Roadha Mihaaru
ރާޖް ކަޕޫރްގެ ބައޮގްރަފީއެއް ޑިސެމްބަރުގައި ނެރެނީ

ރާޖް ކަޕޫރްގެ ބައޮގްރަފީއެއް ޑިސެމްބަރުގައި ނެރެނީ

05 ޖޫން 2021

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުއްސިޔަތު ކަމަށްވާ ކުރީގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާޖް ކަޕޫރްގެ ބައޮގްރަފީއެއް މި އަހަރުގެ ޑިސެމްބަރު މަހު ނެރެން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ހިންދީ ސިނަމާގެ އެންމެ ވަރުގަދަ އެއް ޝަހުއްސިޔަތު ކަމަށްވާ ކުރީގެ އެކްޓަރު/ޑައިރެކްޓަރު/ޕްރޮޑިއުސަރު ރާޖް ކަޕޫރްގެ ބައޮގްރަފީއެއް މި އަހަރުގެ ޑިސެމްބަރު މަހު ނެރެން ނިންމައިފި އެވެ.

ނުފޫޒު ގަދަ ކަޕޫރް ހާންދާންގެ މައި ތަނބު ރާޖްގެ ބައޮގްރަފީ ލިޔެފައި ވަނީ ކުރީގެ ޑައިރެކްޓަރު ރާހުލް ރަވައިލަ އެވެ. އެ އާއިލާއާ އަބަދު ވެސް ވަރަށް ގާތް ގުޅުމެއް އޮންނަ ރާވައިލް ނެރޭ ބައޮގްރަފީގެ ނަމަކީ "ރާޖް ކަޕޫރް: ދި އިމޯޓަލް މާސްޓަ އެޓް ވޯކް" އެވެ.

"ލަވް ސްޓޯރީ" އާއި "ބޭތާބު" އާއި "ސަމަންދަރު" އަދި "ބޭޚްދީ" ފަދަ ކާމިޔާބު ފލްމުތައް ގެނެސްދިން ޑައިރެކްޓަރު ގެނެސްދޭ ބައޮގްރަފީގައި ބޮޑަށް އަލިއަޅުވާލާފައި ހުންނާނީ އޭނާގެ ފިލްމީ މަސައްކަތަށެވެ. އެގޮތުން އެކްޓަރެއްގެ ގޮތުންނާއި ޑައިރެކްޓަރެއްގެ ގޮތުން ރާޖްގެ ފަރާތުން ފެނުނު ހުނަރުވެރިކަމާއި ކުޅަދާނަކަމުގެ ވާހަކަ ފޮތުގައި ކިޔައިދޭނެ އެވެ.

ރާޖް ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އިރު، ރީތި އެތައް ފިލްމެއް ޑައިރެކްޓް ވެސް ކުރި އެވެ. އޭނާގެ ކެރިއަރުގެ ފަހުކޮޅު ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި މިދިޔަ އަހަރު ލޭގެ ކެންސަރުގައި މަރުވި ދަރިފުޅު ރިޝީ ކަޕޫރް ލީޑް އެކްޓަރެއްގެ ގޮތުގައި ނެރުނު 1973 ގެ ފިލްމު "ބޮބީ" އާއި ހަގު ފިރިހެން ދަރިފުޅު އަދި މި އަހަރުގެ ކުރީކޮޅު ހާޓްއެޓޭކެއް ޖެހިގެން މަރުވި ރަޖީވް ކަޕޫރް 1985 ގައި ބޮލީވުޑަށް ނެރުނު ފިލްމު "ރާމް ތޭރީ ގަންގާ މޭލީ" ހިމެނެ އެވެ.

އެކްޓަރެއްގެ ގޮތުގައި ރާޖްގެ ކެރިއަރުގައި ގެނެސްދިން ބައެއް ފިލްމުތަކުގެ ތެރޭގައި "އާގް"، "ބަރުސާތު"، "އާވާރާ"، "އާހް"، "ޝްރީ 420"، "ޖާގްތޭ ރަހޯ" އަދި "ސަންގަމް" ފަދަ އެތައް ފިލްމެއް ހިމެނެ އެވެ.

ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރީނާ ކަޕޫރާއި ކަރިޝްމާ ކަޕޫރާއި އާދާރު ޖެއިނާއި އަރުމާން ޖެއިން ފަދަ ތަރިންގެ ކާފަ ރާޖް މަރުވީ އުމުރުން 64 އަހަރުގައި ޖޫން 2، 1988 ގަ އެވެ. ރާޖަށް ލިބުނު ފަސް ކުދިންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ކަރީނާ އާއި ކަރިޝްމާގެ ބައްޕަ ރަންދީރު ކަޕީރާއި އަރުމާނާއި އާދާރު ޖެއިންގެ މަންމަ ރީމާ ކަޕޫރެވެ.

ރާވައިލް، 70، ބުނި ގޮތުގައި ރާޖްގެ ބައޮގްރަފީ ލިޔުމަކީ އޭނާ ވަރަށް ކުރިން ފެށިގެން ވިސްނަމުން އައި ކަމެކެވެ. އަދި އެ ވާހަކަ އޭނާގެ އާއިލާގެ މީހުންގެ ކައިރީގައި ދެއްކުމުން އެ މީހުންގެ ރުހުން ވެސް ވަރަށް ބޮޑަށް ލިބުނު ކަމަށް ބުންޏެވެ.

"ރާޖް ކަޕޫރް: ދި އިމޯޓަލް މާސްޓަ އެޓް ވޯކް" ނެރެން ނިންމާފައި ވަނީ ޑިސެމްބަރު މަހުގެ 14 ގަ އެވެ.