Roadha Mihaaru
ފްލެޓް ކުލި 5،600ރ.އޭ ބުނަނީ ރަނގަޅަކަށް ނޫން

ފްލެޓުގެ ކުއްޔަކީ 5،600ރ. ކަމަށް ބުނަނީ ރަނގަޅަކަށް ނޫން: އެޗްޑީސީ

25 ޖޫން 2020

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،600ރ. ކަމަށް ކުރީގެ ސަރުކާރުގެ އިސް ވެރިން ވިދާޅުވާ ވާހަކަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ދޮގުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތްކުރަން ފެށި ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި ދައްކަން ޖެހެނީ 5،600ރ. ކަމަށް ކުރީގެ ސަރުކާރުގެ އިސް ވެރިން ވިދާޅުވާ ވާހަކަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ދޮގުކޮށްފި އެވެ.

ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވަނީ ކުރީގެ ސަރުކާރުގެ ނިންމުމަކީ ދެ ކޮޓަރީގެ ފްލެޓެއްގެ މަހު ކުލީގެ ގޮތުގައި 5،600ރ. ނެގުމެވެ. މި އަދަދު ހަމަަޖަސައިގެން ވެސް އެޗްޑީސީ އަށް ފައިދާވާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވަނީ އަގާ ގުޅޭ ސިޓީއެއް އާއްމުކޮށްފަ އެވެ.

އޭރުގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫން ސޮއިކުރައްވައި އޮކްޓޯބަރު، 17، 2018 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުއްވި ކަމަށް އާއްމުކޮށްފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، ފްލެޓްތަކުގެ އަގު 20 އަހަރަށް ބަހާލައި ޑައުންޕޭމަންޓަކީ 25،000ރ. ކަމަށް ކަނޑައެޅުމަށެވެ. އަދި ކުލީގެ ގޮތުގައި 5،600ރ. ހަމަޖައްސައި މެއިޓެނެންސް ފީގެ ގޮތުގައި 1،000ރ. ކަނޑައެޅުން ރަނގަޅު ކަމަށް ރައީސް ޔާމީން ނިންމަވާފައިވާ ކަމަށް ވެސް އޭގައިވެ އެވެ. މިއަށް ވުރެން ބޮޑުކޮށް މި ސަރުކާރުން އަގު ނަގަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ވަނީ ފާޑުކިއުން އަމާޒުކޮށްފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސުހެއިލް އިއްޔެ ވިދާޅުވީ ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އަގު ރަނގަޅު ނޫން ކަމަށެވެ. ބޮޑު ލޯނަކުން އިމާރާތްކޮށްފައިވާ 7،000 ފްލެޓަށް މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއަށް ވުރެން ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ބުނެފައި ވަނީ 20 އަހަރަށް ބަހާލުމުން ފްލެޓްތަކުގެ މަހު ކުލި 11،000ރ. އަށް އަރާ ކަމަށެވެ. އެކަމަކު މިއީ، ސޯޝަލް ހައުސިންއަށް ބަލާއިރު ބޮޑު އަދަދަކަށް ވާތީ، ފްލެޓްތަކުގެ ކުލި 7،500ރ. އަށް ވުރެން ބޮޑުނުވާނެ ގޮތެއް ހޯދަން މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: މި ފްލެޓްތަކުގެ މަހު ކުއްޔާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅުން ދައްކާ ވާހަކަ ދިމައެއް ނުވޭ. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ހިޔާ މަޝްރޫއުގައި އިމާރާތްކޮށްފައިވާ ފްލެޓްތަކެއް: މި ފްލެޓްތަކުގެ މަހު ކުއްޔާ ގުޅޭ ގޮތުން ސަރުކާރާއި އިދިކޮޅުން ދައްކާ ވާހަކަ ދިމައެއް ނުވޭ. --ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް /މިހާރު

ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީއާ އެކު ކުރީގެ ސަރުކާރުން އެއްބަސްވީ، ސުހެއިލް ވިދާޅުވި ގޮތުގައި، ފްލެޓަކަށް 62،000 ޑޮލަރުގެ މަގުން 7،000 ފްލެޓަށެވެ. އެހެންކަމުން މި އެއްބަސްވުމުގެ އަގަކީ 434 މިލިއަން ޑޮލަރެވެ.

"ކުޑަކޮށް އެ ވިދާޅުވާ އަދަދަކީ ރަނގަޅު އަދަދެއް ނޫން، އަޅުގަނޑުމެން ވެސް ހިސާބުތައް ހަދާފައި އަގު އާއްމުކުރީ،" ސުހެއިލް ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ސޯޝަލް ހައުސިން އަށް 11،000ރ. އަކީ ބޮޑު އަދަދަކަށް ވާތީ، ސަރުކާރުގެ ވައުދަކީ އެއަށް ވުރެން ކުޑަ އަގެއް ހަމަޖައްސައިދިނުމެވެ.

އޭނާ ވިދާޅުވީ އެއްބަސްވެފައިވާ ގޮތުން ނަމަ، ފްލެޓްތައް ދޭން ނިންމާފައި ވަނީ ފިނިޝިން ނުހިމަނަ އެވެ. ފިނިޝިން ނިންމަން 42 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅުމަށް ފަހު، ސަރުކާރުން މިހާރު ނިންމާފައި ވަނީ އެ ލޯނު ނުނަގާށެވެ.

އެހެންކަމުން ފްލެޓްތައް މިހާރު ދޭނީ މުށި ނުޖަހައި ކޮޓަރި އާއި ފާޚާނާގައި ވެސް ދޮރުތައް ނުލައި ބޮތްކާއި ފަންކާ ވެސް ނުލަ އެވެ. ކައްކާ ތަންކޮޅުގައި ވެސް ހުރީ ހަމައެކަނި ބެންޗެކެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު އިމާރާތްކޮށްފައިވާ އިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ. އެ އަދަދުން ބަލާއިރު އެއީ ފްލޯއެއްގައި 100 މީހުންނެވެ. އެހެންކަމުން ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ. އެޗްޑީސީން ބުނިގޮތުގައި ފްލެޓްތަކުގެ 90 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. އެޗްޑީސީން އުއްމީދުކުރަނީ ފްލެޓްތައް ނިންމަން ކޮންޓްރެކްޓަރާ އެކު މިހާރު އެއްބަސްވެފައިވާ މިންވަރަށް މަސައްކަތްތައް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

ފްލެޓްގެ ހައްގުވެރިންނަށް، އޭގެ ފަހުން ދޮރުތައް ބަހައްޓައި، މުށި ޖަހައި ކުލަ ލާން ވަގުތުކޮޅެއް ދޭނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. ފްލެޓް ހަވާލުކޮށް ހިނގާ އެ މުއްދަތުގައި، ކުލި ނުނަގަން މިހާރު ވަނީ ނިންމައިފަ އެވެ.