Roadha Mihaaru
ރޭޕްގެ ތުހުމަތު: ހައްޔަރުކުރި ދެ މީހުން ދޫކޮށްލައިފި

ގަދަކަމުން އަންހެނަކު ގޯޅިގަނޑަށް ވެއްދި ދެ މީހުން، ޕީޖީގެ އެދުމަކަށް ކޯޓުން ދޫކޮށްލައިފި

22 މެއި 2021

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންް ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލައިފި އެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ ފިރިހެނުންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުންް ޝަރުތުތަކަކާއެކު އެ މީހުން ދޫކޮށްލައިފި އެވެ. އެކަމަކު، އެ މީހުން ދޫކޮށްލީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ އެދުމަކަށެވެ.

މާފަންނު ލެމަންގްރާސް ހުންނަ މަގުގައި އެ ރޭ 8:20 ހާއިރު މަގުމަތިން ދިޔަ އަންހެނަކު ހިފަހައްޓައި، އޭނާ ގަދަ ދައްކަނިކޮށް، ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ކޮޓަރިއަކަށް ވައްދައި ރޭޕްކުރަން އުޅުނު ކަމުގެ ތުހުމަތަށް ހައްޔަރުކުރީ އުމުރުން 18 އަހަރާއި 24 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

އެ ދެ މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބުމުގެ މުއްދަތު އިތުރުކުރަން، މިދިޔަ ބުދަ ދުވަހު، ފަސްވަނަ ފަހަރަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައި ކަމަށް ފުލުހުން މިއަދު ބުންޏެވެ.

ފުލުހުން ބުނިގޮތުގައި، އެ މައްސަލައިގެ ތަހުގީގު ނިންމައި، އެ ދެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މިދިޔަ ހޯމަ ދުވަހު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފަ އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، އެ މީހުން ބަންދުން ދޫކޮށްލަން ކޯޓުގައި އެދުނު މައިގަނޑު ސަބަބަކީ ހައްޔަރުކުރީ ރޭޕްކުރަން އުޅުނު މައްސަލައަކާ ގުޅިގެން ކަމަށް ވިޔަސް މައްސަލައިގެ ތަހުގީގު ނިންމައި ފުލުހުން ފޮނުވިއިރު، ރޭޕްކުރަން އުޅުން ފަދަ ޖިނާއީ ބޮޑު ދައުވާއެއް ކުރެވޭނެ ވަރުގެ ހެކި ނެތުމުން ކަމަށެވެ.

އެކަމަކު އެ މައްސަލަ ބަލައިގަނެ، އެ މީހުންގެ މައްޗަށް ކުރެވޭނެ އިތުރު ދައުވާއެއް އޮތްތޯ ބަލައި، ދަައުވާކުރަން ފޮނުވާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އެ މީހުން ދޫކޮށްލުމަށް ޕީޖީން ކޯޓުގައި އެދިފައި ވަނީ އަންހެންމީހާއާ ބައްދަލު ނުކުރެވޭ ގޮތަށާއި ހެއްކަށް ނުފޫޒު ފޯރުވަން މަސައްކަތް ނުކުރުމަށް ޝަރުތުކޮށް ކަމަށް ޝަފީއު ވިދާޅުވެ އެވެ.

އެ އަންހެން މީހާ ގެންދާ ވީޑިއޯ އާންމުވެފައި ވާއިރު، އެއިން ފެންނަނީ އެ ދެ ފިރިހެނުންނާއެކު ނުދާން އަންހެންމީހާ ގަދަ ދައްކަމުން ދަނިކޮށް އުފުލައިގެން ގޯޅި ގަނޑަކަށް ވައްދާ މަންޒަރެވެ. އެ ވަގުތު ގިނަ ބަޔަކު މަގުމަތީގައި އުޅޭ މަންޒަރު ވެސް ފެނެ އެވެ. އެކަމަކު، އެއިން މީހަކު އެކަމަށް އަޅާލާ މަންޒަރެއް ނުފެނެ އެވެ. ގަދަކަމުން ގޯޅި އަށް ވައްދަން އުޅުން ވަގުތު އަންހެންމީހާ ބިންމައްޗަށް ވެއްޓުން ނަމަވެސް ކައިރީ ތިބި މީހުން ފިޔަވަޅެއް ނާޅަ އެވެ. އެ މީހުން ތިބީ މަންޒަރު ބަލާށެވެ. އެންމެ ފަހުންް، އަންހެންމީހާ ސަލާމަތްކުރީ، ކައިރީގައި ހުރި އީދު މިސްކިތުން އެ ވަގުތު ތަރާވީސްކޮށްގެން ނުކުން ބަޔަކު ކަމަށް މަންޒަރު ދުށް މީހަކު ކުރިން ބުނެފައި ވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ވެސް ކުށުގެ ރެކޯޑް އޮވެ އެވެ. އެ މީހުން ހައްޔަރުކުރީ ކުށުގެ ވެށިން ކަމަށް ފުލުހުން ބުނެެފައިވެ އެވެ.