Roadha Mihaaru
ޗައިނާގެ އާބާދީ މުސްކުޅިވެ، "ތިން ދަރި" ސިޔާސަތު

ޗައިނާގެ އާބާދީ މުސްކުޅިވެ، "ތިން ދަރި" ސިޔާސަތު ފަށަނީ

01 ޖޫން 2021

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރު ވެސް ޗައިނާ އުޅުނީ، އާބާދީ ބޮޑުވެގެން އެކަމާ ހެދި އުނދަގޫ ވެގެންނެވެ. އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، "އެއް ދަރި"ގެ ސިޔާސަތު ފުރަތަމަ ފަހަރަށް ތައާރަފުކުރީ، އެ ގައުމުގެ ކުރީގެ ލީޑަރު ޑެންގް ޒިއާއޮޕިންގެ ވެރިކަމުގައި 1978 ވަނަ އަހަރުގެ ތެރޭގަ އެވެ

ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީ އެވެ. ވޭތުވެދިޔަ ސާޅީހަކަށް އަހަރު ވެސް ޗައިނާ އުޅުނީ، އާބާދީ ބޮޑުވެގެން އެކަމާ ހެދި އުނދަގޫ ވެގެންނެވެ. އާބާދީ ކޮންޓްރޯލް ކުރުމުގެ ގޮތުން، ޗައިނާގެ ބައެއް ސަރަހައްދުތަކުގައި، "އެއް ދަރި"ގެ ސިޔާސަތު ފުރަތަމަ ފަހަރަށް ތައާރަފުކުރީ، އެ ގައުމުގެ ކުރީގެ ލީޑަރު ޑެންގް ޒިއާއޮޕިންގެ ވެރިކަމުގައި 1978 ވަނަ އަހަރުގެ ތެރޭގަ އެވެ

އޭގެ އެއް އަހަރު ފަހުން، މުޅި ޗައިނާގައި އެ ސިޔާސަތު ތަންފީޒު ކުރަން ފެށި އެވެ. އެ ގޮތުން ލިބޭ ހަމައެކަނި ދަރިފުޅަކީ އަންހެން ކުއްޖެއް ނަމަ، އިތުރު ދަރިއަކު ހޯދުމަކީ ހުއްދަ ކަމެއް ކަމުގައި ކަނޑައެޅި އެވެ. "އެއް ދަރި" ސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީ އިތުރުވާ ނިސްބަތް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން، މިހާތަނަށް 400 މިލިއަން ދަރިން އުފަންވުން ހުއްޓުވުނެވެ.

"އެއް ދަރި" ސިޔާސަތު ތަންފީޒުކުރި އިރު، ކުރިމަތިވި އަނެއް މައްސަލައަކީ، ޗައިނާގެ އާބާދީގައި ދެ ޖިންސުގެ ކުދިންގެ ނިސްބަތް އާދަޔާ ޚިލާފަށް ތަފާތުވުމެވެ. ޒަމާނުއްސުރެ، ފިރިހެން ދަރިން ހޯދުމަށް ލޯބިކުރާ ސަގާފަތެއް އޮތް ޗައިނާގައި، މިހާރު ފިރިހެން ކުދިންނާ އެއް ނިސްބަތަކުން އަންހެން ކުދިންނެއް ނެތެވެ. ސަބަބަކީ، އަންހެން ދަރިއެއްކަން އެނގޭ އިރަށް ދަރިވައްޓައިލުމާއި އަންހެން ދަރިން ބޭނުން ނުވުމުގެ ސަގާފަތެއް، ޗައިނާގެ ގިނަ ސަރަހައްދުތަކުގައި އޮތުމެވެ.

