Roadha Mihaaru
ރަށްރަށަށް އުދަ އަރައި ގެއްލުންވަނީ

ރަށްރަށަށް އުދަ އަރައި ގެއްލުންވަނީ

26 މެއި 2021

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދަ އަރައި ގެއްލުންވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓުން ބުނި ގޮތުގައި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރަށްރަށަށް ގެއްލުންވެފައިވާ ކަމުގެ ރިޕޯޓް މިއަދު ވެސް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ނ. އަތޮޅުގެ ބައެއް ރަށްރަށާއި ދ. މާއެނބޫދޫ، ކ. ދިއްފުށި އަދި ޅ. ނައިފަރު ހިމެނެ އެވެ.

ޑިޒާސްޓާ މެނޭޖްމަންޓުން ބުނީ، މާއެނބޫދޫ އާއި ދިއްފުއްޓަށް އުދަ އަރަމުންދާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ނައިފަރުން ރިޕޯޓްކޮށްފައި ވަނީ ވައިގަދަވެ، ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ ރިޕޯޓެއް ކަމަށެވެ.

ބައެއް ރަށްރަށުން ރިޕޯޓް ނުކުރި ނަމަވެސް ގެއްލުން ލިބެމުންދާކަމުގެ މައުލޫމާތު ލިބެ އެވެ. އޭގެ ތެރޭގައި މ. މަޑުއްވަރީ އާއި އދ. ދަނގެތި ފަދަ ރަށްތައް ހިމެނެ އެވެ. އެ ރަށްރަށަށް ވެސް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެ އެވެ.

އިއްޔެ އިން ފެށިގެން އުދަ އަރަމުންދާ ދިއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ސުނިލް "މިހާރު" އަށް ވިދާޅުވި ގޮތުގައި ރަަށުގެ ހުޅަނގު ފަރާތުން ރާޅު އަރަމުންް ދާއިރު އެ ސަރަހައްދުގެ ގާތްގަނޑަކަށް 20-25 ގެޔަކަށް އެކި ވަރުގެ ގެއްލުންތައް ވެފައިވެ އެވެ.

ސުނިލް ވިދާޅުވީ ގޭގެޔަށް ފެން ވަދެ ގެއްލުންވުން ކުޑަކުރުމަށް ވެލި ބަސްތާ ޖަހައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.

ދިއްފުއްޓަށް އުދަ އަރަނީ-

ސުނިލް ވިދާޅުވި ގޮތުގައި ޑިޒާސްޓާ މެނޭޖްމަންޓުން ވަނީ އެ ރަށަށް އިއްޔެ 2،000 ގޯނި ވެސް ހަދިޔާކޮށްފަ އެވެ. އަދި މިއަދު ރަށުން ފެން ހިންދުމަށް ޕަމްޕެއް ވެސް ފޮނުވާނެ ކަމަށް ވިދާޅުވި އެވެ.

މިވަގުތު ކޮވިޑްގެ ސަބަބުން ދިއްފުށި ވެސް މޮނިޓަރިންގެ ހާލަތުގައި އޮތްއިރު ފެން ހިންދުމުގެ މަސައްކަތް ކުރުމަށް ކަމާ ބެހޭ އިދާރާތަކުގައި އެހީއަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކ. ދިއްފުއްޓަށް އުދަ އަރާފައި--

ކ. ދިއްފުއްޓަށް އުދަ އަރާފައި--

ދިއްފުށީ ގިރަމުންދާ ސަރަހައްދުން ބައެއް ރުއްތައް ވެސް އުދައިގައި ވެއްޓިފައިވެ އެވެ.

މިއަދު އދ. ދަނގެއްޗަށް ވެސް އުދަ އަރާފައިވެ އެވެ. އެރަށު ކައުންސިލްގެ ނައިބް ރައީސް އިމްރާން އަހުމަދު ވިދާޅުވީ ހުޅަނގު ފަރާތުން އުދަ އަރައި އެ ސަރަހައްދުގެ ހުރި ކެފޭއަކަށް ގެއްލުންވެފައިވާ ކަމަށެވެ. ކެފޭ އިން ބޭނުންކުރަމުން އައި ގޮނޑުދޮށް، ވަރަށް ބޮޑަށް ގިރާލާފައިވާ ކަމަށާއި ރަށުގެ ތުނޑި ވެސް ގިރާލާފައިވާ ކަމަށް ވިދާޅުވި އެވެ.

އދ. ދަނގެއްޗަށް އުދަ އަރާފައި--

އދ. ދަނގެއްޗަށް އުދަ އަރާފައި--

ދަގެއްޗަށް މެންދުރެއްހާއިރު ވަރަށް ބޮޑަށް އުދަ އެރި ނަމަވެސް ރަށު ތެރެއަަށް އުދަ އަރައި ގެއްލުން ނުވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

މ. މަޑުއްވަރީ ކައުންސިލްގެ މެމްބަރު އިބްރާހީމް ނިޝާމް ވިދާޅުވި ގޮތުގައި އިއްޔެ ވެސް އެރަށަށް އުދެ އެރި އެވެ. އަދި މިއަދު އާދަޔާ ހިލާފަށް ބޮޑަށް ރަށު ތެރެއަށް އުދަ އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަށުގެ ދުވަސްވީ މީހުންނާ ހަވާލާދެއްވައި ނިޝާމް ވިދާޅުވި ގޮތުގައި މިހާތަނަށް އެރަށަށް އެހާ ބޮޑަށް އުދަ އަރައިފައެއް ނުވެ އެވެ. ރަށުގެ ވަށައި އެކި ދިމާލުން އުދަ އަރަމުން ދާއިރު ރަށު ބޮޑު ސަރަހައްދަކަށް އުދަ އަރާފައިވާ ކަމަށް ވިދާޅުވި އެވެ.

މ. މަޑުއްވަރީއަށް އުދަ އަރާފައި--

މ. މަޑުއްވަރީއަށް އުދަ އަރާފައި--

ބޮޑު ހިލަ ނުޖަހާ އޮތް ބަނދަރުމަތިން ވަރަށް ބޮޑަށް ރާޅު އަރަމުން ދާތީ ގޭގެއާއި މިސްކިތް އަދި ސަރުކާރު އޮފީސްތަކަށް ފެންގަނޑު ވަދެދާނެތީ ވެލި ބަސްތާ ޖަހާފައިވެ އެވެ. ގޭތެރެއަށް ފެންގަނޑު ނުވަނަސް ބައެއް ގެތަކުގެ ގޯތިތެރޭ ފެން ހެދިފައިވެ އެވެ.

މަޑުއްވަރީއަށް އުދަ އަރަނީ

މޫސުން ގޯސްވެ، ބައެއް ރަށްރަށަށް ގެއްލުން ލިބުމާ ގުޅިގެން ސިފައިން ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް ހަވީރު 6:00 ގެ ނިޔަލަށް ޔެލޯ އެލާޓް ވެސް ނެރެފަ އެވެ. އެ ސަރަަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އުދަ އަރާނެ ކަމަށް ވެސް މެޓުން އޮތީ ލަފާކޮށްފަ އެވެ.