Roadha Mihaaru
އާއިލާގައި މަރުތައް ގިނަވެ ރަންދީރު ހިތް ހަލާކުވެފައި

އާއިލާގައި މަރުތައް ގިނަވެ ރަންދީރު ކަޕޫރް ހިތް ހަލާކުވެފައި

14 ފެބުރުއަރީ 2021

އާއިލާގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު ވަރަށް ގާތްގާތުގައި މަރުވުމާ ގުޅިގެން ހިތް ހަލާކުވެފައިވާ ކަމަށާއި މިހާރު ގޭގައި ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޭ ކަމަށް އެކްޓަރު ރަންދީރު ކަޕޫރް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާއިލާގެ އެންމެ ގާތް މީހުންގެ ތެރޭގައި ހިމެނޭ ބަޔަކު ވަރަށް ގާތްގާތުގައި މަރުވުމާ ގުޅިގެން ހިތް ހަލާކުވެފައިވާ ކަމަށާއި މިހާރު ގޭގައި ވަރަށް ބޮޑަށް އެކަނިވެރިކަން އިހުސާސްކުރެވޭ ކަމަށް އެކްޓަރު ރަންދީރު ކަޕޫރް ބުނެފި އެވެ.

ބަތަލާއިން ކަމަށްވާ ކަރިޝްމާ އާއި ކަރީނާ ކަރޫޕްގެ ބައްޕަ ރަންދީރު، 73، އަކީ ކުރީގެ މަޝްހޫރު އެކްޓަރު/ޑައިރެކްޓަރު ރާޖް ކަޕޫރްގެ ފަސް ދަރިންގެ ތެރެއިން އެންމެ ދޮށީ މީހާ އެވެ. އޭނާގެ ތިން ފިރިހެން ދަރިންގެ ތެރެއިން މިހާރު ދުނިޔޭގައި ހުރީ ރަންދީރު އެކަންޏެވެ.

ރަންދީރުގެ ހަގު ފިރިހެން ކޮއްކޮ ރަޖީވް ކަޕޫރް މި މަހުގެ 9 ގައި ހާޓްއެޓޭކެއް ޖެހިގެން މަރުވި އިރު، ކޮއްކޮ ރިޝީ ކަޕޫރް މިދިޔަ އަހަރުގެ އެޕްރީލް 30 ގައި މަރުވީ ލޭގެ ކެންސަރު ބަލީގަ އެވެ. އޭނާ އަކީ އެކްޓަރު ރަންބީރް ކަޕޫރްގެ ބައްޕަ އެވެ.

މިދިޔަ އަހަރު، ރަންދީރްގެ ދެ އަންހެން ކޮއްކޮއިންގެ ތެރެއިން ރީތޫ ނަންދާ ކެންސަރު ބަލީގައި މަރުވީ ޖެނުއަރީ މަހުގެ 14 ގަ އެވެ. އެ މީހުންގެ މަންމަ ކްރިޝްނާ ކަޕޫރް މަރުވީ އޮކްޓޯބަރު 1، 2018 ގަ އެވެ.

ހިންދީ ސިނަމާގެ އެންމެ ނުފޫޒު ގަދަ އާއިލާގެ ގޮތުގައި ފާހަގަކުރެވޭ ކަޕޫރް ޚާންދާންގެ އިސް މެމްބަރުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ ރަންދީރްގެ އިތުރުން ރީމާ ކަޕޫރެވެ. އޭނާ އަކީ އެކްޓަރުން ކަމަށްވާ އަރްމާން ޖެއިން އާއި އާދާރް ޖެއިންގެ މަންމަ އެވެ.

އާއިލާގެ ބަޔަކު ގާތްގާތުގައި ހާއްސަކޮށް ވަރަށް ގާތް ގުޅުމެއް އޮތް ދެބެއިންގެ ކުއްލި ވަކިވުމާ އެކު ހިތް ކުދިކުދިވެފައި ހުރި ރަންދީރު ބުނީ އޭނާ މި ވަގުތު ހުރީ އާއިލާއާ ދޭތެރޭ ވަރަށް ފިކުރު ބޮޑުވެފައި ކަމަށެވެ.

"ނޭނގޭ އެއްގޮތަކަށް ވެސް މި ވާ ގޮތެއް. އެންމެ ގާތް މީހުން ވަކިވެގެން އެ ދިޔައީ. އަހަރެން މިހާރު މުޅިން އެކަނިވެރިވެއްޖެ. މުޅި ގޭގައި ވެސް އޮތީ އެކަނިވެރިކަމާއި ހިމޭންކަން،" ރަންދީރު ބުންޏެވެ. "އެކަމަކު މިއީ ތަގުދީރުގެ ނިޔާ. އެކަމާ ޖެހޭނީ ރުހެން. ކުރެވޭނެ ވަކި ކަމެއް ނެތް. ވާން ހުރި ކަމެއް ވިއްޔާ ވާނެ."

ބެލުންތެރިންނަށް ކާމިޔާބު އެތައް ފިލްމެއް ގެނެސްދިން ރަންދީރްމެންގެ ބައްޕަ ރާޖް ކަޕޫރް މަރުވީ 1988 ގަ އެވެ.

އެ އާއިލާ އަށް ނިސްބަތްވާ މަޝްހޫރު ފިލްމު ކުންފުނި އާރްކޭ ސްޓޫޑިއޯ ހިންގި ތަން ވެސް 2019 ގައި ވަނީ ވިއްކާލައިފަ އެވެ. އެކަމަކު އެ ސްޓޫޑިއޯ އަލުން ދިރުވަން ފިލްމެއް ޑައިރެކްޓްކުރަން އުޅޭ ކަމަށް މިދިޔަ އަހަރު ރަންދީރު ބުނެފައިވެ އެވެ.

އާރްކޭ އިން އެންމެ ފަހުން ގެނެސްދިން ފިލްމަކީ 1999 ގައި ރިޝީ ޑައިރެކްޓްކުރި "އާ އަބް ލޯޓް ޗަލޭ" އެވެ.