Roadha Mihaaru
ބިޒްނަސް ވިސާ ނަހަމަ ގޮތުގައި ބޭނުން ކުރޭ:ކޮންޓްރޯލާ

ބިޒްނަސް ވިސާ ނަހަމަ ގޮތުގައި ބޭނުން ކުރޭ: ކޮންޓްރޯލަރު

25 މެއި 2021

ވޯކް ވިސާ އަށް ހުށަހެޅުމުގެ ބަދަލުގައި އޮޅުވާލައިގެން ބިޒްނަސް ވިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވޯކް ވިސާ އަށް ހުށަހެޅުމުގެ ބަދަލުގައި އޮޅުވާލައިގެން ބިޒްނަސް ވިސާ ހޯދާކަން ފާހަގަކުރެވިފައިވާ ކަމަށް އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި ކޮންޓްރޯލަރު ވިދާޅުވީ، ބިޒްނަސް ވިސާ އަށް ގިނަ ބަޔަކު ހުށަހެޅި ނަމަވެސް އެޕްލިކޭޝަން ބަލައިގަންނަނީ ވަރަށް ބޮޑަށް ބެލުމަށް ފަހު ކަމަށެވެ.

އޭނާ ވިދާޅުވީ، ބިޒްނަސް ވިސާ ދިނުމުގައި އެހާ ބޮޑު ބެލުންތަކެއް ބަލަނީ އޭގެ ނާޖައިޒް ފައިދާ ހޯދަން މަސައްކަތް ކުރާތީ ކަމަށެވެ.

އުސޫލެއްގެ ގޮތުން ބިޒްނަސް ވިސާ ހައްދަން ޖެހޭނީ އެ މީހަކު ރާއްޖެ އަށް އެތެރެވުމުގެ ކުރިންނެވެ. ނަމަވެސް ގިނަ ބަޔަކު ބިޒްނަސް ވިސާ އަށް ހުށަހަޅަނީ އެއާޕޯޓުގައި އިމިގްރޭޝަން ކައުންޓަރުގައި ހުރެގެން ކަމަށް ހަނަފީ ވިދާޅުވި އެވެ.

އެފަދަ ހާލަތުތަކުގައި ވެސް ވީހާ ވެސް ރަނގަޅަކަށް ކަންކަން ހަމަޖެއްސޭތޯ ބަލާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގިނައިން ބިޒްނަސް ވިސާ އެކްސްޓެންޝަން އަޅުގަނޑުމެން ރިޖެކްޓް ކުރަން ޖެހެނީ. އެ ވާ ގޮތަކީ ބިޒްނަސް ވިސާ ތިން މަހަށް ދިނުމަށް ފަހު، އަނެއްކާ ވެސް އިތުރު ތިން މަހަށް އެދުން ފަދަ ޕެޓާނަކަށް އެކަން ކުރާތަން ފެނިއްޖެއްޔާ އަޅުގަނޑުމެން ރިޖެކްޓް ކުރަނީ،" ކޮންޓްރޯލަރު ވިދާޅުވި އެވެ.

ބިޒްނަސް ވިސާ ނެގުމުގައި ގިނަ ބަޔަކު އޮޅުވާލައިގެން އެކަން ކުރާކަން ފާހަގަކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ. މިގޮތަށް ކަންކަން ކުރަނީ ވޯކް ވިސާ އަށް ވުރެ ފަސޭހައިން ބިޒްނަސް ވިސާ ނެގޭތީ ކަމަށް ވިދާޅުވި އެވެ.

ބިޒްނަސް ވިސާއަކީ ރާއްޖޭގައި މަސައްކަތް ކުރުމަށް ނޫން ގޮތަކަށް އަންނަ ބިދޭސީންނަށް ދޭ ހުއްދަ އެކެވެ. ބިޒްނަސް ވިސާގެ މުއްދަތަކީ 90 ދުވަހެވެ.