Roadha Mihaaru
ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" ބްރޯޑްވޭއަކަށް

ޝާހްރުކާއި ކާޖޮލްގެ "ޑީޑީއެލްޖޭ" ބްރޯޑްވޭއަކަށް

24 އޮކްޓޯބަރ 2021

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލްގެ ލޯބީގެ އަސަރު ގަދަ ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ހަދަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ ޝާހްރުކް ޚާނާއި ކާޖޮލްގެ ލޯބީގެ އަސަރު ގަދަ ފިލްމު ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ (ޑީޑީއެލްޖޭ) ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ހަދަން ނިންމައިފި އެވެ.

ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާ ލިޔެ، ޑައިރެކްޓްކުރި ފިލްމު ބްރޯޑްވޭ (ސްޓޭޖް ތަމްސީލެއް) އެއްގެ ގޮތުގައި ގެނެސްދޭން ނިންމިކަން އިއުލާންކުރީ އެ ފިލްމް ރިލީޒް ކުރިތާ 26 އަހަރު ފުރުމާ ދިމާކޮށެވެ. މިކަމާ ގުޅޭ ގޮތުން އެ ފިލްމު ޕްރޮޑިއުސްކުރި އާދީގެ އާއިލީ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ނެރުނު ބަޔާނެއްގައި ބުނީ "ޑީޑީއެލްޖޭ" ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި އިންޓަނޭޝަނަލް ކާސްޓަކާ އެކު ގެނެސްދޭނީ "ކަމް ފޯލް އިން ލަވް" ގެ ނަމުގައި ކަމަށެވެ. އެ ނަމަކީ ފިލްމުގެ ޓެގް ލައިނެއްގެ ގޮތުގައި ބޭނުންކުރި އިބާރެތެވެ.

ބޮޑު ބަޖެޓަކުން ހަދާ "ކަމް ފޯލް އިން ލަވް" ޑައިރެކްޓް ވެސް ކުރާނީ އާދީ އެވެ. އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ މި ބްރޯޑްވޭ ހަދާނީ ވައިއާރްއެފާއި އެމެރިކާގެ ޓީމެއް ގުޅިގެންނެވެ. އަދި މީގެ އެކި ޑިޕާޓްމަންޓްތަކުގައި ބައިވެރިވާ ބައެއް ފަރާތްތަކުގެ ނަންތައް ވެސް ވައިއާރްއެފުން ހާމަކޮށްފައިވެ އެވެ.

ރިލީޒްކުރި ފަހުން ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް ފިލްމެއްގެ ގޮތިގައި ފާހަގަކޮށްލެވޭ "ޑީޑީއެލްޖޭ" އަކީ އެ ރިލީޒްކުރި ފަހުން އިންޑިއާގެ ސިނަމާއެއްގައި މެދުކެނޑުމެއް ނެތި އެންމެ ގިނަ އަހަރު ވަންދެން ދެއްކި ފިލްމު ވެސް މެ އެވެ. އެގޮތުން އޮކްޓޯބަރު 20، 1995 ގައި ރިލީޒްކުރި ފިލްމަކީ މުމްބާއީގެ މަރާޓާ މަންދިރު ސިނަމާގައި މެދުކެނޑުމެއް ނެތި 22 ވަރަކަށް އަހަރު ވަންދެން ދެއްކި ފިލްމެކެވެ.

"ކިންގް އޮފް ރޮމޭންސް" ގެ ނަމުން މަޝްހޫރުވި ކުރީގެ ކުޅަދާނަ ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދަރިފުޅު އާދީގެ ފުރަތަމަ ޑައިރެކްޝަންގެ ގޮތުގައި ގެނެސްދިން "ޑީޑީއެލްޖޭ" އަކީ ހިންދީ ސިނަމާގެ އެންމެ އައިކޮނިކް އެއް ފިލްމެވެ. އަދި މި ފިލްމަކީ ޝާހްރުކާއި ކާޖޮލްގެ ވިދުން ވަރަށް ބޮޑަށް ގަދަކޮށްލި ފިލްމެކެވެ. މީގެ ކާސްޓްގައި އަމްރިޝް ޕޫރީ އާއި ފަރީދާ ޖަލާލާއި މަންދިރާ ބޭދީ އިތުރުން ޕަރުމޭތު ސޭތީ ވެސް ހިމެނެ އެވެ.

ބައްޕަ ޔާޝްއާ އެކު އާދީ.

ބައްޕަ ޔާޝްއާ އެކު އާދީ.

"ޑީޑީއެލްޖޭ" އަކީ އޭގެ ވާހަކަ އާއި ޑައިލޮގްތަކާއި މިއުޒިކާއި ލަވަތަކުގެ އިތުރުން ތަރިން ދެއްކި މޮޅު އެކްޓިންއާ އެކު ޖާދޫއެއް ފަދަ ފިލްމެކެވެ.

މި ފިލްމު ބްރޯޑްވޭ މިއުޒިކަލްއެއްގެ ގޮތުގައި ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އާދީ ގެނެސްދޭން ނިންމި އިރު އޭނާ އެންމެ ފަހުން ޑައިރެކްޓްކުރި ފިލްމަކީ 2016 ގެ "ބޭފިކްރޭ" އެވެ. އޭނާ ޑައިރެކްޓްކުރި އިތުރު ފިލްމުތަކަކީ 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އާއި 2000 ވަނަ އަހަރުގެ "މުހައްބަތޭން" އެވެ. އެކަމަކު އެއިން އެއްވެސް ފިލްމަކަށް "ޑީޑީއެލްޖޭ" ހޯދި ވަރުގެ ކާމިޔާބީއެއް ނުލިބެ އެވެ.