Roadha Mihaaru
"ވެރީ ހަންގްރީ ކެޓަޕިލާ" ގެ ލިޔުންތެރިޔާ މަރުވެއްޖެ

މަޝްހޫރު "ދަ ވެރީ ހަންގްރީ ކެޓަޕިލާ" ގެ ލިޔުންތެރިޔާ މަރުވެއްޖެ

28 މެއި 2021

ވަރަށް ގިނަ ގައުމުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ކުޑަކުދިންގެ ވާހަކަ "ދަ ވެރީ ހަންގްރީ ކެޓަޕިލާ" ގެ ލިޔުންތެރިޔާ އެރިކް އާލް މަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ވަރަށް ގިނަ ގައުމުތަކުގައި ބޮޑު މަޝްހޫރުކަމެއް ހޯދި ކުޑަކުދިންގެ ވާހަކަ "ދަ ވެރީ ހަންގްރީ ކެޓަޕިލާ" ގެ ލިޔުންތެރިޔާ އެރިކް އާލް މަރުވެއްޖެ އެވެ.

އޭނާގެ އާއިލާ އިން ނެރުނު ބަޔާނެއްގައި ބުނީ 91 އަހަރުގައި ލިޔުންތެރިޔާ މެސެޗޫޒެސްގައި އާދީއްތަ ދުވަހު މަރުވީ ކިޑްނީ ފެއިލްވެގެން ކަމަށެވެ. އެރިކް އަކީ ދެ ކުދިންގެ ބައްޕައެކެވެ. އޭނާގެ އަންހެނުން މޮރިސަން ވަނީ 2015 ގައި މަރުވެފަ އެވެ.

ލިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުވުމުގެ ކުރިން މޮޅު އިލަސްޓްރޭޓަރެއްގެ ގޮތުގައި އާންމުންގެ ސަމާލުކަން ހޯދި ނިއު ޔޯކަށް އުފަން ފަންނާނުގެ "ދަ ވެރީ ހަންގްރީ ކެޓަޕިލާ" އަކީ އޭގެ މަގުބޫލުކަން ބޮޑުވެ 62 ބަހަކުން ތަރުޖަމާކޮށް، 50 މިލިއަން ކޮޕީ ވިކުނު ވާހަކައެކެވެ. އެ ވާހަކަ ނެރުނީ ޖޫން 3، 1969 ގަ އެވެ.

މިހާރު ވެސް ވަރަށް ގިނަ ގައުމުތަކުގައި އެ ވާހަކަ ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލެވެ. ވަރަށް ސާދާކޮށް އަދި އެރިކްގެ ކުރެހުންތަކާ އެކު އެންމެ 224 ލަފުޒުން ލިޔެ ނެރުނު "ދަ ވެރީ ހަންގްރީ ކެޓަޕިލާ" އަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އެރިކް ބުނެފައި ވަނީ އެވަރުގެ ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ދުވަހަކު ވެސް ހީނުކުރާ ކަމަށެވެ.

މި ވާހަކަ ނެރުނު ދެ ޕަބްލިޝިން ހައުސް ކަމަށްވާ އެމެރިކާ ވޯލްޑް ޕަބްލިޝިން ކޮމްޕެނީ އާއި އިނގިރޭސިވިލާތުގެ ހާމިޝް ހެމިލްޓަނުން، މި ކާމިޔާބީއާ ގުޅިގެން އެރިކަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދިޔަ އެވެ.

އެރިކް ލިޔުންތެރިކަމުގެ ތެރެއަށް ވަނީ އުމުރުން 30 އަހަރަށް އެޅި ފަހުންނެވެ. "ދަ ވެރީ ހަންގްރީ ކެޓަޕިލާ" ގެ ކުރިން އޭނާ ނެރުނު ކުޑަކުދިންގެ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކަ އަކީ 1967 ގެ "ބްރައުން ބެއާ، ބްރައުން ބެއާ، ވަޓް ޑޫ ޔޫ ސީ؟" އެވެ. އޭގެ ފަހުން ވެސް ކުރެހުންތަކާ އެކު ކުޑަކުދިންގެ އެތައް ވާހަކައެއް އެރިކް ނެރުނެވެ.