"އެއް ދަރި" ސިޔާސަތު ތަންފީޒު ކުރަން ފެށިތާ، 35 އަހަރު ވެގެން ދިޔައިރު، ޗައިނާގެ އާބާދީ ފެނުނީ، އަސާގަނޑެއްގެ އެހީގައި އުޅޭ މަންޒަރެވެ. އިގްތިސާދީ ގޮތުން ދުނިޔޭގެ ބޮޑު ބާރަކަށް ޗައިނާ ހެދުމަށް ނިޔަތް ގަނެގެން އޮތް ކޮމިޔުނިސްޓް ޕާޓީއަށް، މިއީ މާ ރުހެވޭ މަންޒަރަކަށް ނުވި އެވެ. ހުޅަނގުގެ ގައުމުތަކާ އެއްހަމައެއްގައި ފައިހަމަކުރަން ބޭނުން ނަމަ، އިގްތިސާދު ނަގަހައްޓައިދޭނެ ވަރުގެ، ރޫފަ ހެޔޮ މަސައްކަތު އާބާދީއެއް އޮންނަންޖެހޭނެ ކަމަށް ގަބޫލުކުރެވުނެވެ.

"އެއް ދަރި" ސިޔާސަތުގެ ސަބަބުން ޗައިނާގެ އާބާދީ އިތުރުވާ ނިސްބަތް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ޗައިނާ ސަރުކާރުން ބުނާ ގޮތުގައި، އެ ސިޔާސަތު ތަންފީޒުކުރަން ފެށި ފަހުން، މިހާތަނަށް 400 މިލިއަން ދަރިން އުފަންވުން ހުއްޓުވުނެވެ.

އެހެންކަމުން، "އެއް ދަރި" ސިޔާސަތު ދަމަހައްޓައިފި ނަމަ، ގައުމުގެ މެޝިންތަކާއި ކާރުހާނަތައް ހިންގާނެ މީހުން ނެތި، އިގްތިސާދަށް ލޮޅުން އަރާނެކަން ގަބޫލުކުރެވުނެވެ. ނަތީޖާއަކަށްވީ އެ ސިޔާސަތު މުރާޖައާކުރަން މަޖުބޫރުވުމެވެ. އެގޮތުން 2015 ވަނަ އަހަރު އެ ސިޔާސަތު ބަދަލުކޮށް، "ދެ ދަރި" ސިޔާސަތެއް، 2016 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފެށި އެވެ.

އެ ސިޔާސަތު ތަންފީޒުކުރަން ފެށުމުން ވެސް، އަދި ދަރިން ހޯދުން އިތުރުކުރުމަށް، އެކި އިނާޔަތްތައް ދީގެން، ޗައިނާ ސަރުކާރުން ބާރު އަޅަމުން ދިޔުމާއެކު ވެސް، ޗައިނާ ސަރުކާރުން އުންމީދުކުރި ވަރަށް، އެ ގައުމުގެ އާބާދީ އިތުރުވާ މަންޒަރެއް ނުފެނުނެވެ. އޭގެ ބަދަލުގައި އާބާދީ އަންނަނީ ދަށްވަމުންނެވެ. އެގޮތުން، 2016 ވަނަ އަހަރު ޗައިނާގައި 18 މިލިއަން ކުދިން އުފަންވި އިރު، ހުސްވި 2020 ވަނަ އަހަރު އުފަންވެފައި ވަނީ އެންމެ 12 މިލިއަން ކުދިންނެވެ.

މިހާރު ޗައިނާގައި އޮތް އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ތިބޭނީ، މުސްކުޅި އުމުރުފުރާއަށް އަޅައިފަ އެވެ. އެހާ ހިސާބަށް ދާއިރު، އިގްތިސާދީ ހަރަކާތްތައް ހިންގައިދޭނެ ޒުވާން ޖީލެއް ނެތް ނަމަ، 2050ގެ އަހަރުތަކުގައި ޗައިނާގެ އާބާދީގައި ދިރިއުޅޭނެ ކަމަށް ބެލެވޭ، އެތައް ސަތޭކަ މިލިއަން މުސްކުޅިންނަށް އެކަށީގެންވާ ވަރުގެ އިގްތިސާދެއް ޗައިނާގައި ނޯންނާނެ އެވެ.

