Roadha Mihaaru
ކޮވިޑް-19: އެންމެ މަދުން ކޭސް ފެނުނު 24 ގަޑިއިރު

ކޮވިޑް-19: އެންމެ މަދުން ކޭސްތައް ފެނުނު 24 ގަޑިއިރު

20 މާޗް 2021

މި މާޗު މަސް ފެށުނު ފަހުން، ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ ވަރަށް ކޮވިޑު ކޭސްތައް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މި މާޗު މަސް ފެށުނު ފަހުން، ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ ވަރަށް ކޮވިޑު ކޭސްތައް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މަދުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އާ ހަމައަށް ރާއްޖޭގައި އެ ބައްޔަށް އަލަށް ޕޮޒިޓިވްވީ 81 މީހެކެވެ. އެއީ މާލެ ސަރަަހައްދުން 52 މީހަކާއި އެހެން ރަށްތަކުން 22 މީހުން އަދި ރިސޯޓްތަކުން ހަތް މީހެކެވެ. މި އަދަަދަށް މީހުން ކޮވިޑަށް ޕޮޒިޓިވްވީ 4،886 ސާމްޕަލް ޓެސްޓްކޮށްގެންނެވެ.

ހިސާބުތައް ދައްކާގޮތުން ކޮޮވިޑަށް މީހުން ޕޮޒިޓިވްވާ ރޭޓު ދެ ޕަސެންޓަށް ވުރެ ދަށަށް ވެސް މިދިޔައީ މި މަހު ފުރަތަމަ ފަހަރަށެވެ. ކޮވިޑަށް ފަރުވާކުރަން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައި ތިބި މީހުންގެ އަދަދު ވެސް މި މަހުގެ މިހާތަނަށް އެންމެ މަދުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގަ އެވެ.

މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ކުރިން 100 އަށް ވުރެ މަދު މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ 94 މީހެކެވެ. އެއާ ޖެހިގެން އައި ދުވަހު 153 މީހުން އެ ބައްޔަށް ޕޮޮޒިޓިވް ވި އިރު މިދިޔަ ބުދަ ދުވަހު 142 މީހުން ޕޮޒިޓިވް ވި އެވެ. އޭގެ ފަހުން އަނެއްކާ އިތުރުވެ ބުރާސްފަތި ދުވަހު 186 މީހުން އެ ބައްޔަށް ޕޮޒިޓިވްވި އެވެ. މިދިޔަ ހުކުރު ދުވަހު ޕޮޒިޓިވްވީ 145 މީހެކެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޮވިޑަށް އަލަށް ޕޮޒިޓިވްވި މީހުންނާއއެކު ރާއްޖޭން އެ ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ މިހާރު 22،373 އެވެ. އެ ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދަކީ 65 އެވެ. ބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދު 2،404 އަށް އަރާފައި ވާއިރު، ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 107 އެވެ.

ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އެންމެ ބޮޑަށް އޮތީ މާލޭގައި ކަމަށް ވިޔަސް، އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ވެސް އެ ބަލީގެ ކޭސްތައް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ހއ. ބާރަށާއި ރ. އުނގޫފާރު އަދި ދ. ކުޑަހުވަދޫން ވެސް ވަނީ ކޭސްތައް އަލަށް ފެނިފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ވެކްސިން ދެމުން އަންނަ އިރު މިއަދު ވެސް 599 މީހަކަށް ވެކްސިނުގެ ފުރަތަަމަ ޑޯޒް ދިނެވެ. ކޮވިޑް ވެކްސިނުގެ ފުރަތަަމަ ޑޯޒް ދިން މީހުންގެ އަދަދަކީ މިހާރު 218،645 އެވެ.