Roadha Mihaaru
ވަޒީފާ އަދާނުކުރާ މީހުން ޕޮޒިޓިވްވާލެއް ގިނަ

ޕޮޒިޓިވް ވާ ގިނަ މީހުންނަކީ ވަޒީފާ އަދާނުކުރާ މީހުން: އެޗްއީއޯސީ

24 މެއި 2021

ކޮވިޑު-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ވަޒީފާއަދާނުކުރާ ކެޓަގަރީގައި ހިމެނޭ މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑު-19 އަށް އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ ވަޒީފާއަދާނުކުރާ ކެޓަގަރީގައި ހިމެނޭ މީހުންކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް މިއަދު ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ޑރ. އަފްޒަލް ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ މި މަހުގެ ތެރޭގައި ކަމަށެވެ. ހަފުތާގެ ޓްރެންޑިން އަށް ބަލާއިރު ވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވަމުން ގޮސްފައި ވަނީ މި މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. އަފްޒަލް ވިދާޅުވީ އެ ކޭސަސްގައި އެންމެ ގިނައިން ފެނިފައި ވަނީ ފްލޫ ކްލިނިކުން ޓެސްޓުކޮށްގެން ޕޮޒިޓިވްވި މީހުންނެވެ. އޭގެ އިތުރުން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓުކުރި މީހުންނާއި އެކްޓިވް ސަވަޔަލަންސް އާއި ކޮންޓެކްޓުން އަދި ފުރުމުގެ ކުރިން ޓެސްޓުކޮށްގެން ޕޮޒިޓިވްވި މީހުން ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަފްޒަލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވް މީހުން ކުރާ މަސައްކަތަށް ބަލާއިރު، އޭގެ ތެރޭގައި ގިނައީ ވަޒީފާއަކަށް ނުދާ ކެޓަގަރީގައި ހިމެނޭ މީހުން ކަމަށެވެ. އޭގައި ދެ ޖިންސުގެ މީހުންގެ މެދުގައި މާ ބޮޑު ފަރަގެއް ނެތެވެ. އެ މީހުންގެ އުމުރަށް ބަލާއިރު ގިނައީ 18-41 އަހަރާ ދެމެދުގެ މީހުންނެވެ.

އެ މައުލޫމާތުތަކުން ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބައްޔަށް ޕޮޒިޓިވްވާ މާބަނޑު މީހުން ގިނަ ވުމެވެ. އެގޮތުން، މި އަހަރުގެ ކުރީކޮޅާ އަޅާބަލާއިރު މި ފަހުން މާބަނޑު މީހުން ޕޮޒިޓިވްވާލެއް އިތުރުވެފައިވާ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އޭނާ ވަނީ ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މާބަނޑު މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައިފަ އެވެ.

ކޮވިޑަށް ޕޮޒިޓިވް މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި ހައިޕަޓެންޝަނާއި ހަކުރު ބަލީގެ މީހުން ގިނަ އެވެ.

ކޮވިޑު ބަލި މީހުން އެންމެ ގިނައީ ހުޅުމާލެ މެޑިކަލް ފެސިލިޓީގަ އެވެ. އެ ތަނުން ގިނަ މީހުންނަކީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ތިބި މީހުންނެވެ. ދެ ޑޯޒް ހަމަކޮށްފައިވާ މީހުން މަދުކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ. ނަމަވެސް ދުވަހަށް ދުވަހަށް ބަލާއިރު އެޑްމިޓުކުރާ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވާ މީހުންގެ ނިސްބަތް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ބަލީގައި މިއަދު އެކަނި ވެސް 10 މީހުން މަރުވެފައި ވެ އެވެ. އެ އެންމެންނަކީ ވެސް ދާއިމީ އެހެން ބަލިތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކޮވިޑަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވި މީހުންނެވެ.