Roadha Mihaaru
ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ކަންބޮޑުވޭ

ވަކިވަކި ސިފައިން މަޖިލީހަށް ޖަވާބުދާރީވާން ކަންބޮޑުވޭ: މާރިޔާ

07 ޖޫން 2021

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް، އެ ސިފައިންނާ ޖަވާބުދާރީކުރުމަށް މަސައްކަތްކުރާތީ އެ ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ވަކިވަކި ސިފައިން ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ހާޒިރުކޮށް، އެ ސިފައިންނާ ޖަވާބުދާރީކުރުމަށް މަސައްކަތްކުރާތީ އެ ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލައާ ގުޅިގެން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީ އަށް ވަކިވަކި ސިފައިން މަޖިލީހަށް ހާޒިރު ކުރުމަށް މަޖިލީހުން ނިންމާފައި ވަނިކޮށް، ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވައި މަޖިލީހުގެ ރައީސްއަށް ފޮނުވި ސިޓީގައި ވަނީ އެކަމަށް އިންކާރު ކުރައްވައިފަ އެވެ.

އެ ސިޓީގައި ބުނެފައި ވަނީ ސިފައިންގެ ފަރާތުން ޖަވާބުދާރީވާނީ ސިފައިންގެ ލަފާދޭ މަޖިލީހުން ޗީފް އޮފް ޑިފެންސް ފޯސްއަށް ދެއްވާފައިވާ ލަފުގައިވާގޮތުގެ މަތިން ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުން ކަމަށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި މިނިސްޓަރު ވިދާޅުވީ ކޮމިޓީއަށް ހާޒިރުވާން އޭނާ އަށް އަދި އަންގާފައިނުވާ ކަމަށެވެ. އެކަމަކު އަންގައިފި ނަމަ، ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކޮމިޓީއަށް ހާޒިރުވެވަޑައިގަންނަވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި އައްސަވާ ކޮންމެ ސުވާލަކަށް ޖަވާބު ދޭ ގޮތަށް ހުންނާނެ މީހެއް ވެސް މެ. މި ދަންނަވާހެން އަޅުގަނޑަށް ގާނޫނުން މި ކަންކަން މަޖުބޫރު ވެސް ކުރުވާ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވި ގޮތުގައި މުއައްސަސާއިން ޖަވާބުދާރީވާން ޖެހޭނެ ކަމަށް ބުނުމުން އެކަން ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވާނެ އެވެ.

އަޅުގަނޑުމެންގެ އަސްކަރިއްޔާއަކީ 129 އަހަރުވެފައި އޮތް އަސްކަރިއްޔާއެއް. އެ ބޭފުޅުން މި ވިދާޅުވަނީ އެ ބޭފުޅުންގެ ލަފާދޭ މަޖިލީހުން އެ މީހުންގެ ވަކިވަކި މީހުންގެ ނަން ޖަހައިފައި ސިއްރު ޖަހައިފައި ސިޓީއަކުން އެ މީހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފި ކަމަށްވަންޏާ އެ ކުދިން އެބަ ކަންބޮޑުވުމާ އެކު އާދޭ -. މާރިޔާ

"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި މި އޮންނަނީ ސިފައިންގެ މީހުން އެ މީހުންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަން ވާނީ ހަމައެކަނި ސިފައިންނަށާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރަށާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށް ކަމަށް."

އެގޮތަށް ކަން އޮންނައިރު މާރިޔާ ވިދާޅުވީ ފަރުދީ ގޮތުން ސިފައިން މަޖިލީހަށް ހާޒިރުކުރުމަކީ ގާނޫނީ ކުށެއް ކަމަށް ސިފައިން ދެކޭތީ އެކަމުގައި ގައުމީ ދިފާއީި ބާރުގެ ލަފައެއް އެ ސިފައިން ބޭނުންވި ކަމަށެވެ.

"އެގޮތަށް ނިންމި އިރު ވެސް އަޅުގަނޑުމެން އަބަދުވެސް ދެންނެވީމު، މުއައްސަސާ ޖަވާބުދާރީވުމުގައި ރައްޔިތުންގެ މަޖިލީހަށް ފުރިހަމަ އެއްބާރުލުން ދޭނަމޭ،" މާރިޔާ ވިދާޅުވި އެވެ.

ވަކިވަކި ސިފައިން ހާޒިރުކުރުމަށް އިންކާރު ކުރުމުން މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ޒަމީލްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މަޖިލީހުން ވަނީ ފޮނުވައިފަ އެވެ.

ނަޝީދު އަވަހާރަ ކޮށްލުމަށް ބޮމުގެ ހަމަލާ ދިން މައްސަލާގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން ހިންގާ ތަހުގީގަށް ވަކިވަކި ސިފައިން ޖަވާބުދާރީ ނުވާން ނިންމާފައިވާ މައްސަލާގައި އެމްއެންޑީއެފަށް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. އެކަމާ ދެކޮޅަށް ނަޝީދު ވެސް ވާހަކަފުޅު ދައްކަވާފައިވެ އެވެ.