Roadha Mihaaru
ސްޓާލިންކް އިންޓަނެޓް މަނާކުރުމުގެ ވިސްނުމެއް ނެތް

ސްޓާލިންކް އިންޓަނެޓް މަނާކުރުމުގެ ވިސްނުމެއް ނެތް: ޝައުނާ

27 މެއި 2021

އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކުުގެ ހިދުމަތް ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

އިންޓަނެޓް ދިނުމަށް ސްޕޭސްއެކްސް އިން ފަށާފައިިވާ ސްޓާލިންކުުގެ ހިދުމަތް ރާއްޖޭގައި މަނާކުރުމުގެ ވިސްނުން ސަރުކާރުން ނުގެންގުޅޭ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މުޅި ދުނިޔެއަށް ހެޔޮ އަގުގައި ފެންްވަރު ރަނގަޅު އިންޓަނެޓް ދޭން، މަހުޖަނު އީލޮން މަސްކް ފަށާފައިވާ ސްޓާލިންކްގެ ހިދުމަތް ރާއްޖެއަށް ވެސް ލިބޭނެ ކަމަށް ފެބްރުއަރީ މަހު ވަނީ ބުނެފަ އެވެ. މި ހިދުމަތް ހޯދުމަށް ބޭނުންވާ ހާޑްވެއާ އަށް ޕްރީއޯޑާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.

"އެތައް ޒަމާނެއްވަންދެން ހުރި މައްސަލަތަކަށް އުފެއްދުންތެރި ހައްލުތަކަށް މަރުހަބާ. ސްޕޭސްއެކްސްގެ ހައިސްޕީޑް އިންޓަނެޓް، ސްޓާލިންކް މި ސަރަހައްދަށް ލިބެން ފެށުމުން، އެ ހިދުމަތް ބްލޮކްކުރުމުގެ ވިސްނުމެއް ދިވެހި ސަރުކާރުގެ ނެތް،" ޝައުނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ސްޕޭސްއެކްސްގެ ވެރިޔާ އީލަން މަސްކް ކުރިން ވިދާޅުވެފައިވާ ގޮތުގައި ދުނިޔޭގެ ބޮޑު ސަރަހައްދަކަށް ސްޓާލިންކް ހިދުމަތް ދިނަސް، އެއްވެސް ސަރުކާރަކުން ހިދުމަތް މަނާކުރާ ނަމަ އެ ގައުމަކަށް ހިދުމަތް ބްލޮކް ކުރާނެ އެވެ.

ސްޓާލިންކްގެ ހިދުމަތް ހޯދަން ކުޑަ ޑިޝްއަކާއި އެހެން ބައެއް ހާޑްވެއާ ބޭނުންވާނެ އެވެ. ހިދުމަތުގެ ޕްރީއޯޑަރަށް 99 ޑޮލަރުގެ ޑިޕޮސިޓެއް ދައްކަންޖެހެ އެވެ. އަދި ހާޑްވެއާ އަށް 499 ޑޮލަރާއި ޝިޕިން އަށް 50 ޑޮލަރު ދައްކަން ޖެހޭނެ އެވެ. މި ވަގުތު މި ހިދުމަތަށް މަހަކު 99 ޑޮލަރު ނަގާނެ އެވެ.

ސްޓާލިންކުން މިހާރު ކަނޑައަޅާއި އޮތް ސްޕީޑަކީ ސިކުންތަކު 50-150 މެގަބިޓެވެ. އަދި މި އަހަރުތެރޭ ސިކުންތަކު 300 މެގަބިޓް ސްޕީޑުގައި އިންޓަނެޓް ލިބޭނެ ގޮތް ހަދާނެ ކަމަށް ފެބްރުއަރީ މަހު އިއުލާންކޮށްފައިވެ އެވެ. މިއާ އެކު މި އަހަރު ނިމުމުގެ ކުރިން ލޭޓެންސީ 20 މިލިސިކުންތަށް ދަށްވާނެ ކަމަށާއި އެވްރެޖް ލޭޓެންސީ އުޅެނީ 20-40 މިލިސިކުންތާ ދޭތެރޭގައި ކަމަށް ސްޓާލިންކުން ބުނެ އެވެ. އަދި މި އަހަރު ފަހުކޮޅު ސްޓާލިންކުގެ ހިދުމަތް މޯބައިލްކޮށް ވެސް ހޯދޭނެ ކަމަށް ވަނީ ބުނެފަ އެވެ.

ސްޓާލިންކް ރާއްޖޭގައި ބްލޮކް ކުރުމުގެ ވިސްނުން ނެތް ކަމަށް މިނިސްޓަރު މި ވިދާޅުވީ އިންޓަނެޓް އަގު ހެޔޮކޮށް މިއަދު އެކަމާ ބެހޭ މައުލޫމާތު ހާމަކުރުމަށް ފަހުގަ އެވެ. އިންޓަނެޓްގެ އަގާއި ހިދުމަތް ދޭ ގޮތަށް ބަަދަލު ގެނެސް މިހާރު ވަނީ ތްރޮޓްލް ސްޕީޑް ވެސް 2 އެމްބީޕީއެސް އަށް ވުރެ ދަށް ނުކުރެވޭ ގޮތަށް ހަމަޖައްސައިފަ އެވެ. ޖުލައި މަހުން ފެށިގެން އިންޓަނެޓްގެ އަގު ހެޔޮކުރަން ފަށާއިރު 28-30 ޕަސެންޓް ހެޔޮވާނެ އެވެ. އަދި ފޭސްތަކަށް ބަހާލައިގެން އަގުތައް ދަށްކޮށް ހިދުމަތަށް ބަދަލު ގެންނެސް ނިމޭއިރު 60-70 ޕަސެންޓް އަގު ހެޔޮވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.