Roadha Mihaaru
އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން އުޅެފި

މެންބަރު އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފި

06 އޮކްޓޯބަރ 2021

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން ރޭ ބަޔަކު މަސައްކަތްކޮށްފި އެވެ.

އާނިފާ ހުސެއިން ސިރާޖް އާނިފާ ހުސެއިން ސިރާޖް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް އައްޑޫގައި ދިރިއުޅުއްވާ ގޭގައި އަލިފާން ރޯކޮށްލަން ރޭ ބަޔަކު މަސައްކަތްކޮށްފި އެވެ.

އެ ގެއަކީ އަސްލަމްގެ އަނބިކަނބަލުންގެ ގެއެވެ. އަސްލަމްގެ އަނބިކަނބަލުންނާއި އާއިލާ މި ވަގުތު ލަންކާގައި ދިރިއުޅުއްވާތީ އެ ގެ ހުންނަނީ ފަޅަށެވެ.

އަސްލަމްގެ އަނބިކަނބަލުންގެ ކޮއްކޮ، ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު "މިހާރު" އަށް ވިދާޅުވީ، އެ ގޭގައި ރޯކޮށްލަން ރޭގެ ވަގުތެއްގައި މަސައްކަތްކޮށްފައިވާ ކަމަށާއި، އެ މައްސަލަ މިހާރު އައްޑޫ ޕޮލިހަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ ގޭގައި ރޯކޮށްލީ ހިތަދޫ ދެކުުނު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހީމް ނާޒިލް އާއި އަސްލަމާ ދޭތެރޭ ޖެހުނު މައްސަލައިގެ ތެރެއިން ކަމަށް ޒާހިދު ތުހުމަތު ކުރައްވަ އެވެ.

"އެމްޕީ އަސްލަމްއާ ޖެހުނު މައްސަލައެއްގައި، ތިބޭފުޅާ [ނާޒިލް] އަހަރެން ހަދައިފަ ހުރި، އަހަރެންގެ ގެއެއްގައި ރޯކޮށްލަން ތި އުޅުނީ،" އެ މައްސަލައާ ގުޅިގެން ނާޒިލް ޓެގުކުރައްވައި ޒާހިދު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އެ ގޭގެ ކައިރި އަށް ތެޔޮ އަޅައި ރޯކޮށްލަން މަސައްކަތްކުރި ނަމަވެސް، ރެއަކީ އައްޑު އަށް ވިއްސާރަ ރެއެއް ކަމުން މާ ބޮޑަށް ހުޅުގަނޑު ފެތުރިފައެއް ނުވެ އެވެ. އެކަމަކު އަލިފާން ޖެހުމުން ގޭގެ ފާރުތަކަށް އޭގެ އަސަރު ކޮށްފައި ހުއްޓެވެ.

އަސްލަމްގެ އަނބިކަނބަލުންގެ ގޭގައި ރޯކޮށްލަން މަސައްކަތް ކޮށްފައި މިވަނީ އެ ދެ މެމްބަރުންގެ މެދުގައި ހިނގި މައްސަލަގަނޑެއްގެ ތެރޭގައި ނާޒިލް އަސްލަމަށް ޖިންސީ ފުރައްސާރައަކަށް ވާ ފަދަ އަމަލެއް ކުރެއްވި ކަމަށް ބުނެ އެ މައްސަލަަ ބަލައިދޭން މެމްބަރަކު މަޖިލީހަށް ހުށަހަަޅުއްވާފައި ވަނިކޮށެވެ.

އެނގިފައިވާ ގޮތުގައި އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން ނާޒިލް ޖިންސީ ފުރައްސާރައަކަށްވާ އަމަލެއް ކުރައްވައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެންނެވެ.

މަޖިލީހުގެ އިދާރާގެ ތެރޭގައި ނާޒިލް އެގޮތަށް ކަންތައް ކުރެއްވުމުން އެ މައްސަލަ ބަލައިދޭން އެދިވަޑައިގެން ސެކްރެޓޭރިއަޓަށް ހުށަހެޅުއްވީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން) އެވެ.