Roadha Mihaaru
ފްލެޓްގެ ފިނިޝިންއަށް ޕެންޝަން ފައިސާ ބޭނުންކުރެވެންޖެހޭ

ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް ޕެންޝަން ފައިސާ ބޭނުންކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭ: މުއިއްޒު

26 މެއި 2021

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވެން ޖެހޭނެ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގެ މަސައްކަތަށް ރައްޔިތުން ކުރަންޖެހޭ ހަރަދު ކުޑަކުރުމަށް، ޕެންޝަން ފަންޑުގެ ފައިސާ ބޭނުންކުރެވެން ޖެހޭނެ ކަމަށް މާލޭގެ އާ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ސަރުކާރުގެ ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނިންމާފައި ވަނީ ފްލެޓްތައް ލިބޭ މީހުން އަމިއްލަ އަށް ފިނިޝިންގެ މަސައްކަތް ނިންމުމަށް ކަމަށެވެ. އެއީ މުއްދަތެއް ހޭދަވާނެ ކަމަކަށް ވާތީ އެ ކަމަށް ތިން މަސް ވަނީ ކަނޑައަޅައިފަ އެވެ.

މި ސަރުކާރުން ނިންމާފައިވާ ގޮތުން ނަމަ ދެ ކޮޓަރީގެ ފްލެޓްތައް ދޭނީ ފާހާނާގައި ދޮރުފަތް ހަރުނުކޮށެވެ. ސިޓިންރޫމާއި ކޮޓަރިތަކުގައި ތަށިމުށި ވެސް ނުޖަހާނެ އެވެ. ފަންކާ އާއި ލައިޓުތަކާއި ފްލެޓުގައި ކުލަ ލާން ޖެހެނީ ވެސް ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމާނީ އެ ތަންތަން ލިބޭ މީހުން އަމިއްލަ އަށް ކަމަށް ޔާމީންގެ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މި ސަރުކާރުން ބުންޏަސް ޔާމީންގެ ސަރުކާރުގެ ހައުސިން މިނިސްޓަރު މުއިއްޒު އެކަން ދޮގުކުރައްވަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރުން އެއްބަސްވެފައި އޮތީ ހިޔާ ފްލެޓްތައް ހަވާލު ކުރާނީ ފިނިޝިންގެ މަސައްކަތް ހިމެނޭ ގޮތުން ހުރިހާ ކަމެއް ނިންމައި ތަންތަން ހަވާލުކުރާ ގޮތަށް ކަމަށެވެ.

ހިޔާ ފްލެޓްތަކާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ފްލެޓްތަކުގެ ފިނިޝިން އަށް ރައްޔިތުން ކުރަންޖެހޭ ހަރަދަށް ލުޔެއް ދިނުމުގެ ގޮތުން، އެ މީހުންގެ ޕެންޝަން ފަންޑުގެ ފައިސާ އެކަމަށް ބޭނުންކުރުމުގެ އިހުތިޔާރު އޮންނަން ޖެހޭނެ ކަމަށެވެ.

ހިޔާ ފްލެޓްތަކުގެ މައްސަލައާ ގުޅިގެން މުއިއްޒު ކުރެއްވި ޓްވިީޓު

އެކަމަކު، ސަރުކާރުން އެކަމަށް މިހާތަނަށް ގޮތެއް ނުނިންމަ އެވެ.

މި އަހަރުގެ މާޗު މަހުގެ ފަހުކޮޅު ހިޔާ ފްލެޓްތައް ހަވާލުކުރާނެ ކަމަށް ކުރިން ސަރުކާރުން ބުނެފައި ވިޔަސް އެ ބުނި މުއްދަތަށް ވެސް އެކަން ނުވެ އެވެ.

ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓުގައިވާ މީހުންނަށް ލިބެނީ ކޮން އެޕާޓްމަންޓެއްތޯ ބެލުމަށް އެޗްޑީސީން ގުރުނެގުމުގެ މަސައްކަތް ކުރި އެވެ. އެކަމަކު މާލޭ ސަރަހައްދުގެ ކޮވިޑްގެ ހާލަތު ގޯސްވެ، ފިޔަވަޅުތައް އަޅާފައިވާތީ އެ މަސައްކަތް އޮތީ ހުއްޓާލައިފަ އެވެ.

އެ ތަންތަން ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކޮށް ވަދެވޭނެ ތާރީހެއް އަދި ސަރުކާރުން އިއުލާނެއް ނުކުރެ އެވެ. ހިޔާ ފްލެޓްތަކުގެ ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ 7،500ރ. ކަމަށް ސަރުކާރުން ބުނެ އެވެ.

އެ ތަންތަން ލިބުނު މީހުންނަށް ފްލެޓްތަކަށް ވަދެވޭނީ ކޮން އިރަކުތޯ އެހުމުން އެޗްޑީސީން ބުނީ ހިޔާ ފްލެޓްތަކާ ގުޅޭ އިއުލާނެއް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.