Roadha Mihaaru
ރަންބީރްގެ ދައްތަ ފިލްމެއް ނުކުޅޭނެ

ރަންބީރްގެ ދައްތަ ފިލްމެއް ނުކުޅޭނެ

01 ޖޫން 2021

އާއިލާގެ ގިނަ މީހުންނަކީ ފިލްމީ ތަރިންނަށް ވިޔަސް ދުވަހަކު ވެސް ފިލްމު ކުޅުމާ ދޭތެރޭ ނުވިސްނާ ކަމަށާއި އެކަމަށް ޝައުގުވެރިކަން ވެސް ނުހުންނަ ކަމަށް އެކްޓަރު ރަންބީރް ކަޕޫރްގެ ދައްތަ ރިިދިމާ ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާއިލާގެ ގިނަ މީހުންނަކީ ފިލްމީ ތަރިންނަށް ވިޔަސް ދުވަހަކު ވެސް ފިލްމު ކުޅުމާ ދޭތެރޭ ނުވިސްނާ ކަމަށާއި އެކަމަށް ޝައުގުވެރިކަން ވެސް ނުހުންނަ ކަމަށް އެކްޓަރު ރަންބީރް ކަޕޫރްގެ ދައްތަ ރިިދިމާ ކަޕޫރް ބުނެފި އެވެ.

ރިދިމާ އަކީ ކުރީގެ އެކްޓަރު ރިޝީ ކަޕޫރާއި ނީޓޫ ސިންގަށް ލިބުނު ދެ ކުދިންގެ ތެރެއިން ދޮށީ ދަރިފުޅެވެ. ކައިވެނިކޮށް މިހާރު 10 އަހަރުގެ އަންހެން ދަރިޔަކު ވެސް ހުރި 40 އަހަރުގެ ރިދިމާގެ ފިރިމީހާ އަކީ ނިއު ދިއްލީގެ ވިޔަފާވެރިއެއް ކަމަށްވާ ބާރަތު ސާނީ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއުއެއްގައި ރިދިމާ ބުނީ އޭނާ ފިލްމު ކުޅެން ޝައުގުވެރިކަން ނެތަސް ފުރާވަރު ދުވަސްވަރު ގިނަ ފިލްމުތަކުން ހުށަހެޅުންތައް ލިބެމުން ދިޔަ ކަމަށެވެ. އަދި އެ ދުވަސްވަރު ކިޔަވަން ހުރީ ލަންޑަނުގައިކަމުން ލިބޭ އޮފާތަކުގެ ވާހަކަ ކިިޔައިދެނީ މަންމަ ކަމަށް ބުންޏެވެ.

"އެކަމަކު ފިލްމު ކުޅުމަކީ އަހަރެން އެއްވެސް އިރެއްގައި ވިސްނި ކަމެއް ނޫން. އަދި ދުވަހަކު ވެސް އާއިލާގެ ތެރޭގައި އެކަމާ ބެހޭ ގޮތުން އަހަރެން މަޝްވަރާއެއް ވެސް ނުކުރަން،" ރިދިމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކިޔަވައިގެން ލަންޑަނުން އެނބުރި އިންޑިއާ އަށް ދިޔަތަނާ މާ ގިނަ ދުވަސްތަކެއް ނުކޮށް ކައިވެނި ވެސް ކުރި އެވެ. ރިދިމާ އާއި ބާރަތު ކައިވެނިކުރީ 2006 ގަ އެވެ. އަދި އޭނާ ދިރިއުޅެނީ ފިރިމީހާއާ އެކު ދިއްލީގަ އެވެ.

ރިދިމާ އަކީ ގަހަނާ ޑިޒައިންކުރާ މީހެކެވެ. އެކަމަކު އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ ފެޝަން ޑިޒައިނަރެއްގެ ގޮތުގަ އެވެ.

"ފަހުން ޖުވެލަރީ ޑިޒައިންގެ ތެރެއަށް ޝައުގުވެރިކަން އުފެދުނީ އެ މަސައްކަތުގެ ތެރެއިން ބައެއް މީހުންނަށް އަހަރެންގެ ހުނަރު ފެނި އެ ދާއިރާ އިން ކުރިއަށްދާން ހިތްވަރު ދޭން ފެށީމަ،" ރިދިމާ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޕްރޮފެޝަނަލް ޖުވެލަރީ ޑިޒައިނަރަކަށް ނުވި ނަމަ ދެން އިހުތިޔާރު ކުރާނެ ދާއިރާ އަކީ ޔޯގާ ޓީޗަރުކަން ނުވަތަ ޝެފެއްގެ ދާއިރާ އެވެ.

ރިދިމާ ނިސްބަތް ވަނީ ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާ ކަޕޫރް ޚާންދާނަށް ކަމަށް ވިޔަސް، އެ އާއިލާގެ މާ ގިނަ އަންހެނުންތަކެއް ފިލްމީ ދާއިރާ އަށް ނުކުމެފައެއް ނުވެ އެވެ. އެކަމަކު ރިދިމާގެ ދެބޭންގެ ދެދަރި ކަރިޝްމާ އާއި ކަރީނާ ކަޕޫރްކީ ހިންދީ ސިނަމާގެ އެންމެ އަލިގަދަ ތަރިންނެވެ.