Roadha Mihaaru
ގޫގުލް އިން ބުނީ އެންމެ ހުތުރީ ކަންނާޑާ ބަސް ކަމަށް

އެންމެ ހުތުރީ ކަންނާޑާ ބަސް ކަމަށް ގޫގުލް އިން ބުނުމުން އިންޒާރު ދީފި

05 ޖޫން 2021

އިންޑިއާގެ އެންމެ ހުތުރު ބަހުރުވަކީ ކޮބައިތޯ ގޫގުލް ގާތު އެހުމުން އެއީ ކަންޑާނާ ބަސް ކަމަށް ބުނެފައިވާތީ އެ މައްސަލާގައި ކަރްނާޓަކާ ސްޓޭޓް އިން ގޫގުލް އަށް ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންމެ ހުތުރު ބަހުރުވަކީ ކޮބައިތޯ ގޫގުލް ގާތު އެހުމުން އެއީ ކަންޑާނާ ބަސް ކަމަށް ބުނެފައިވާތީ އެ މައްސަލާގައި ކަރްނާޓަކާ ސްޓޭޓް އިން ގޫގުލް އަށް ދައުވާކުރާނެކަމުގެ އިންޒާރު ދީފި އެވެ.

އެ ސްޓޭޓުން ބުނީ އެތަނުގެ ރަސްމީ ބަހަކީ އިންޑިއާ އެންމެ ހުތުރު ބަސް ކަމަށް ގޫގުލް އިން ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ކަރުނާޓަކާ ސްޓޭޓަށް ކުރި ފުރައްސާރައިގެ އަމަލެއް ކަމަށެވެ.

މި މައްސަލާގައި ދެކުނު އިންޑިއާގެ ނުފޫޒު ގަދަ ސިޔާސީ ވަރަށް ގިނަ ބަޔަކު ވެސް ގޫގުލް އަށް ފާޑުކިޔާފައިވެ އެވެ.

ކަރްނާޓަކާ ސްޓޭޓްގެ ފޮރެސްޓް ޑިޕާޓްމަންޓް މިނިސްޓަރު އަރުވިންދު ލިމްބަވާލީ ވިދާޅުވީ ގުގޫލްގެ އެ އަމަލަކީ ކަންނާޑާ ބަހުން ވާހަކަ ދައްކާ މީހުންނަށް ކުރި ފުރައްސާރައެއް ކަމަށާއި އެކަމަށް ވަގުތު މާފަށް އެދެން ވެސް ޖެހޭނެ ކަމަށެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ކަންނާޑާ ބަހަކީ 2،500 އަހަރުގެ ދިގު ތާރީހެއް އޮތް މުއްސަނދި ބަހެއް ކަމަށާއި އެބަހަށް ފުރައްސާރަކުރުމަކީ އިންޑިއާ އަށް ދިން ހަމަލާއެއް ކަމަށެވެ.

މި މައްސަލަ ހޫނުވެ، އިންޒާރު ދިނުމުން ގޫގުލް އިން މިހާރު ވަނީ މާފަށް އެދިފަ އެވެ.

ގޫގުލް އިންޑިއާ އިން ކަންނާޑާ ބަހުން ނެރުނު ބަޔާނެއްގައި ބުނީ އިންޑިއާގެ އެންމެ ހުތުރު ބަހުރުވަ އަކީ ކަންނާޑާ ބަސް ކަމަށް ސާޗް ރިޒަލްޓުން ދެއްކީ އޮޅުންބޮޅުންގަނޑެއްގެ ތެރެއިން ކަމަށާއި އެކަން މިހާރު ހައްލުކޮށްފައިވާ ކަމަށެވެ.

"އަހަރެމެން ގަބޫލުކުރަން މިކަހަލަ ކަމެއް ހިނގައިގެން ނުވާނެ ކަމަށް. އަދި އެކަންވީ އޮޅުންގަނޑެއްގެ ތެރެއިން. ދިމާވި މައްސަލަ އަހަރެމެންގެ ސަމާލުކަމަށް އައުމާ އެކު އަހަރެމެންގެ އެލޮގްރިދަމް އިތުރަށް ރަނގަޅުކޮށް އެކަން މިހާރު ވަނީ ހައްލުކޮށްފައި،" ގޫގުލް އިންޑިއާ އިން ބުންޏެވެ.

ބަހުގެ މައްސަލާގައި ގޫގުލް އިން ކަރްނާޓަކާ ސްޓޭޓް ރުޅި އަރުވައިލުމާ ގުޅިގެން އެ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު އެޗްޑީ ކުމާރަސުވާމީ ކުރި ޓްވީޓްތަކެއްގައި ވިދާޅުވީ އެއްވެސް ބައެއްގެ ބަހަކަށް ބަހުރުވައަކަށް ކުޑައިމީސްމީކޮށް އެއްޗެހި ބުނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ.

"އެފަދަ ކަންކަން ކުރާ ނަމަ ފިތުނަ އުފެދުން ނޫން ކަމެއް ނުވާނެ." އޭނާ ވިދާޅުވި އެވެ.