Roadha Mihaaru
ވައިއާރްއެފުން ސްޓްރީމިން ޕްލެޓްފޯމެއް ހަދަނީ

އިންޑިއާގައި ނުފޫޒުގަދަ ޕްރޮޑަކްޝަން ހައުސް ވައިއާރްއެފުން ސްޓްރީމިން ޕްލެޓްފޯމެއް ހަދަނީ

29 މެއި 2021

އިންޑިއާގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އެތަނުގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ބޮޑު ފިލްމު ޕްރޮޑަކްޝަން ހައުސްތަކުގެ ތެރޭގައި ހިމެނޭ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން އެތަނުގެ އަމިއްލަ ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތަައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި ކުންފުނީގެ ބާނީ ޔާޝް ޗޯޕްރާ މަރުވި ފަހުން ވައިއާރްއެފް ހިންގުމުގެ ޒިންމާ ނަގަމުން އަންނަ ދަރިފުޅު އަދިތިޔާ ޗޯޕްރާގެ އަމާޒަކީ އިންޑިއާގައި މިހާރު ލޯންޗްކޮށްފައިވާ ލޯކަލް ސްޓްރީމިން ޕްލެޓްފޯމްތަކަށް ވުރެ ވަރުގަދަ ޕްލެޓްފޯމެއް ހެދުމެވެ. އެއާ އެކު ވައިއާރްއެފްގެ އުދެއްދުންތަކުގެ އިތުރުން އިންޑިއާގެ އެހެން ޕްރޮޑަކްޝަން ހައުސްތަކުގެ އުފެއްދުންތައް ވެސް އޭގެ ތެރެއަށް ގެންނަން މަސައްކަތްކުރާނެ އެވެ.

އެކަމަކު ސްޓްރީމިންގެ ހިދުމަތަކީ މިހާރު އިންޑިއާގެ އިތުރުން މުޅި ދުނިޔޭގައި ވެސް ވަރަށް ވާދަވެރިކަން ބޮޑު އަދި ފުޅާވަމުން އަންނަ ވިޔަފާރިއަކަށްވާތީ އެފަދަ ޕްލެޓްފޯމެއް ހިންގުމަކީ އެހާ ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެހެންވެ ވައިއާރްއެފުން އަމާޒު ހިފަނިީ ސީދާ އެ ކުންފުނީގެ ސްޓްރީމިން ޕްލެޓްފޯމަށް ހާއްސަ އޮރިޖިނަލް ކޮންޓެންޓް ވެސް ތައްޔާރުކުރާނެ ގޮތެއް ހަދައި، އޭގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރާށެވެ. އޭގެ ތެރޭގައި ދިގު ވެބްސީރީޒްތަކާއި މިނީ ވެބް ސީރީޒްތަކުގެ އިތުރުން ވެބް ފިލްމުތައް ވެސް ހިމެނޭނެ އެވެ.

މިހާރު ވައިއާރްއެފްގެ ފިލްމުތައް ސިނަމާތަކުގައި ދެއްކުމަށް ފަހު، ސްޓްރީމްކުރަމުން އަންނަނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. އެގޮތުން އެންމެ ފަހުން ސްޓްރީމިން އަށް ދޫކޮށްލި ފިލްމަކީ މާޗް މަހު ސިނަމާތަކުގައި އެޅުވި އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްރާގެ "ސަންދީޕް އޯރް ޕިންކީ ފަރާރު" އެވެ.

ވައިއާރްއެފުން ސްޓްރީމިން ޕްލެޓްފޯމެއް ލޯންޗްކުރަން އުޅޭ ވާހަކަ މީޑިއާތަކުން ފެތުރި ނަމަވެސް މިކަމާ ބެހޭ ގޮތުން އެ ސްޓޫޑިއޯ އިން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު ފިލްމު އިންޑަސްޓްރީ އަށް އޮތް އިންޑިއާ އަށް ވަނީ މިހާރު ޑިޖިޓަލްކޮށް ފިލްމުތައް ގެނެސްދިނުމާ ގުޅޭ ގޮތުން ވިސްނަން މަޖުބޫރުވެފަ އެވެ، އެއީ މިދިޔަ އަހަރު ކުރިމަތިލާން ޖެހުނު ކޮވިޑް-19 ގެ ބަލިމަޑުކަމާ އެކު ސިނަމާތަކުގެ ވިޔަފާރި ހުއްޓުމާ ގުޅިގެންނެވެ.

ފިލްމީ ދާއިރާގެ ބައެއް މީހުން ވެސް މިހާރު ގަބޫލުކުރާ ގޮތުގައި ސިނަމާތަކުގެ ވިޔަފާރި މިހާރު މާޒީވެއްޖެ އެވެ. އަދި ކުރިމަގު ގުޅިފައި އޮތީ ސްޓްރީމިންގެ ހިދުމަތާ އެވެ.