Roadha Mihaaru
މެމްބަރު އީސާގެ މައްޗަށް ދައުވާކޮށްފި

މެމްބަރު އީސާގެ މައްޗަށް ދައުވާކޮށްފި

03 ޖޫން 2021

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ކުރި މައްސަލައިގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދައުވާ އުފުލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމާއި ދަރިފުޅަށް ގެވެށި އަނިޔާ ކުރި މައްސަލައިގައި ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ދައުވާ އުފުލައިފި އެވެ.

އެ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ އީސަގެ މައްޗަށް ކުރީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ކަމަށެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ އޭނާއަށް ލިބޭނެ އެންމެ ބޮޑު އަދަބަކީ ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަސްރާއަށާއި ދަރިފުޅަށް އަނިޔާކުރި މައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ މަހުގެ 20 ހިސާބުގަ އެވެ. ނަމަވެސް ބަޔާން ދެއްވުމަށްފަހު އަސްރާ ވަނީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް އަންގައިފަ އެވެ. އެކަމަކު ފުލުހުން ވަނީ ގެވެށި އަނިޔާގެ މައްސަލަ ތަހުގީގުކުރުމަށްފަހު މިދިޔަ އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.

ގެވެށި އަނިޔާގެ ތުހުމަތުގެ އީސަ ހައްޔަރުކުރުމުގެ އަމުރަކަށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ވެސް އެދުނެވެ. އެކަމަކު އެ ކޯޓުން ނިންމީ، އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އޭނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ސަބަބުތަކެއް ހުރި ނަމަވެސް، ގާނޫނީ އެކި ސަބަބުތައް ހުރުމުން އަމުރު ނެރެދެވެން ނެތް ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް އީސަ ދޮގުކުރައްވަ އެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބުތަކުގެ ތެރޭގައި، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންްގެ ތެރެއިން ބަޔާން ނުނެގި ތިބި މީހުންނަށް އޭނާ ނުފޫޒު ފޯރުވައިފާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށް ޕީޖީން ބުނެފައި ވިޔަސް، އެހެން ބުނުން ފިޔަވައި އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅައިފައެއް ނުވެ އެވެ. ޕީޖީން ބުނެފައި ވަނީ އީސަ ދޫވެފައި ހުރެއްޖެ ނަމަ، މި މައްސަލައިގައި ހެކި ބަސް ދޭން ތިބި މީހުންނަށް އޭނާގެ ފަރާތުން ނުފޫޒު ފޯރުވައިފާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ. އޭނަ ހައްޔަރުކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ އަސްރާގެ ގައިގައި ގަދަކަމުން އަތްލައި، ތަޅައި މާރާމާރީ ހިންގައި އަދި އެ މީހުންގެ ދަރިފުޅު ގަދަކަމުން އަތުލައި، ގޭގެ ބެލްކަނިން މަގުމައްޗަށް ދިއްކޮށް، ކުއްޖާ ވައްޓާލައި މަރާލާނެ ކަމަށް ބުނެ އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެ މައްސަލަ ފެންމަތިވުމާއެކު މަޖިލީހުގެ މެމްބަރުކަމުން އީސަ އިސްތިއުފާ ދެއްވުމަށް ދިޔައީ ގޮވަމުންނެވެ. އެހެންވެ، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ވެސް އިސްތިއުފާ ދެއްވި އެވެ.