Roadha Mihaaru
"ބަލި މީހުންނަށް އަޅާނުލެވި މަރުވާ ރޭޓް އިތުރުވެދާނެ"

ބަލިވާ މީހުން ގިނަވާ ނަމަ، އަޅައިނުލެވި މަރުވާ ރޭޓް އިތުރުވެދާނެ: ޑރ. ނަޒްލާ

26 މެއި 2021

ކޮވިޑް ޖެހޭ މީހުންގެ އަދަދު މާބޮޑަށް ގިނަވާ ނަމަ، އަޅައިނުލެވި ހިނގައިދާނެ ކަމަށާއި އޭގެ ނަތީޖާއަކީ އެ ބަލީގައި މަރުވާ ރޭޓު ވެސް މިހާރަށް ވުރެ މަތިވުން ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާއަރުވާ ފަންނީ ޓީމުން ރޭ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކޮވިޑް ޖެހޭ މީހުންގެ އަދަދު މާބޮޑަށް ގިނަވާ ނަމަ، އަޅައިނުލެވި ހިނގައިދާނެ ކަމަށާއި އޭގެ ނަތީޖާއަކީ އެ ބަލީގައި މަރުވާ ރޭޓު ވެސް މިހާރަށް ވުރެ މަތިވުން ކަމަށް ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާއަރުވާ ފަންނީ ޓީމުން ރޭ ބުނެފި އެވެ.

ކޮވިޑްގެ ހާލަތާ ގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާއި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަން ނިންމައިފައިވާ އާ ފިޔަވަޅުތަކާ ބެހޭގޮތުން ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޓެގް ޓީމުގެ މެމްބަރު އަދި ޕީޑިއޮޓްރިކް އިންފެކްޝަން އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑަށް ފަރުވާ ދިނުމުގައި ދަތިތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރާއްޖޭގައި މި ބަލީގައި މަރުވާ މީހުންގެ ރޭޓު މިހާރު ހުރީ 0.3 ޕަސެންޓުގަ އެވެ. މިހާތަނަށް 145 މީހަކު މަރުވެފައިވާއިރު، ހަމައެކަނި މި މަހު ވެސް 72 މީހަކު މަރުވެއްޖެ އެވެ. އެއާކު ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން، ދެބައި ކުޅަ އެއްބައި މީހުން މަރުވީ ހަމައެކަނި މި މަހުގެ ތެރޭގަ އެވެ.

"މި ގޮތަށް ދަނީ ނަމަ އަޅުގަނޑުމެން މީހުން މަރުވާ ރޭޓު މި އަށް ވުރެ މަތިވުމުގެ ފުރުސަތު އަތުވެދާނެ. ތި ވިދާޅުވިހެން ހަމަ އަޅާނުލެވި ހިނގައިދާނެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭ ކޮވިޑް ފެސިލިޓީގެ އައިސީޔޫ ވެސް މިހާރު ވަނީ ފުރިފަ އެވެ. އެއީ 11 އެނދެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުކުރަން ހަމަ ވަރަށް ދަތިތަކާ އެބަ ކުރިމަތިވޭ ހުޅުމާލެ ފެސިލިޓީގައި ވެސް. ހާއްސަކޮށް އެ ތަނުގައި ނަރުހުން މަދުވީމާ، ޕޭޝަންޓުންނާ އަޅާބަލާއިރު،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯހިލު ވެސް ވިދާޅުވީ މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތި ކަމަކީ ސިއްހީ ފަރުވާ ދޭނެ ހިދުމަތްތެރިން އެކަށީގެންވާ ވަރަށް ނެތުމުގެ މައްސަލަ ކަމަށެވެ. ނަމަވެސް، އޮކްސިޖަނާއި ވެންޓިލޭޓަރު ވެސް ހިމެނޭ ގޮތަށް ކޮވިޑަށް ފަރުވާ ދިނުމަށް ބޭނުންވާ ސިއްހީ ސާމާނު އެއްވެސް ދަތިކަމެއް ނެތި ލިބެން އެބަހުރި ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް 1،000 އިން މަތީގައި ހުންނަތާ ތިން ހަފުތާވަރު ފަހުން އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ދަށްވެފަ އެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 20،000 އިން މައްޗަށް ވަނީ ގޮސްފަ އެވެ. މި ބަލީގައި މަރުވި މީހުން އަދަދު ވެސް މިހާރު ވަނީ 145 އަށް އަރައިފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ގޯސްވުމުން، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަނެއްކާވެސް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އިއުލާންކޮށްފަ އެވެ.