Roadha Mihaaru
އޮމިކްރޮންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިއްޖެ

އޮމިކްރޮންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިއްޖެ

15 ޑިސެމްބަރ 2021

ކޮވިޑް-19 ގެ އާ ވެރިއަންޓް އޮމިކްރޮންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 ގެ އާ ވެރިއަންޓް އޮމިކްރޮންގެ އިތުރު ހަތަރު ކޭސް ރާއްޖޭން ފެނިފައިވާ ކަމަށް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެޗްޕީއޭގެ އެޕިޑިމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ އޮމިކްރޮނަށް ފަހުން ޕޮޒިޓިވްވިކަން އެނގުނީ ރާއްޖެއިން ފުރުމުގެ ކުރިން ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ. އެއީ، އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެތުރެން ފެށި ސައުތު އެފްރިކާއަށް ދަތުރުކުރުމުގެ ހިސްޓްރީއެއް އޮތް ބައެއް ކަމަށް ވިދާޅުވި ނަމަވެސް އޭގެ އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

ރާއްޖޭން އޮމިކްރޮން ވެރިއަންޓް އެންމެ ފުރަތަމަ ފެނުނުކަން އިއުލާނުކުރީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެއީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ސައުތު އެފްރިކާއިން ރާއްޖެ އައި ޓޫރިސްޓެއްގެ ސާމްޕަލަކުންނެވެ.

އަލަށް ފެނުނު ހަތަރު ކޭސް އަކީ ވެސް ގުޅުން ހުރި ކޭސްތައް ނޫން ކަމަށް އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖީން ސީކުއެންސިންގައި ހެދި ޓެސްޓުތަކުގެ 99 ޕަސެންޓު ޕޮޒިޓިވްވެފައިވަނީ ޑެލްޓާ ވޭރިއެންޓަށެވެ. ބާކީ އެއް ޕަސެންޓުގައި ހިމެނެނީ އޮމިކްރޮން ވޭރިއެންޓެވެ. އިތުރަށް ޓެސްޓު ހަދަމުންދާ ވަރަކަށް އޮމިކްރޮންގެ ހާލަތު އެނގިގެންދާނެ ކަމަށް ޑރ. އަފްޒަލް ވިދާޅުވި އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ވޭރިއެންޓު ފެތުރެން ފެށުމުން ރާއްޖެއިން ވެސް ވަނީ އެ ބަލި ތައާރަފްވުމުގެ ރިސްކް އެސެސްމަންޓެއް ހަދައިފަ އެވެ. އޭގެ ނަތީޖާއިން ދެއްކީ ރާއްޖެ ހިމެނެނީ ހައި ރިސްކް ކެޓަގަރީގައި ކަމަށެވެ.

"އެނގޭ ރާއްޖެ އަންނަ އެންމެންނަކީ ޕީސީއާރު ނެގެޓިވް މީހުންކަން. އެކަމަކު އައިސްފައި އަލުން މި ފެންނަނީ އޮމިކްރޮން ވޭރިއެންޓު ވެސް ފެނިފައިވަނީ. ޕީސީއާރެއް ހަދާ ޑިއުރޭޝަންގައި އޭނާ ޕޮޒިޓިވްނުވިއަސް ފަހުން ޕޮޒިޓިވްވޭ. އެހެންވެ އަޅުގަނޑުމެން ވަރަށް ބޮޑަށް ސަމާލުވެގެން ތިއްބަސް އެ އައުމުގެ ފުރުސަތު އޮންނާނެ. ހާއްސަކޮށް ރާއްޖެ ކަހަލަ ބިދޭސީން އެހާ ގިނައިން އަންނަ ގައުމަކަށް ބަލާފައި،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އާ ވޭރިއެންޓު ފެތުރެން ފެށި ނަމަވެސް އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ދީފައި ހުރުމާއި ބައްޔަށް ގިނަ ބަޔަކު ޕޮޒިޓިވްވުމުން ދަތުރުކުރުން ހަރުކަށި ކުރުން ފަދަ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ލަފާނުކުރެވެ އެވެ.

"ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރިގެންދާއިރު، ހުރިހާ ގައުމެއް ހުއްޓުވާލަން ޖެހޭނީ. އެހެން ގައުމުތަކުން ވެސް ނަގާފައިވާ ފިޔަވަޅުތަކާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދޭ އިރުޝާދުތަކާއި އަޅުގަނޑުމެންގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި ޓެކްނިކަލް އެކްސްޕާޓުންގެ މަޝްވަރާތަކުން ޖުމްލަ ނުކުންނަ ނަތީޖާތަކަށް ބަލައި ފިޔަވަޅުތަކާ ހަމައަށް ދަނީ. އޮންގޮއިން ސިޓުއޭޝަނެއް ވީމަ، މި ވަގުތަށް އަޅަންޖެހޭ ފިޔަވަޅެއް އަޅައިގެން މި ތިބީ،" އޭނާ ވިދާޅުވި އެވެ.

އާ ވޭރިއެންޓުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސަރުކާރުން ވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ހަތް ގައުމަކުން ރާއްޖެ އަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. ވަކި ގޮތެއް އަންގަންދެން ރާއްޖެ އަށް މީހުން އެތެރެވުން މި ވަގުތަށް މަނާކުރީ ސައުތު އެފްރިކާ، ނަމީބިއާ، މޮޒަންބީކް، ލެސޯތޯ، ބޮޓްސްވާނާ، ޒިންބާބުވޭ އަދި އެސްވާޓިނީ އިންނެވެ.

ރާއްޖެ އަށް އަންނަން ދަތުރު ފަށާފައިވާ މީހުންނާއި މިދިޔަ 14 ދުވަހުގެ ތެރޭގައި އެ ގައުމުތަކުން އައިސްފައިވާ މީހުން މި ވަގުތަށް ޕީސީއާރު ޓެސްޓު ހެދުމާއި 14 ދުވަސް ނުވަތަ އެ އަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ހޭދަކުރާ މީހުން ނަމަ 14 ދުވަސް ހަމަވުމުން އިތުރު ޕީސީއާރު ޓެސްޓެއް ހެދުން އަދި 14 ދުވަހަށް ވުރެ ކުރު މުއްދަތެއް ހޭދަކުރާ މީހުން ފުރުމުގެ ކުރިން ޓެސްޓު ހެދުމަށް އެޗްޕީއޭއިން އަންގާފައިވެ އެވެ.