Roadha Mihaaru
ވެންޓިލޭޓަރުގައި އޮތް ކުއްޖާ ހާލު އަދިވެސް ސީރިއަސް

ހަތް އަހަރުގެ ކުއްޖާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި: ހާލަތަށް ބަދަލެއް ނާދޭ

29 މެއި 2021

ކިޑްނީގެ ބައްޔަށް ބޭސްކުރަން މާލެ އައި ތަނުން ކޮވިޑް ޖެހި، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އުމުރުން ހަތް އަހަރުގެ ކުއްޖާ އަދިވެސް ވަރަށް ސީރިއަސް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކިޑްނީގެ ބައްޔަށް ބޭސްކުރަން މާލެ އައި ތަނުން ކޮވިޑް ޖެހި، ހާލު ދެރަވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުން އަންނަ އުމުރުން ހަތް އަހަރުގެ ކުއްޖާ އަދިވެސް ވަރަށް ސީރިއަސް ކަމަށް އެޗްޕީއޭ އިން މިއަދު ބުނެފި އެވެ.

މި ކުއްޖާގެ ހާލު ދެރަވެ، ވެންޓިލޭޓަރަށް ލީ އިއްޔެ ރޭގަ އެވެ.

އެޗްޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވާލުކުރުމުން، އެ އިދާރާގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ، އެ ކުއްޖާ އަށް އަދިވެސް ފަރުވާދެމުން އަންނަނީ ވެންޓިލޭޓަރުގައި ބާއްވައިގެން ކަމަށެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް

"ކުއްޖާގެ ހާލަތަށް އިތުރު ބަދަލެއް ނާދޭ. އަދިވެސް އަޅުގަނޑުމެން ބަލަނީ އެއީ ކްރިޓަކަލް ޕޭޝަންޓެއްގެ ގޮތުގައި،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި މިހާ ކުޑަކުއްޖެއްގެ ހާލު ސީރިއަސްވި ފުރަތަމަ ފަހަރެވެ.

ތ. ވިލުފުށީގެ އެ އަންހެން ކުއްޖާގެ ބައްޕަ، "މިހާރު" އަށް ބުނެފައި ވަނީ، އޭނާގެ ދަރިފުޅަކީ އެންމެ ތުއްތު އިރުއްސުރެ، ކިޑްނީގެ ބައްޔަށް ފަރުވާ ކުރަމުން އަންނަ ކުއްޖެއް ކަމަށެވެ. ރަށުން އެންމެ ރަނގަޅު ފަރުވާ ނުލިބޭތީ، ކޮންމެ މަހަކު އެއް ފަހަރު ދަރިފުޅު ގޮވައިގެން މާލެ އަންނަން ޖެހޭ ކަމަށާއި އެކަމަކު ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން އެކަން ގަވައިދުން މިހާރު ނުކުރެވޭ ކަމަށް ބުނެފައި ވެ އެވެ. އަދި މިހާރު މާލެ އަންނަނީ ކޮންމެ ތިން މަހަކުން ކަމަށް ބުންޏެވެ.

"މި ފަހަރު ވެސް މާލެ ނާދެވި އުޅެނިކޮށް ދަރިފުޅު ބަލިވާން ފެށީ. އެހެންވެ، އިތުރު ގޮތެއް ނެތިގެން މާލެެ މި އައީ ވެސް،" ކުޑަކުއްޖާގެ ބައްޕަ ކިޔައިދީފައިވެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި، ދަރިފުޅު ގޮވައިގެން މާލެ އައިތާ ހަތަރު ވަނަ އަށް ވީ ދުވަހު އެ ކުއްޖާ އަށް ކޮވިޑް ޖެހުނެވެ. އެކަމަކު ހާލު ސީރިއަސްވާން ފެށީ ބަލި ޖެހުނުތާ 10 ވަރަކަށް ދުވަސް ފަހުން ކަމަށެވެ.

Covid jehigen 7 aharuge kujjakah ventilator gai faruvaa dheyn fashaifi

Covid jehigen 7 aharuge kujjakah ventilator gai faruvaa dheyn fashaifi

The most trusted news source in the Maldives

Mihaaru

ވެންޓިލޭޓަރުގައި އޮތް ހަތް އަހަރުގެ އަންހެން ކުއްޖާގެ ބައްޕަ "މިހާރު" އަށް ދިން އިންޓަވިއު.

ކިޑްނީ ބަލި ފަދަ ބަލިތައް ޖެހިފައިވާ މީހުންނަށް ކޮވިޑްގެ ނުރައްކާ ވަރަށް ބޮޑެވެ. ރާއްޖޭގައި މިހާތަނަށް ބަލީގައި މަރުވި މީހުންގެ ތެރެއިން، ގިނަ މީހުންނަކީ މި ފަދަ ބޮޑު ބައްޔެއް ތަހައްމަލު ކުރި މީހުންނެވެ.

240 ކުއްޖަކު މިހާރު ކޮވިޑަށް ޕޮޒިޓީވް

ރާއްޖޭގައި މިހާތަނަށް ގިނަ އަދަދެއްގެ ކުޑަކުދިންނަށް ވަނީ ކޮވިޑް ޖެހިފަ އެވެ.

އެޗްޕީއޭގެ ފަރާތުން، ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ކޮވިޑް ޖެހިގެން 18 އަހަރުން ދަށުގެ 240 ކުޑަކުއްޖަކަށް މި ވަގުތު ވެސް އަންނަނީ ފަރުވާދެމުންނެވެ.

މީގެ ދެ ދުވަސް ކުރިން އެޗްޕީއޭ އިން ބުނެފައި ވަނީ އުމުރުން 10 އަހަރުން ދަށުގެ 5،131 ކުއްޖަކަށް ހަމައެކަނި މި އަހަރުގެ ތެރޭގައި ކޮވިޑް ޖެހިފައިވާ ކަމަށެވެ. އަދި މިދިޔަ ޖެނުއަރީ މަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އުމުރުން 10 އަހަރުން ދަށުގެ 52 ކުއްޖަކު ކޮވިޑަށް ޕޮޒިޓިވްވެ އެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮންމެ ދުވަހެއްގެ ކޭސްތައް 1،000 އިން މަތީގައި ހުރުމަށް ފަހު، އިއްޔެ ވަނީ 900 އަށް ވެއްޓިފަ އެވެ. ކޭސްތައް މަދުވާން ފަށާފައިވާއިރު، ބަލި ކޮންޓްރޯލްކުރުމަށްޓަކައި ސަރުކާރުން މިހާރު ވަނީ މާލެ އާއި ރަށްރަށުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިފަ އެވެ.