Roadha Mihaaru
އީސަ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުމުގެ ތުހުމަތު

އީސަ އޭނަގެ ދަރިފުޅު ބެލްކަނިން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު

20 މެއި 2021

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، އޭނާގެ ދެ އަހަރުގެ ދަރިފުޅު ބެލްކަނިން މަގުމައްޗަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށްފި އެވެ.

ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ، އޭނާގެ ދެ އަހަރުގެ ދަރިފުޅު ބެލްކަނިން މަގުމައްޗަށް ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށްފި އެވެ.

އޭނާގެ މައްޗަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލާގައި، ބަންދުގައި ބަހައްޓަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން އެދުނު އަމުރާ މެދު ގޮތެއް ނިންމުމަށް ފަހު ކްރިމިނަލް ކޯޓުން ނިންމި ގޮތުގައި ބަޔާންކޮށްފައި ގޮތުން، އެ މީހުންގެ ދަރިފުޅު [އަނބިކަނބަލުން އަސްރާ ނަސީމްގެ އަތުން] ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް ދިއްކޮށް ވައްޓާލާނެ ކަމަށް އީސަ ބުނެފައިވާ ކަމުގެ ހެއްކާއި ގަރީނާ ފުލުހުންނަށް ލިބިފައިވާ ކަމަށް އެ ފަރާތުން ބުނެ އެވެ.

"މި ދެ މީހުންގެ ދަރިފުޅު އަސްރާ ނަސީމްގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގުމައްޗަށް އެކުއްޖާ ދިއްކޮށް ކުއްޖާ މަގުމައްޗަށް ވައްޓައި މަރާލާނެ ކަމަށް ބުނެ ކުއްޖާގެ ކަރާމާތަށް ގެއްލުން ވާނެހެން އަމަލުކޮށްފައިވާތީ...،" ނިންމުމުގައި ވެ އެވެ.

އީސަގެ ގެވެށި އަނިޔާ އޭނާގެ އަނބިކަނބަލުންނަށާއި ދަރިފުޅަށް ކުރިމަތިވެފައި ވަނީ އިއްޔެ އެވެ. މައްސަލަ އަނބިކަނބަލުންް ހުށަހެޅުއްވީ ވެސް އިއްޔެ އެވެ. އަދި މި މައްސަލާގައި ބަޔާން ނެގުމަށް އަސްރާ އިއްޔެ ވަނީ ޕޮލިހަށް ވެސް ހާޒިރުކޮށްފަ އެވެ.

މި މައްސަލައިގެ ތަހުގީގަށް ޕީޖީގެ ފަރާތުން ފުލުހުން އެދިފައި ވަނީ، އީސަ ދޫކޮށްލައިފައި ހުރެއްޖެ ނަމަ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވައިފާނެތީ އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ހޯދައިދިނުމަށެވެ. އެކަމަކު، ހާދިސާ ހިނގައިގެން ފުލުހުން ދިޔައިރު އީސަ އެތަނުގައި ނެތް ކަމަށާއި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރަން އެދިފައިވާ ކަންކަމުގެ މައްޗަށް އެ މައްސަލަ ނުފެތޭތީ އެ އަމުރު ދެވެން ނެތް ކަމަށް ކޯޓުން މިރޭ ވަނީ ނިންމައިފަ އެވެ.

ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވާ ގޮތުގައި، އީސަ އިއްޔެ އޭނާގެ އަނބިކަނބަލުންނާ މާރާމާރީ ހިންގައި ގައިގައި ތަޅާ ހަދާފައިވާ ކަމަށް އަމުރު ހޯދަން އެދުނު ލިޔުމުގައި ވެ އެވެ. އަދި ފުލުހުންނަށް ހުށަހަޅާފައި ވަނީ އަނބިކަނބަލުންނަށް ތަކުރާރުކޮށް ގެވެށި އަނިޔާ ކުރާ މައްސަލަ ކަމަށް ވެސް އޭގައިވެ އެވެ.

އަމުރާ ގުޅިގެން ނިންމި ނިންމުމުގައިވާ ގޮތުން، ފުލުހުން އަމުރަކަށް އެދިފައި ވަނީ، އީސަ ދޫކޮށްލައިފައި ހުރެއްޖެ ނަމަ އޭނާގެ އަނބިކަނބަލުންނާއި ދަރިފުޅު އިތުރު ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތުމާއި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭނެ ފަދަ އަމަލު ކުރުމާއި، މާރާމާރީ ހިންގުމާއި ގެވެށި އަނިޔާ ކުރި ކަމަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެންނެވެ.