Roadha Mihaaru
އަރްމާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު

އެކްޓަރު އަރްމާންގެ މައްޗަށް މަނީ ލޯންޑްރިންގެ ތުހުމަތު

19 ފެބުރުއަރީ 2021

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ އެކްޓަރު އަރުމާން ޖެއިންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ދާދި ފަހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރި ބޮލީވުޑްގެ އެކްޓަރު އަރުމާން ޖެއިންގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެއް ބަލަން ފަށައިފި އެވެ.

މި މަހުގެ 10 ގައި އެ މައްސަލައިގެ ނޯޓިސް ފޮނުވުމަށް ފަހު އެންފޯސްމަންޓް ޑިރެކްޓޮރޭޓް (އީޑީ) އިން ވަނީ އޭނާ ބުދަ ދުވަހު ހާޒިރުކޮށް ބަޔާން ވެސް ނަގައިފަ އެވެ. އަރުމާނަކީ ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންބީރް ކަޕޫރާއި ކަރިޝްމާ ކަޕޫރާއި ކަރީނާ ކަޕޫރްގެ ދެބެއިންގެ ދެ ދަރި ކޮއްކޮއެކެވެ.

އަރްމާން ބޮލީވުޑަށް ތައާރަފުވީ 2014 ގެ ފިލްމު "ލޭކަރް ހަމް ދީވާނާ ދިލް" އިންނެވެ. އޭގެ ފަހުން އޭނާ ފިލްމެއް ނުކުޅެ އެވެ. އަރްމާނަކީ 2017 ގެ ފިލްމު "ގައިދީ ބޭންޑް" ކުޅުނު އެކްޓަރު އާދާރު ޖެއިންގެ ބޭބެ އެވެ. އާދާރަކީ ބަތަލާ ތާރާ ސުތާރިއާގެ ލޯބިވެރިޔާ އެވެ.

މީޑިއާތަކުން ބުނި ގޮތުގައި އަރްމާން، 30، ގެ މައްޗަށް ތުހުމަތުކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ އަކީ މަހާރަޝްތުރާ ސްޓޭޓްގެ ޗީފް މިނިސްޓަރު އުދަވް ތާކްރީގެ ޕާޓީ ޝިވް ސެނާގެ އިސް ލީޑަރެއްގެ އިތުރުން މަހާރަޝްތުރާ ލެޖިސްލޭޓިވް އެސެމްބްލީގެ މެމްބަރު ޕްރަތާބް ސައިނިކް، ޓޮޕްސް ގްރޫޕް ކިޔާ ކުންފުންޏަކަށް ސަރުކާރުގެ ޕްރޮޖެކްްޓެއް ދިނުމުގައި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބެލެވޭތީ އެކަމާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގެކެވެ.

އަރުމާނަކީ ޕްރަތާބްގެ ދަރިފުޅު ވިހާންގް ސަރްނައިކްގެ ވަރަށް ގާތް އެކުވެރިއެކެވެ. ރިޕޯޓްތައް ބުނާގޮތުން ޓޮޕްސް ގްރޫޕަށް ކޮންޓްރެކްޓް ހޯދައި ދިނުމުގައި ފައިސާގެ ނާޖާއީޒު މުއާމަލާތްތަކެއް ހިންގުމުގައި އިސްކޮށްހުރީ ވިހާންގެވެ.

އެހެންވެ މަނީ ލޯމްޑްރިންއާ އަރުމާނާ ވެސް ގުޅުމެއް އޮތް ކަމަށް ކުރިއަށް ގެންދާ ތަހުގީގަށް ބެލެވޭތީ އަރްމާންގެ މައްސަލަ ބަލަން ނިންމީ އެވެ. މީޑިއާތަކުން ބުނީ އީޑީ އަށް އަރުމާން ހާޒޮރުކޮށް އޭނާގެ ފޯނުން މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ މުހިއްމު މައުލޫމާތުތަކެއް ވެސް ހޯދާފައިވާ ކަމަށެވެ.

މި މައްސަލައާ ބެހޭ ގޮތުން އަރުމާން މިހާތަނަށް އެއްވެސް ވާހަކައެއް މީޑިއާތަކާ ދައްކައިފައެއް ނުވެ އެވެ.