Roadha Mihaaru
"މައިދާން" ގެ ޑިޖިޓަލް ޕްރީމިއާގެ ވާހަކަ ދޮގުކޮށްފި

އަޖޭގެ "މައިދާން" ޑިޖިޓަލްކޮށް ޕްރިމިއާކުރާ ވާހަކަ ދޮގުކޮށްފި

22 މެއި 2021

މި އަހަރު ރިލީޒްކުރަން ނިންމާފައި އޮތް އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" މިހާރު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރުނު ވާހަކަތައް އެ ފިލްމުގެ ޕްރޮޑިއުސަރުން ދޮގުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި އަހަރު ރިލީޒްކުރަން ނިންމާފައި އޮތް އަޖޭ ދޭވްގަންގެ ފިލްމު "މައިދާން" މިހާރު ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ ކަމަށް ބުނެ މީޑިއާތަކުގައި ފެތުރުނު ވާހަކަތައް އެ ފިލްމުގެ ޕްރޮޑިއުސަރުން ދޮގުކޮށްފި އެވެ.

މި އަހަރުގެ އޮކްޓޯބަރު 15 އަށް ތާވަލުކޮށްފައި އޮތް ފިލްމަކީ ބޯނީ ކަޕޫރާއި ޒީ ސްޓޫޑިއޯސް ގުޅިގެން ހަދާ ފިލްމެކެވެ. މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި މަހުގެ 13 ވަނަ ދުވަހު ސަލްމާން ޚާންގެ "ރާދޭ" ޒީ ސްޓޫޑިއޯގެ ދަށުން ހިންގާ ދެ ސްޓްރީމިން ޕްލެޓްފޯމެއްގައި ޕްރީމިއާކުރުމުން ލިބެމުން އަންނަ ބޮޑު ތަރުހީބާ އެކު އެ ސްޓޫޑިއޯ އިން ގެންދަނީ "މައިދާން" ވެސް އެގޮތަށް ރިލީޒްރަން މަޝްވަރާތައް ކުރަމުންނެވެ.

"ރާދޭ" ޕްރީމިއާކުރީ ޒީ5 އާއި ޒީ ޕްލެކްސް އިންނެވެ.

"މައިދާން" ގެ ޕްރޮޑިއުސަރުންނާ ހަވާލާދީ މަޝްހޫރު ފިލްމު ކްރިޓިކް ތަރަން އަދާޝް ކުރި ޓްވީޓްތަކެއްގައި ބުނީ އެ ފިލްމު އެއްވެސް ޑިޖިޓަލް ޕްލެޓްފޯމަކުން ޕްރީމިއާކުރަން ވާހަކަ ދެކެވެމުން ނުދާ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން އަދިވެސް އެކީގައި ނިންމާލެވިފައި ނުވާތީ އެންމެ ބޮޑު ފޯކަސްއެއް އޭގެ ޓީމުން ދީފައި އޮތީ ކޮވިޑް-19އާ ދިމާކޮށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ އެއްގޮތަށް ވީހާ ވެސް އަވަހަކަށް ފިލްމުގެ ޝޫޓިން ނިންމަން ކަމަށެވެ.

"މައިދާން" ގެ ޝޫޓިންގެ ބާކީ ހުރި މަންޒަރުތައް ނަގަން މި އަހަރަށް ފަސްކުރަން ޖެހުނީ މިދިޔަ އަހަރުގެ ކޮވިޑާ އެކު ކުރިމަތިވި ހާލަތާ އެކީގަ އެވެ. ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު ފިލްމުގެ މަސައްކަތް ކުރިއަށް ދަނިކޮށް މިދިޔަ ހަފުތާގައި އިންޑިއާ އަށް އެރި ތޫފާނުގައި "މައިދާން" ގެ ސެޓަށް ވެސް ގެއްލުންތަކެއްވެފައިވެ އެވެ. ފިލްމުގެ ބާކީ ހުރި މަންޒަރުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ފުޓްބޯޅައިގެ މެޗްތަކެއް ކުޅޭ މަންޒަރު ދައްކުވައިދޭ މަންޒަރުތަކެވެ. އެ މަންޒަރުތައް ނަގަން މި އަހަރުގެ ކުރީކޮޅު އިންޑިއާ އިން ބޭރުން ބައެއް ފަންނާނުން ވެސް އިންޑިއާ އަށް ގެންގޮސްފައިވެ އެވެ.

"މައިދާން" އަކީ އިންޑިއާގެ މި ޒަމާނުގެ ފުޓްބޯޅައިގެ ބައްޕަގެ ގޮތުގައި ސިފަކުރާ ސައީދު އަބްދުއްރަހީމްގެ ވާހަކަ ކިޔައިދޭ ސްޕޯޓްސް ބައޮގްރަފިކަލް ފިލްމެޖެވެ. ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ބަދާއީ ހޯ" ގެނެސްދިން އަމިތު ޝަރުމާ ޑައިރެކްޓްކުރާ ފިލްމުގައި ސައީދުގެ ރޯލު ކުޅެނީ އަޖޭ އެވެ.

މީގެ އިތުރު ކާސްޓުންގެ ތެރޭގައި ގަޖްރާޖް ރާއޯ، ޕްރިޔަމަނީ، ރުދުރާނީ ގޯޝް އަދި ނިތާންޝީ ގޮއެލް ހިމެނެ އެވެ.

މި އަހަރު ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ އަޖޭގެ ފިލްމުތަކުގެ ތެރޭގައި ޖުލައި 30 އަށް އޮތް ސަންޖޭ ލީލާ ބަންސާލީގެ "ގަންގޫބާއީ" އާއި އޮކްޓޯބަރު 13 އަށް ތާވަލުކޮށްފައި އޮތް އެސްއެސް ރާޖަމޯލީގެ "އާރްއާރްއާރް" ހިމެނެ އެވެ. އަދި ޑިޖިޓަލް ޕްރީމިއާއަކަށް ދާން ނިންމާފައިވާ އަޖޭގެ "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގެނެސްދޭނީ ޑިޒްނީ ޕްލަސް ހޮޓްސްޓާއިންނެވެ. އެކަމަކު އަދި ވަކި ތާރީހެއް ނުނިންމަ އެވެ.