Roadha Mihaaru
ކުޅުދުއްފުށިން ގެއްލުނު ކުއްޖާ ފެނުނީ ހޮސްޕިޓަލުން

ކުޅުދުއްފުށިން ގެއްލުނު ކުއްޖަކު ފެނުނީ ހޮސްޕިޓަލުން، ގެންދިޔަ މީހަކު ނޭނގޭ

04 ޖޫން 2021

ހދ. ކުޅުދުއްފުށިން ރޭ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނުނީ ހޮސްޕިޓަލުން ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހދ. ކުޅުދުއްފުށިން ރޭ ގެއްލިގެން ހޯދަމުންދިޔަ ކުއްޖާ ފެނުނީ ހޮސްޕިޓަލުން ކަމަށާއި އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

އެ ކުއްޖާގެ ދެބެއިންގެ ދެދަރި މީހަކު "މިހާރު" އަށް ބުނި ގޮތުގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ގެއްލިގެން ހޯދަން ފެށީ، ޓިއުޝަން ކްލާސް 9:15 ގައި ނިމުމުން ބަލައި ދިޔައިރު ކުއްޖާ އެތަނުގައި ނެތުމުންނެވެ.

"އެކަނި ދިޔައީ 8:15 ގައި ޓިއުޝަނަށް. ދެން އެރޭ ބަލައި ދާނަމޭ ބުނެފަ އޮތީ ވެސް. 9:15 ގައި ދިޔައިރު އޭނާ ނެތިގެން، ދައްތަ އަޅުގަނޑަށް ގުޅާފައި 10:30 ހާއިރު އެހި ކުއްޖާ ދުށިންތޯ. ދެން ކިހިނެއްތޯ ވެގެން އުޅެނީ ބެލިއިރު ޓިއުޝަނަށް ދިޔަ ފަހުން ހަބަރެއް ނުވޭ. ސޯޝަލް މީޑިއާގައި ފޮޓޯ އާންމުކޮށް ހޯދަން ފެށީ އެހެންވެ،" އެ މީހާ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކުއްޖާ ގެއްލިގެން ރަށު އޮފީހަށް އެންގުމުން އަޑުގަދަ ކުރާ ބޭނުންކޮށްގެން އެ ވާހަކަ ގޮވަން ތައްޔާރުވަމުންދަނިކޮށް، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ގުޅައި އެތަނުގައި ކުއްޖާ އޮތް ވާހަކަ އެންގި އެވެ.

އެ މީހާ ބުނީ ކުއްޖާ އެތަނަށް ގެންދިޔައިރު ހޭވެސް ނެތް ކަމަށެވެ. އެކަމަކު މިހާރު ހޭ އަރާފައިވާ ކަމަށާއި ކުއްޖާ ކިޔައިދިން ގޮތުގައި އެ ކުއްޖާ އަށް ވެސް "ވީނުވީ" އެއް ނޭނގެ އެވެ. ކްލާސް ނިންމި ގޮތަށް ކުއްޖާ ދިޔައީ ކޮން ތަނަކަށް ކަމެއް ސާފު ނުވިޔަސް، އެ ކުއްޖާ ބުނި ގޮތުގައި، މޫނު މައްޗަށް އަނދިރިވެ، އަނބުރާ ގަތް ވަގުތު މީހަކު އޭނާގެ ގައިގައި ހިފެހެއްޓި އެވެ. އެކަމަކު އެއީ ކާކުކަން ކުއްޖާ އަށް ވެސް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އޭނާ ބުނަނީ ތިމަންނަ ގައިގައި މީހަކު ހިފެހެއްޓިއޭ. އެކަމަކު އެއީ ކާކު ކަމެއް އޭނާ އަށް ވެސް ނޭނގެޔޭ. އެ މީހާ ކަމަށް ވަނީ އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައީ. އެކަމަކު ނަރުހުންނަށް ވެސް އެއީ ކާކުކަމެއް ނޭނގެޔޭ ބުނަނީ،"

އޭނަ ބުނި މީހަކު އަނިޔާއެއް ނުކުރެޔޭ. ކަމެއް ވެސް ނުކުރެޔޭ. ބޭރު ފުށުން ނެތް ފެންނާކަށް ވެސް އަނިޔާއެއް. އެކަމަކު ހޮސްޕިޓަލުން ޓެސްޓްތަކެއް ވެސް ހެދި - އާއިލާ އިން ވާހަކަ ދެއްކި މީހާ

އެ މައްސަލަ ފުލުހުން ވެސް ތަހުގީގުކުރަމުން އަންނައިރު ސީސީޓީވީ ފޫޓޭޖްގެ އެހީގައި އެއީ ކާކުކަން މިހާރު ފުލުހުންނަށް ދެނެގަނެވިފައިވާ ކަމަށް އެ މީހާ ބުންޏެވެ. އެކަމަކު، ފުލުހުން އެ މައުލޫމާތުތައް އާއިލާއާ ހިއްސާކުރާނީ އިތުރަށް ބެލުމަށް ފަހު ކަމަށް ވެސް ބުންޏެވެ.

އާއިލާ އިން ވަކި މީހަކަށް ޝައްކު ނުކުރިޔަސް، އެ ހާދިސާ ހިނގާދިޔަ ގޮތުން ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް އާއިލާ އިން ދެކެ އެވެ. ނަމަވެސް އެ މީހާ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ފިލުމުން ޝައްކުކުރެވޭ ކަމަށް އާއިލާ އިން ތުހުމަތު ކުރެ އެވެ.

ހާދިސާ ހިނގި ގޮތުން އާއިލާ އިން ވެސް ވާނުވާއެއްގައި ތިބިއިރު އެ މީހުން އަންނަނީ މިކަން އިތުރަށް އޮޅުން ފިލުވަމުންނެވެ.