Roadha Mihaaru
އީސަ ހައްޔަރުކުރުމުގެ މައްސަލަ އިސްތިއުނާފުު ނުކުރާނެ

އީސަ ހައްޔަރުކުރަން އަމުރު ނުދިން މައްސަލަ އިސްތިއުނާފުު ނުކުރަން ނިންމައިފި

24 މެއި 2021

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތަށް އޭނާ ހައްޔަރުކުރަން ކޯޓު އަމުރު ނުދިން މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދަމަހައްޓައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތަށް އޭނާ ހައްޔަރުކުރަން ކޯޓު އަމުރު ނުދިން މައްސަލަ އިސްތިއުނާފު ނުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދަމަހައްޓައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ އީސާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުނަސް އޭނާ ހައްޔަރުކުރުމާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރާނެ ކަމަށެވެ.

އީސަ، އޭނާގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި މައްސަލައެއް މިދިޔަ ހަފުތާގައި ފުލުހަށް ހުށަހަޅާފައި ވެ އެވެ. އެކަމުގައި އަސްރާގެ ބަޔާން ފުލުހުން ނަގާފައި ވެ އެވެ.

އެ މައްސަލައާ ގުޅިގެން އީސަ ހައްޔަރުކުރުމުގެ އަމުރެއް ނެރެދިނުމަށް އެދި ޕީޖީ އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހެޅި އެވެ. އެކަމަކު އެ ކޯޓުން ހަމަ އެ ރޭ މައްސަލަ ނިންމީ ހައްޔަރުކުރުމުގެ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

ޝަފީއު ވިދާޅުވީ އިސްތިއުނާފުގެ ނިންމުން ބިނާކޮށްފައިވަނީ މައިގަނޑު ހަތަރު ކަމެއްގެ މައްޗަށް ކަމަށެވެ.

އެއީ، މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިންމައި ޕީޖީ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައަކަށް ވުމާއި ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވުމުން ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުމާއި އަނިޔާ ލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވުމުގެ އިތުރުން ހައްޔަރުކުރުމުގެ އަމުރަށް އެދި ހުށަހެޅިއިރުގެ ހާލަތާއި މިހާރުގެ ހާލަތު ބަދަލުވެފައިވުން ހިމެނެ އެވެ.

ކްރިމިނަލް ކޯޓުގައި ހުންނެވި ހަމަ އެކަނި އަންހެން ގާޒީ ދީބާނާޒް ފަހުމީ، އަމުރާ މެދު ނިންމި ނިންމުމުގައި ބުނެފައިވަނީ އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގެ ދަށުން އީސަ ހައްޔަރު ކުރުމުގެ އަމުރެއް ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން މި ވަގުތު ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބަޔާންކޮށްފައިވާ ވިޔަސް އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައިވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލާގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.