގައި މާލެ އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ގެންދިއުމުގެ މަސައްކަތް މިއަދު ހެނދުނުން ފެށިގެން އަންނަނީ ކުރަމުންނެވެ.

މި ބިދޭސީން ގެންދަނީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިކޮނޮމިކް މިނިސްޓްރީން އެ މީހުންނަށް ހަމަޖައްސައިދީފައިވާ ހާއްސަ ހިޔާވައްސަކަށެވެ.

އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) "މިހާރު" އަށް މިއަދު ވިދާޅުވީ ރަސްމީ ލިޔެކިޔުމެއް ނެތި އުޅޭ ބިދޭސީން ފާހަގަކޮށް، އެ އިދާރާގެ ބެލުމުގެ ދަށަށް އެ މީހުން ގެންދަނީ ކުރިން ވެސް އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ފަށައިފައި އޮތް "ރެގިއުލައިޒޭޝަން" ނުވަތަ ގަވާއިދަށް ނުފެތޭ ބިދޭސީން ގަވާއިދަށް ފެއްތުމުގެ ހާއްސަ ޕްރޮގްރާމްގެ ދަށުންނެވެ.

"މި ދުވަސްވަރު ހާއްސަކޮށް ކާފިއު ވަގުތުގައި ބޭރަށް ނިކުމެ އުޅޭ އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތް ބިދޭސީން ވެސް ފާހަގަކޮށް ގެންދިއުމުގެ މަސައްކަތް އެބަކުރޭ،" ހަނަފީ ވިދާޅުވި އެވެ.

"މިކަމުގެ މައިގަނޑު މަގުސަދަކީ އެ މީހުން ގަވާއިދަށް ފެއްތުން ނުވަތަ އެހެން ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ ނަމަ އެކަން ކުރުން."

ހަނަފީ ވިދާޅުވިގޮތުގައި، މި މަސައްކަތް ވަރަށް ބާރަށް ކުރަމުން އައިސް، ދުވަސްކޮޅަށް މެދުކަނޑާލަން ޖެހުނީ ގަވާއިދަށް ނުފެތޭ ބިދޭސީންގެ ޑިޓެންޝަން ސެންޓަރުތަކުގައި ހުރި ޖާގައިގެ ދަތިކަމާއި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އެ މީހުން ބައިތިއްބާނެ އިތުރު ތަނެއް ހަމަޖައްސައިދީފައިވާ ކަމަށް ވިދާޅުވި އެވެ.

މިއަދުން ފެށިގެން އެ މީހުން ގެންދަނީ އެ ތަނަށެވެ. އޭގެ ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ވެސް ހަނަފީ ވިދާޅުވި އެވެ.

މާލެ- މާޗް 14، 2021: ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި ވަރަށް ގިނަ ބިދޭސީން ކިއުގައި ޖެހިގެން.-- ފޮޓޯ:ނިޝާން އަލީ/މިހާރު

މާލެ- މާޗް 14، 2021: ކޮވިޑް ވެކްސިން ޖަހަން ސޯޝަލް ސެންޓަރު ބޭރުގައި ވަރަށް ގިނަ ބިދޭސީން ކިއުގައި ޖެހިގެން.-- ފޮޓޯ:ނިޝާން އަލީ/މިހާރު

ގަވާއިދަށް ނުފެތޭ ބިދޭސީން ޖޫރިމަނާ ނުކުރެވޭ!

މާލޭގައި ކާފިއު ހިންގާ ވަގުތުތަކުގައި ބޭރަށް ނުކުމެ އުޅޭ ބިދޭސީންގެ ތެރެއިން ބައެއް މީހުންގެ އަތުގައި އެއްވެސް ރަސްމީ ލިޔެކިޔުމެއް ނެތުމުގެ ނެތުމުން ޖޫރިމަނާ ނުކުރެވި ފިޔަވަޅު އެޅޭނެ ގޮތެއް ވެސް ނެތެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިދިޔަ ހަފުތާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް، މިކަމާ ގުޅޭ ގޮތުން ވިދާޅުވެފައި ވަނީ އެ މައްސަލަ ހައްލުކުރުމަށްޓަކައި ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ފުލުހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ކާފިއު ވަގުތުގައި ބޭރުގައި އުޅޭ ބިދޭސީންގެ ތެރެއިން ގަވާއިދާ ނުފެތޭ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ފެތެން ފޯމް ފުރަން ނަމްބަރު ހޯދަން ގަލޮޅު ދަނޑަށް އެއްވެފައި. ހިއުމަން ޓްރެފިކިންގެ ތެރެއިން ރާއްޖެއަށް ގިނަ ބަޔަކު އެތެރެވޭ.-- ފައިލް ފޮޓޯ/މިހާރު

މިދިޔަ އަހަރު ރާއްޖޭގައި ތިބި ބިދޭސީ މަސައްކަތްތެރިން ގަވައިދުގެ ތެރެއަށް ފެތެން ފޯމް ފުރަން ނަމްބަރު ހޯދަން ގަލޮޅު ދަނޑަށް އެއްވެފައި. ހިއުމަން ޓްރެފިކިންގެ ތެރެއިން ރާއްޖެއަށް ގިނަ ބަޔަކު އެތެރެވޭ.-- ފައިލް ފޮޓޯ/މިހާރު

ގަވާއިދަށް ނުފެތޭ ބިދޭސީން ރަޖިސްޓަރީވުމަށް އިކޮނޮމިކް މިނިސްޓްރީން ސެޕްޓެމްބަރު 2019 ގައި ހުޅުވައިލި ފުރުސަތުގައި 40،000 ވުރެ ގިނަ މީހުން ރަޖިސްޓަރީ ވެފައިވެ އެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތް މީހުން ވަރަށް ގިނަ އެވެ.

އެމްބަސީތައް މެދުވެރިކޮށް އެ ބިދޭސީންގެ ލިޔެކިޔުން ހޯދައިގެން ވަޒީފާ ހޯދައިދިނުމުގެ މަސައްކަތާއި އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބިދޭސީންނަށް އެ ފުރުސަތު ވެސް އިކޮނޮމިކް މިނިސްޓްރީން ދިނެވެ. މިދިޔަ އަހަރު ކޮވިޑްގެ ހާލަތު ރާއްޖޭގައި އެންމެ ފުރަތަމަ ގޯސްވި ދުވަސްވަރު، ދައުލަތުގެ ހަރަދުގައި އޭގެ ތެރެއިން ވަރަށް ގިނަ ބިދޭސީން ވަނީ އަނބުރާ ގައުމަށް ވެސް ފޮނުވާލައިފަ އެވެ.