Roadha Mihaaru
އެމެޒޯންގެ ބޮޑު ހުށަހެޅުން ވައިއާރްއެފުން ގަބޫލެއްނުކުރި

އެމެޒޯން ޕްރައިމްގެ 54 މިލިއަން ޑޮލަރުގެ ހުށަހެޅުން ވައިއާރްއެފުން ގަބޫލެއް ނުކުރި

25 ސެޕްޓެމްބަރ 2021

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކުރިއަށް އޮތް ހަތަރު ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހުށަހެޅި 400 ކްރޯޑް ރުޕީސް (54.22 މިލިއަން ޑޮލަރު) ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ އެންމެ ބޮޑު ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކުރިއަށް އޮތް ހަތަރު ފިލްމެއް ސިނަމާތަކުގައި ރިލީޒްކުރުމުގެ ބަދަލުގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރާ ގޮތަށް ހުށަހެޅި 400 ކްރޯޑް ރުޕީސް (54.22 މިލިއަން ޑޮލަރު) ގަބޫލުނުކޮށް ދޫކޮށްލައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނިން އެމެޒޯންގެ ހުށަހެޅުން ގަބޫލުނުކުރީ ސިނަމާތަކުގައި ނޫނީ ފިލްމުތައް ރިލީޒްނުކުރުމަށް އެ ކުންފުނިން ގެންގުޅޭ އުސޫލު ބަދަލުނުކުރުމުގެ ގޮތުންނެވެ. އެ ކުންފުނީގެ ހަތަރު ފިލްމެއް މިހާރު ވެސް އޮތީ ކޮވިޑާ ހެދި ފަސްކޮށްފަ އެވެ. އަދި ސިނަމާތަކުގައި ފިލްމު އަޅުވާނެ ރަނގަޅު މާހައުލެއް ލިބުމުން ނޫނީ އެ ފިލްމުތައް ރިލީޒްކުރުން ވަނީ މަޑުޖައްސާލައިފަ އެވެ.

އެ ހަތަރު ފިލްމަކީ މަސައްކަތްކޮށް އެއްކޮށް ނިމިފައި އޮތް، އަދިތިޔާގެ އަންހެނުން މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ "ބަންޓީ އޯރް ބަބްލީ 2" އާއި ރަންވީރު ސިންގްގެ "ޖަޔޭޝްބާއީ ޖޯރުދާރު" އާއި އަކްޝޭ ކުމާރުގެ "ޕްރިތުވީރާޖް" ގެ އިތުރުން ރަންބީރް ކަޕޫރްގެ "ޝަމްޝޭރާ" އެވެ. މި ފިލްމުތަކަކީ ކޮވިޑް ކުރިމަތިނުވި ނަމަ މިދިޔަ އަހަރު ރިލީޒްކުރާނެ ފިލްމުތަކެކެވެ.

ކޮވިޑާ ހެދި މިދިޔަ އަހަރާއި މި އަހަރު ވެސް ބޮޑެތި ގިނަ ފިލްމުތަކެއް އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުން ޕްރީމިއާކުރި ނަމަވެސް ވައިއާރްއެފުން ނިންމާފައި އޮތީ އެތަނުގެ އެއްވެސް ފިލްމެއް ސިނަމާތަކުގައި އަޅުވާފައި ނޫނީ ސްޓްރީމިން އަށް ދޫކޮށްނުލުމަށެވެ. އެމެޒޯންގެ 400 ކްރޯޑް ރުޕީސްގެ ހުށަހެޅުން ވައިއާރްއެފުން ދޫކޮށްލި އިރު، ފާހަގަކޮށްލެވޭ ކަމަކީ އެ ސްޓޫޑިއޯގެ ފިލްމުތަކުގެ ޑިޖިޓަލް ރައިޓްސް ދެނީ ވެސް އެމެޒޯނަށް ކަމެވެ. އެގޮތުން މި އަހަރުގެ މާޗްގައި ސިމަނާތަކުގައި ދެއްކި އަރުޖުން ކަޕޫރާއި ޕަރިނީތީ ޗޯޕްޅާގެ "ސަންދީރް އޯރް ޕިންކީ ފަރާރު" އަކީ ވެސް މިހާރު އެމެޒޯނުން ބަލައިލެވޭނެ ފިލްމެކެވެ.

އެމެޒޯންގެ ހުށަހެޅުން އަދިތިޔާގެ ފިލްމު ކުންފުނިން ބޮލާލައި ޖެހި އިރު، އޭނާ އަކީ އަބަދު ވެސް ފިލްމީ ވިޔަފާރީގައި ހަރުދަނާ އުސޫލުތަކެއް ގެންގުޅޭ މީހެކެވެ. އަދިތިޔާގެ ބައްޕަ ޔާޝް ޗޯޕްޅާގެ ފިލްމު ކުންފުނި ވައިއާރްއެފަކީ ފިލްމު ހަދާތާ މިހާރު ބައި ގަރުނަށް ވުރެ ގިނަ ދުވަސްވެފައިވާ ކުންފުންޏެވެ. އެ ކުންފުންޏަށް 50 އަހަރު ފުރުނީ މިދިޔަ އަހަރު އެވެ.

ވައިއާރްއެފްގެ ހަތަރު ފިލްމެއް ރިލީޒްކުރެވޭނެ އިރެއް ނޭނގި އޮތް އިރު، މިހާރު ވެސް ފިލްމުތަކެއްގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ޝާހްރުކް ޚާންގެ "ޕަތާން" އާއި ވިކީ ކޯޝަލްގެ "ދަ ގްރޭޓް އިންޑިއަން ފެމިލީ" އާއި ސަލްމާން ޚާންގެ "ޓައިގާ 3" އާއި ރާނީގެ "މިސިޒް ޗެޓަޖީ ވާސަސް ނޯވޭ" ހިމެނެ އެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ އަކީ މި ފަހުން ބޮލީވުޑްގެ ބޮޑެތި ފިލްމުތައް ޕްރީމިއާކުރަމުން އަންނަ ޕްލެޓްފޯމެކެވެ.