Roadha Mihaaru
ޑިފެންސްގެ ނައިބުގެ މައްޗަށް ދައުވާކޮށްދޭން އެދިއްޖެ

ވަކިވަކި ސިފައިން ހާޒިރު ކުރަން ދެކޮޅު ހެދުމުން ޑިފެންސްގެ ނައިބަށް ދައުވާ ކުރަނީ

05 ޖޫން 2021

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުގައި އެދިއްޖެ އެވެ.

ޒަމީލަށް ދައުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވީ، ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމުން އެކަމަށް އިންކާރު ކުރައްވައި، މަޖިލީހުގެ އިދާރާ އަށް ފޮނުއްވި ސިޓީގައި އޭނާ ސޮއިކުރައްވާފައި އޮތުމުންނެވެ.

ޑިފެންސް މިނިސްޓްރީން މަޖިލީހުގެ އިދާރާ އަށް އަންގާފައިވާ ގޮތުގައި ވަކިވަކި ސިފައިންގެ ބަދަލުގައި މަޖިލީހަށް ޖަވާބުދާރީ ވާނީ އެ މުއައްސަސާ އެވެ.

އެ މައްސަލައިގައި ޒަމީލަށް ފިޔަވަޅު އަޅައި ދިނުމަށް އެދި ޕީޖީ އަށް ފޮނުވާފައިވާ ކަން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓާ ހަސަން ޒިޔާއު "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި އެމްއެންޑީއެފަށް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ނަޝީދު ވެސް ވަނީ އެކަމާ ދެކޮޅަށް ވާހަކަފުޅު ދައްކަވައިފަ އެވެ.

ވަކިވަކި ސިފައިން މަޖިލީހުގެ ކޮމިޓީ އަށް ޖަވާބުދާރީ ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން ބުންޏަސް، ސުޕްރީމް ކޯޓުން ކުރިން މަޖިލީހަށް ލަފާދީފައި އޮތީ ވަކިވަކި ސިފައިން ވެސް ކޮމިޓީ އަށް ޖަވާބުދާރީ ކުރުވޭނެ ކަމަށެވެ.