Roadha Mihaaru

ގާޒާ އަށް ދޭ އެހީގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން: ސިންވާރު

އިޒްރޭލުން ގާޒާއަށް ދިން 11 ދުވަހުގެ ހަމަލާތަކުގައި އެ ސަހަރަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، އަލުން އާރާސްތުކުރުމަށް، އެހެން ގައުމުތަކުންނާއި ބޭރުގެ އެހީދޭ ޖަމާއަތްތަކުން ދޭ އެހީގެ ފައިސާގެ އެންމެ ލޯލާރިފޮއްޗެއްގައި ވެސް ނުޖެހޭނެ ކަމަށް، ހަމާސްގެ ގާޒާ ގޮފީގެ އިސް ވެރިޔާ ޔަހްޔާ ސިންވާރް ވިދާޅުވެއްޖެ އެވެ.

ގާޒާ އަށް ދޭ އެހީގެ ލޯލާރިއެއްގައި ވެސް ނުޖެހޭނަން

އިޒްރޭލުން ގާޒާއަށް ދިން 11 ދުވަހުގެ ހަމަލާތަކުގައި އެ ސަހަރަށް ލިބުނު ގެއްލުންތައް މަރާމާތުކޮށް، އަލުން އާރާސްތުކުރުމަށް، އެހެން ގައުމުތަކުންނާއި ބޭރުގެ އެހީދޭ ޖަމާއަތްތަކުން ދޭ އެހީގެ ފައިސާގެ އެންމެ ލޯލާރިފޮއްޗެއްގައި ވެސް ނުޖެހޭނެ ކަމަށް، ހަމާސްގެ ގާޒާ ގޮފީގެ އިސް ވެރިޔާ ޔަހްޔާ ސިންވާރް ވިދާޅުވެއްޖެ އެވެ.

ސިންވާރް ވިދާޅުވި ގޮތުގައި ގާޒާ އަށް ދޭ އެހީގެ ތަކެތިވެސް، އެއްވެސް ތަފާތުކުރުމެއް ނެތި، އަދި ހާމަކަން ބޮޑު ގޮތެއްގައި، އެތަކެތި ހައްގުވާ އެންމެންނަށް ބެހިގެންދާނެ އެވެ. އަދި ގާޒާ އާރާސްކުރުމަށް، ބައިނަލްއަގްވާމީ މުޖްތަމައުންނާއި އަރަބި ގައުމުތަކުން ދޭ ކޮންމެ އެހީއަކަށް މަރުހަބާ ކިޔާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގާޒާ އަލުން އިމާރާތް ކުރުމަށާއި، ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަމުގެ ގޮތުން ދޭ އެންމެ ފައިސާ ފޮއްޗެއްގައި ވެސް ނުޖެހޭނެ ކަމުގެ ޔަގީންކަން އަހަރެން ދެން. މީގެ ކުރިން ވެސް އެފަދަ ފައިސާއެއްގައި ހަމާސް ޖެހިފައެއް ނުވާނެ،" ސިންވާރް ވިދާޅުވި އެވެ.

ހަމާސްއިން މިމޭރުމުން މިވާހަކަ ދެއްކީ، ގާޒާ އާރާސްތުކުރުމަށް އެމެރިކާއިން 350 މިލިއަން ޑޮލަރު ދޭނެ ކަމަށާއި، ނަމަވެސް އެފައިސާއިން ހަމާސްއަށް އެއްވެސް މަންފާއެއް ކޮށްގެން ނުވާނެ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީން އެންޓޮން ބްލެންކިން ވިދާޅުވެފައި ވަނިކޮށެވެ. އެހެންކަމުން، އެމެރިކާއިން ގާޒާއަށް އެހީވެދިނުމުގެ ކަންތައް ކުރަން އެމެރިކާ ބޭނުންވަނީ، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްގެ ސަރުކާރު މެދުވެރިކޮށެވެ.

ސިންވާރް ވިދާޅުވި ގޮތުގައި ބްލިންކެން އެމޭރުމުން ވާހަކަ ދެއްކެވީ، ފަލަސްތީނު ސަރުކާރާއި ހަމާސް ޖަމާއަތާ ދެމެދު އޮތް ގުޅުމަށް ބުރޫ އެރުވުމުގެ ނިޔަތުގަ އެވެ. ފަލަސްތީނު ސަރުކާރާއެކު އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށާއި، ދުޝްމަނުންގެ އެފަދަ މަޅިއެއްގައި ހަމާސް ނުޖެހޭނެ ކަމަށް ވެސް ސިންވާރް ވިދާޅުވި އެވެ.

ގާޒާ އާރާސްތުކުރުމަށް މިސްރުން 500 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމައިފަ އެވެ. ގާޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާއިން 350 މިލިއަން ޑޮލަރު އަދި އިނގިރޭސި ވިލާތުން، ކުއްލި އެހީގެ ގޮތުގައި އދ. މެދުވެރިކޮށް 4.5 މިލިއަން ޑޮލަރު ދިނުމަށް ވަނީ ނިންމައިފަ އެވެ. އަދި ވިލާތުގެ އިއްތިހާދުން ވެސް 9.8 މިލިއަން ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފަ އެވެ.

ގާޒާއަކީ ވެސް ފަލަސްތީނު ދައުލަތުގެ ބިމެއް ކަމަށް ވިޔަސް، ހުޅަނގު އައްސޭރިއާ މުޅިން ވަކިން އޮންނަ ގާޒާގެ ހުރިހާ ކަމެއް، 2007 ވަނަ އަހަރުން ފެށިގެން ކޮންޓްރޯލް ކުރަމުން އަންނަނީ ހަމާސް ޖަމާއަތުންނެވެ. މަހްމޫދު އައްބާސްގެ ވެރިކަން ހިނގަނީ ހުޅަނގު އައްސޭރީގަ އެވެ.