Roadha Mihaaru
ވޮލަންޓިއާ ކުރުމަށް ހާހަކަށް ވުރެ ގިނަ މީހުން އެދިއްޖެ

ކޮވިޑް-19: ވޮލަންޓިއަރުންނަށް ވާން ހާހަކަށް ވުރެ ގިނަ މީހުން އެދިއްޖެ

28 މެއި 2021

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެހީވެދީ، ބަލި މީހުންނަށް އަޅާލުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ހާހަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށް އެހީވެދީ، ބަލި މީހުންނަށް އަޅާލުމަށް ވޮލަންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް އެދި ހާހަކަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅައިފި އެވެ.

ރާއްޖޭގައި ކޮވިޑްގެ ބަލީގެ ހާލަތު އިންތިހާ އަށް ގޯސްވެ، ކަންކަން ދަނީ ބޮއްސުންލަމުންނެވެ. ކޮވިޑުގެ ބަލި މީހުންނަށް އަޅައިނުލެވުމާއި ބަލި ކޮންޓްރޯލްކުރުމަށް އެކަށީގެންވާ މަސައްކަތް ނުކުރެވުމާއި ފޯނު ކޯލްތަކަށް ޖަވާބު ނުދިނުން ފަދަ ގިނަ މައްސަލަތަކެއް މި ފަހުން ދަނީ ދިމާވަމުންނެވެ.

މިކަމުގައި ކަމާ ބެހޭ އިދާރާތަކުގެ ޖަވާބަކަށްވީ، ކަންކަން ކުރުމަށް އެކަށީގެންވާ އަދަދަށް ސިއްހީ އެހީތެރިން ނެތުމެވެ. އެހެންވެ، އެކަމުގައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރާނެ މީހުން ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ކޮވިޑްގެ މި ބަލިމަޑުކަމުގެ ތެރެއިން، ސަރުކާރަށް އެހީވެދިނުމަށް ގިނަ ބަޔަކު ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނިގޮތުގައި މިހާތަނަށް 1،000އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާއިރު، އެ ފޯމުުތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި މި ވަގުތަށް، ފޯމު ބަލައިގަތުން މަޑުޖައްސާލާފައިވާ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެޗްޕީއޭން ވަނީ އާއްމުންގެ ފަރާތުން ލިބުނު އެ އެހީތެރިކަމަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފަ އެވެ.

ވޮލެންޓިއަރުންގެ ގޮތުގައި މިހާރު ވެސް ބައެއް މީހުން، އެތަނުގެ އެޗްޕީއޭގެ ކޯލް ސެންޓަރުގެ މަސައްކަތް ކުރެ އެވެ. އެތަނުގެ އިތުރުން ބަލި މީހުންނަށް އަޅާލުމަށް ކޮވިޑް ފެސިލިޓީތަކަށާއި ސާމްޕަލް ނެގުން ފަދަ ކަންކަމަށް ވެސް ވޮލެންޓިއަރުން ވަރަށް ބޮޑަށް ބޭނުންވެ އެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު މިހާރު ވަނީ 25،000އަށް ވުރެ އިތުރުވެފަ އެވެ. ކޮންމެ ދުވަހަކު 1،000އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭއިރު، މި ފަހުން ކޮންމެ ދުވަހަކު ވެސް މަދުވެގެން ތިން މީހަކު، ބަލީގައި މަރުވެ އެވެ. ކޮވިޑްގެ ބަލީގައި މިހާތަނަށް 155 މީހަކު ވަނީ މަރުވެފަ އެވެ.