Roadha Mihaaru
"ގަބޫލުކުރަނީ އިތުރަށް ހަރުކަށި ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް"

ގަބޫލުކުރަނީ އިތުރަށް ހަރުކަށި ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް: ޑރ. ޝިހާމް

12 މެއި 2021

އޭނާ ގަބޫލުކުރައްވަނީ ކޮވިޑު-19 ގެ ހާލަތު ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ އިތުރަށް ހަރުކަށި ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގެ މެމްބަރު ޑރ. އިބްރާހިމް ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އޭނާ ގަބޫލުކުރައްވަނީ ކޮވިޑު-19 ގެ ހާލަތު ކޮންޓްރޯލްކުރަން މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ އިތުރަށް ހަރުކަށި ފިޔަވަޅު އަޅަން ނުޖެހޭނެ ކަމަށް، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމުގެ މެމްބަރު ޑރ. އިބްރާހިމް ޝިހާމް ރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކުން އާއްމު ހާލަތަކަށް ދެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަސްލު ގަބޫލުކުރާ ހިތްވަނީ މި ފަހަރު އެޅިފައި އޮތް ފިޔަވަޅުތަކުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް މި ވަރުން ފުއްދާލައިގެން ކޮންޓްރޯލްކޮށް އަނބުރާ ނޯމަލް ސީއާ ދިމާލަށް ދަތުރުކުރަން ފެށޭނެ ކަމަށް. މީގައި ވަރަށް ބޮޑު ބައެއް އެއީ މި ވަގުތު އެޅުނު ފިޔަވަޅުތަކަށް އަޅުގަނޑުމެން ހުރިހާ ސައިޑަކުން ވެސް ވީހާ ވެސް ބޮޑު އެއްބާރުލުން ދިނުން،" ޑރ. ޝިހާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެން ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބޯލަނބައިފި ނަމަ ގަބޫލު ކުރައްވަނީ ލޮކްޑައުން ފަދަ އިތުރު ފިޔަވަޅުތަކެއް ނާޅައި ސަލާމަތްވާނެ ކަމަށެވެ.

އެޗްއީއޯސީ ޕްރެސްގައި ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ، ހާލަތު ގޯސްވަމުންދާތީ އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ މުހިއްމު އެއް ކަމަކީ، މާދަމާއިން ފެށިގެން އެއް ހަފުތާއަށް ހަވީރު 4 ން ފަތިހު 4 އަށް ކާފިއު ހިންގުމެވެ.

އޭނާ ވިދާޅުވީ، ލޮކްޑައުންގެ ހާލަތަކަށް ރާއްޖެ ގޮސްދާނެތީ އެކަމަށް ތައްޔާރުވެގެން ތިބުމަށް ބޭނުންވާ ހުރިހާ ކަމެއް ރާވައި އިންތިޒާމު ކުރުމުގެ މަސައްކަތް ވެސް އެޗްޕީއޭއިން ފަށާފައިވާ ކަމަށެވެ.

ކޮވިޑުގެ ހާލަތު ބޮއްސުން ލައިގެން ދިއުމުން އެކަން ކޮންޓްރޯލްކުރުމަށް މާލެ ސަރަހައްދު ލޮކްޑައުން ކުރަން އުޅޭކަމުގެ އަޑުތައް ފާއިތުވި ދެ ތިން ދުވަހު ވަރަށް ގަދަވި އެވެ. އެކަމަކު، އެ ފިޔަވަޅު ނާޅައި ސަރުކާރުން ނިންމީ ކާފިއުގެ ވަގުތު އިތުރުކުރާށެވެ.