އެހެންކަމަށްވާ ނަމަ، މުސްކުޅި އާބާދީއަށް އިޖްތިމާއީ ރައްކާތެރިކަމާއި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް، ސަރުކާރުން ބޮޑު ހޭދައެއް ކުރަންޖެހޭނެ އެވެ. އަދި ދައުލަތުގެ ހަރަދުގައި ބަލަހައްޓަންޖެހޭ މުސްކުޅިންގެ އަދަދު އިންތިހާއަށް އިތުރުވާނެ އެވެ.

"އާބާދީ މުސްކުޅިވަމުންދާ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމުގެ ގޮތުން، ސަރުކާރުން މިހާރު މި ނިންމީ، ކޮންމެ ދެމަފިރިއަކަށް ވެސް ތިން ދަރިން ހޯދުން ހުއްދަ ކަމަށް،" ޗައިނާގެ ވެރިކަންކުރާ ޕާޓީގެ ސިޔާސީ އޮފީހުގެ ބައްދަލުވުމަށް ފަހު، ޗައިނާގެ ރަސްމީ ނޫސް އޭޖެންސީ ޒިންހުއާ އިން އިއްޔެ ބުންޏެވެ.

ކޮންމެ ދެމަފިރިއަކު "ތިން ދަރިން" ހޯދަން ސަރުކާރުން ބާރުއެޅިކަމުގައި ވިޔަސް، ޗައިނާގެ މިހާރުގެ ޖީލުގެ ވިސްނުން ހުރި ގޮތާއި ޗައިނާގައި އަށަގަންނަމުންދާ ހުޅަނގުގެ އާދަތަކަށް ބަލާއިރު، ސަރުކާރު ބޭނުންވާ މަގްސަދު ހާސިލުވުމަކީ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ އެވެ. މިހާރު ވެސް ގިނަ ދެމަފިރިންގެ ވިސްނުން ހުރީ އެންމެ ދަރިއަކު ހޯދައިގެން ނުވަތަ ދަރިއަކު ނުހޯދައި، ވަޒީފާ އަދާކުރުމާއި އުފަލާއި މަޖަލުގައި އުޅުން ކަމަށްވާއިރު، "ތިން ދަރިން"ގެ ސިޔާސަތުން އެދެވޭ ނަތީޖާއެއް ފެނުން ދުރެވެ.

މިހާރު ޗައިނާގައި އޮތް އާބާދީގެ ތިން ބައިކުޅަ އެއްބައި މީހުން، 2050 ވަނަ އަހަރާ ހަމައަށް ދާއިރު ތިބޭނީ، މުސްކުޅި އުމުރުފުރާއަށް އަޅައިފަ އެވެ. އެހާ ހިސާބަށް ދާއިރު، އިގްތިސާދީ ހަރަކާތްތައް ހިންގައިދޭނެ ޒުވާން ޖީލެއް ނެތް ނަމަ، 2050ގެ އަހަރުތަކުގައި ޗައިނާގެ އާބާދީގައި ދިރިއުޅޭނެ ކަމަށް ބެލެވޭ، އެތައް ސަތޭކަ މިލިއަން މުސްކުޅިންނަށް އެކަށީގެންވާ ވަރުގެ އިގްތިސާދެއް ޗައިނާގައި ނޯންނާނެ އެވެ.

ޗައިނާގެ ދިރިއުޅުމުގެ ހަރަދުތައް ހުރި ގޮތަށް ބުރަވެ، އަލަށް ކާވެނިކުރާ ގިނަ ދެމަފިރިން ބުނަނީ، ސަރުކާރުން "ތިން ދަރިން"ގެ ސިޔާސަތެއް ތައާރަފްކުރިޔަސް، ލިބޭ މުސާރަ އިން ބޭސްފަރުވާގެ ކަންކަމާއި ގޭތެރޭގެ ހަރަދުތައް ހަމަނުޖެއްސޭ ނަމަ، ދަރިންތަކެއް ހޯދަން ބޭނުންނުވާ ކަމަށެވެ. ސަރުކާރުގެ މަސައްކަތުގެ ސިޔާސަތަކީ "996" ކަމުގައިވާ އިރު، ދަރިންތަކެއް ހޯދައިގެން ނޫޅެވޭނެ ކަމަށް ވެސް އެ މީހުން ބުނެ އެވެ. ޗައިނާ މީހުން "996" ކިޔަނީ، ހެނދުނު 9:00 އިން ރޭގަނޑު 9:00 އަށް ހަފުތާގެ ހަ ދުވަހު މަސައްކަތް ކުރަން ޖެހުމަށެވެ.

