Roadha Mihaaru
"ނިކް ޖޯނަސްގެ އަންހެނުންނޭ" ކިޔާތީ ޕްރިޔަންކާ ރަތަށް

"ނިކް ޖޯނަސްގެ އަންހެނުން" ގެ ގޮތުގައި ސިފަ ކުރުމުން ޕްރިޔަންކާ ރަތަށް

18 ޑިސެމްބަރ 2021

މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ހޮލީވުޑްގެ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ޕްރޮމޯޓް ކުރުމުގެ މަސައްކަތް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުރަމުން އަންނަ އިރު ހުޅަނގުގެ މީޑިއާއަކުން އޭނާ އަކީ "ނިކް ޖޯނަސްގެ އަންހެނުން" ގޮތުގައި ސިފަކޮށްވާތީ ރުޅިގަދަވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި މަހުގެ ފަހުކޮޅު ރިލީޒްކުރާ ހޮލީވުޑްގެ ފިލްމު "މެޓްރިކްސް ރިސަރެކްޝަންސް" ޕްރޮމޯޓް ކުރުމުގެ މަސައްކަތް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ކުރަމުން އަންނަ އިރު ހުޅަނގުގެ މީޑިއާއަކުން އޭނާ އަކީ "ނިކް ޖޯނަސްގެ އަންހެނުން" ގޮތުގައި ސިފަކޮށްވާތީ ރުޅިގަދަވެއްޖެ އެވެ.

އެ ނޫހުގެ އާޓިކަލެއްގެ ސްކްރީންޝޮޓްތަކަކާ އެކު އިންސްޓަގްރާމް ސްޓޯރީގައި ޕްރިޔަންކާ އެކަމަށް ފާޑުކިޔައި ބުނެފައިވަނީ ހޮލީވުޑްގެ އެންމެ އައިކޮނިކް އެއް ފްރެންޗައިޒްގެ ފިލްމެއް ބަތަލާއެއްގެ ގޮތުގައި ޕްރޮމޯޓްކުރާ އިރު އޭނާ އަކީ ވަކި މީހެއްގެ އަންބެއްގެ ގޮތުގައި ސިފަ ކުރުމަކީ ތާކުންތާކު ޖެހޭ ކަމެއް ނޫން ކަމަށެވެ.

ޕްރިޔަންކާ ތުހުމަތުކުރި ގޮތުގައި އެފަދަ ގޮތަކަށް މީޑިއާއަކުން އޭނާއާ "ދިމާކުރީ" އަންހެނަކަށް ވާތީ އެވެ. އެކަމަކު އަންހެނަކަށް ވާތީ އޭނާގެ އަމިއްލަ އައިޑެންޓިޓީ ގެއްލުވާލަން މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުންޏެވެ.

"މިކަން މިގޮތަށް ކުރަން ޖެހުނު ސަބަބެއް ސާފުކޮށް ދިނުން ވެސް އެދެން." ނިކް ވެސް ޓެގްކޮށް ޕްރިޔަންކާގެ ޕޯސްޓްގައި ބުންޏެވެ.

އެ މައްސަލާގައި ރުޅިގަދަވެ ޕްރިޔަންކާ ވަނީ އޭނާގެ ބައޯ އަށް އައިއެމްޑީބީ ލިންކް ވެސް ލާންވީތޯ ސުވާލުކޮށްފަ އެވެ.

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކްއާ 2018 ގައި ކައިވެނިކުރުމުގެ މާ ކުރިން ވެސް ޕްރިޔަންކާ އަކީ ދުނިޔޭގައި މަޝްހޫރު މީހެކެވެ. އަދި އޭނާ އަކީ 2000 ވަނަ އަހަރުގެ މިސް ވޯލްޑް ވެސް މެ އެވެ.

މީގެ އިތުރުން ޕްރިޔަންކާ ފާހަގަ ކޮށްލެވެނީ ފިލްމީ އެއްވެސް ކަމަކާ ގުޅުން ނެތް އާއިލާއަކުން ބޮލީވުޑަށް ނުކުމެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި ބަތަލާއެއްގެ ގޮތުގަ އެވެ. އަދި އޭނާ އަކީ ފިލްމު ކުޅެގެން އެތައް އެވޯޑެއް ހޯދާފައިވާ ތަރިއެކެވެ. އޭގެ ތެރޭގައި ނެޝަނަލް އެވޯޑް ވެސް ހިމެނެ އެވެ.

އެކްޓްކުރުމުގެ އިތުރުން ޕްރިޔަންކާ، 39، އަކީ ކުރިން ލަވަ ވެސް ކިޔާފައި ފަންނާނެކެވެ. އެގޮތުން އެމެރިކާގެ މަޝްހޫރު ފަންނާނު ޕިޓް ބުލްއާ އެކީ ވެސް އޭނާ ސިންގަލްއެއް ނެރެފައިވެ އެވެ.

ޕްރިޔަންކާގެ ހޮލީވުޑްގެ ފެށުމަކީ އޭބީސީގެ 2015 ގެ ސިލްސިލާ "ކްއަންޓިކޯ" އެވެ. އޭގެ ފަހުން އޭނާ ވެފައި ވަނީ އެ އިންޑަސްޓްރީގެ ނުފޫޒު ގަދަ ނަމަކަށެވެ. ޕްރިޔަންކާ ކުޅެފައިވާ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި "ބޭވޮޗް"، "އަ ކިޑް ލައިކް ޖޭކް"، "އިޒިންޓް އިޓް ރޮމޭންޓިކް؟"، "ވީ ކޭމް ބީ ހީރޯސް" އަދި "ދަ ވައިޓް ޓައިގާ" ހިމެނެ އެވެ.

މި މަހުގެ 22 ގައި ރިލީޒްކުރާ ކިއާނޫ ރީވްސްގެ "މެޓްރިކްސް ރިސަރެކްޝަންސް" ގެ އިތުރުން ޕްރިޔަންކާގެ ކުރިއަށް ހުރި ހޮލީވުޑް ޕްރޮޖެކްޓްތަކުގެ ތެރޭގައި "ޓެކްސްޓް ފޯ ޔޫ" އާއި އެމެޒޯން ޕްރައިމް ވީޑިއޯގެ ސީރީޒް "ސިޓަޑެލް" ހިމެނެ އެވެ.