"މައްސަލަތަކަށް ހައްލެއް ނުލިބޭ. ކާކު ދަރިން ބަލަހައްޓާނީ. ދަރިން ބަލަން ވަގުތު އެބައޮތްތަ؟ ހެނދުނު ވަޒީފާއަށް ދާގޮތަށް އާދެވެނީ އިރުއޮއްސޭ ފަހުން. ދަރިންނަށް ނޭނގޭ މައިންބަފައިން ތިބޭ ސިފަވެސް،" ސަރުކާރުން އިއުލާންކުރި "ތިން ދަރިން" ސިޔާސަތަށް ސޯޝަލް މީޑިއާގައި މީހަކު ފާޑުކިޔަމުން ބުނެފައިވެ އެވެ.

މައްސަލަތަކަށް ހައްލެއް ނުލިބޭ. ކާކު ދަރިން ބަލަހައްޓާނީ. ދަރިން ބަލަން ވަގުތު އެބައޮތްތަ؟ ހެނދުނު ވަޒީފާއަށް ދާގޮތަށް އާދެވެނީ އިރުއޮއްސޭ ފަހުން. ދަރިންނަށް ނޭނގޭ މައިންބަފައިން ތިބޭ ސިފަވެސް،"

އެ ގައުމުގެ ތަފާސްހިސާބުތަކާ ބެހޭ ރަސްމީ އިދާރާއިން ބުނި ގޮތުގައި، ދަރިމައިވާ ނިސްބަތް މިހާރު ހުރީ 1.3 ޕަސެންޓުގަ އެވެ. މިއީ ގައުމުގެ ހާލަތާ އެކަށޭނަ އާބާދީއެއް ދެމެހެއްޓުމަށް ބޭނުންވާ މިންގަނޑަށް ވުރެ މާ ދަށް ނިސްބަތެކެވެ. މިއީ ޗައިނާގެ މަސައްކަތު އާބާދީ މުސްކުޅިވަމުން ދާ ނިސްބަތަށް ބަލާއިރު، ގައުމުގެ އިގްތިސާދު ނަގަހައްޓައިދޭނެ ޒުވާން ޖީލެއް އުފެދޭނެ ނިސްބަތެއް ނޫނެވެ.

ޗައިނާގެ އާބާދީ މުސްކުޅިވަމުން ދާ ނިސްބަތުން، ޒުވާން އާބާދީ ހެދިފޯދެމުން ނުދާ ނަމަ، ގައުމަށް ކުރިމަތިވާނީ ވަރަށް ބޮޑު އިގްތިސާދީ އަދި އިޖްތިމާއީ މައްސަލަތަކެކެވެ. އޭގެ އަސަރު މިއަދު ނުވަތަ މާދަމާ ނުފެނުނަސް، ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އެ ގައުމުން ފެންނަން ފަށާނެ އެވެ.

މިދިޔަ އަހަރުތަކުގައި ޗައިނާގެ އާބާދީ އެކަށީގެންވާ ވަރަށް އިތުރު ނުވުމުގެ އަނެއް ސަބަބަކީ، ކާވެނިކުރާ ނިސްބަތް ދަށް ވުމެވެ. ކާވެނިކުރުން އާދަޔާ ޚިލާފަށް މަދުވީ، ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި، ބައެއް ދެމަފިރިން ދަރިން ހޯދަން ބޭނުން ނުވުމާއި، ވަޒީފާގެ ގޮތުން، ދަރިން ހޯދުން ފަސްކޮށްލުމާއި އެފަދަ ބައެއް އަންހެނުން ދަރިން ހޯދަން ބޭނުން ނުވުމެވެ.